ދައްޕަރުގެ މަޝްރޫއު އާއި "ހިޔާލީ" ކަންބޮޑުވުންތައް!

ހއ. ދައްޕަރު --

އާދަޔާހިލާފު ރީތިކަމެއް ލިބިގެންވާ ހއ. ދައްޕަރަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އަތޮޅުގައި ހިމެނޭ ފިއްލަދޫ އާ ގުދުރަތީ ގޮތުން ގުޅިފައިވާ ބިން ބޮޑު ރަށެކެވެ.

ފިއްލަދޫއާ ބިމުން ގުޅިފައި އޮންނަ ނަމަވެސް، ދައްޕަރު އޮންނަނީ ވަކި ރަށެއްގެ ގޮތުގަ އެވެ. މީހުން ދިރިނޫޅުނު ނަމަވެސް މި ރަށުން އިގްތިސާދީ ގޮތުން ކޮންމެވެސް ކަހަލަ ފައިދާއެއް ގައުމަށް ލިބިދިނުމަށް ބޭނުންކުރުމަށް އެމްޑީޕީގެ ޒައާމަތުގައި ދެ ސަރުކާރަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް މި ރަށުން އިގްތިސާދީ މަންފާ ހޯދުމުގައި ސަރުކާރާއި އަތޮޅުގެ ގިނަ ބަޔަކާއި ދެމެދުގައި ވިސްނުމުގެ ތަފާތުތަކެއް އެބަ ހުއްޓެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ވެރިކަމަށް އެމްޑީޕީގެ ސަރުކާރެއް 2009 ވަނަ އަހަރު އައިތާ އެއް އަހަރު ދުވަސް ތެރޭ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ފަސް ރަށެގައި ހައުސިން ޔުނިޓް އަޅައިދޭ ކުންފުންޏަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ބިން ދޫކުރުމަށް ހަމަޖެހުނެވެ. އެ މަޝްރޫއު ހަވާލުކުރީ މިހާރު ދިވެހިން ދަންނަ ދޫ މައްޗަށް ފަރިތަ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏަށެވެ.

10 އަހަރު ފަސް

ޖުލައި 20 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ސަރުކާރުން ހއ. ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީސްކޮށް ނުވަތަ ވިއްކާލައި އެތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް އިއުލާން ކުރެއްވި އެވެ.

ރެޒިޑެންސް ވިސާގެ ވާހަކަ އަންނަ ހިސާބުން ގިނަ ބަޔަކަށް ވިސްނުނީ އެއީ ރާއްޖޭގެ ރައްޔިތުންކަން ދިނުންކަމަށެވެ. އެހެންނަމަވެސް އެއި އެކަން އޮންނަ ގޮތެއް ނޫނެވެ. ރެޒިޑެންސް ވިސާ ދިނުމުން ބޭރުގެ ފަރާތްތަަކަށް ލިބޭނީ ހަމައެކަނި ރާއްޖެއަށް އެތެރެވުމުގައި ފަސޭހަތެކެވެ. ރައްޔިތުކަމެއް ނުލިބޭނެއެވެ.

އެހެންނަމަވެސް ހއ. އަތޮޅުގެ ގިނަ ރައްޔިތުން ތަކެއްގެ ވިސްނުން ހުރީ މިފަދަ ގޮތަކަށް ދިގު މުއްދަތަކަށް ބިން ބޮޑު އަދި ރީތި ދައްޕަރު ކުއްޔަށް ދޫކުރުމަށްވުރެވެސް އެ އަތޮޅަށް ފައިދާ ހުރި އެހެހްނ ގޮތްތަކެއް ހޯދައި އެކަން ތަންފީޒުކުރާށެވެ.

ދިގު މުއްދަތަސް ކުއްޔަށް ދިނުމުގެ ބަދަލުގައި އެ ރަށުން އަތޮޅަށް ފައިދާ ހުރި އެހެންކަމެއް ކުރުމަށް ނުވަތަ އެ ސަރަހައްދު ރައްކާތެރިކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހެދުމަށެވެ.

ފިއްލަދޫއިން "ސަން" އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި ދިގު މުއްދަތަކަށް ދައްޕަރު ކުއްޔަށް ދުކުރުން އެއީ އާ ކޮންސެޕްޓްއަކަށް ވުމުން އެ ރަށުން ފިއްލަދޫއަށްވެސް އަދި އަތޮޅުގެ ކުރިއެރުމަށްވެސް މާ ބޮޑުކަމެއް ވާނެތަނެއް ނުފެނެއެވެ.

އޭގެ ބަދަލުގައި ފިއްލަދޫ އަދި އަތޮޅުގެ ގިނަ ޒުވާނުންނަކީވެސް ރިސޯޓު މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ބަޔަކަށް ވުމުން އެ ރަށް ސިޓީ ހޮޓަލަކަށް ނުވަތަ ރިސޯޓަކަށް ހެދުން އެއި މާ ރަނގަޅު ގޮތެކެވެ. ސަބަބަކަށް ވަނީ ކައިރީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އޮތުމުންނާވެސް އެކުގައެވެ. އެހެން ހެދުމުން އަތޮޅަށް މާ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

"ކުރިން އޮންނާނީ ނުގުޅި، ފިއްލަދޫ އާ ދައްޕަރު. މިހާރު ގުދުރަތީ ގޮތުން ގުޅިފައި. ވަރަށް ގިނައިން ދާނެ ފިއްލަދޫ މީހުން އެ ރަށަށް، ބަލަނީ ހަމަ އެއް ރަށެއްގެ ގޮތުގައި މިހާރު. ވަރަށް ރީތި ރަށެއް އެއީ، މޫދުވެސް ކުޅިވެސް. ދެން އެ ރަށް ރިސޯޓަކަށް ހެދުން އެއީ ފިއްލަދޫ ގެ ވަރަށް ގިނަ ބައެއްގެ ހުވަފެނެއް އަސްލު." ފިއްލަދޫ ރައްޔިތަކު ކިޔައިދިނެވެ.

އުތުރުގެ އަތޮޅެއް މިފަދަ ގޮތަކަށް ދޭން ސަރުކާރުން ވިސްނަމުންދާތީވެ އަނެއްކާވެސް ވަނީ ރާއްޖޭގެ މިނިވަންކަމަށް އަރާފާނެ ބުރޫއެއްގެ ބިރު އާލާވާން ފަށައިފައެވެ. އުތުރުގެ ރަށަކަށްވެ އުތުރުން އިންޑިއާ އާއި ދެމެދު ފެރީ ނިޒާމު ގާއިމުވުމުން އެ ރަށުން ބިންގަތަށް އެންމެ ގާތީ އިންޑިޔާ ރައްޔިތުންތަކެއް ބިންގަތުންކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ފިއްލަދޫގެ އެހެން ރައްޔިތަކު ބުނިގޮތުގައި ފެރީ ނިޒާމަކީ ދިވެހިންނަށް މާ ބޮޑު ފައިދާއެއް އޮންނަ ކަމެއް ނޫނެވެ. އެއި ބޭރު މީހުންނަށް އެކަމުން ފައިދާވާނޭ ކަމެކެވެ. އަދި ދިގު މުއްދަތަކަށް އެ ބިން ދުކުރުމުން ރާއްޖޭގައި ދީނީ އަދި އިޖުތިމާއީ ކަންކަމަށް ބުރޫ އަރާފަދަ ކަންކަން ދައްޕަރުގައި ކުއްޔަށް ހިފާ ފަރާތްތަކުގެ ކިބައިން ކުރިމަތިވުމަކީ ކަންބޮޑުވާ ކަމެކެވެ.

ދަތުރުފަތުރު މުހިންމު ވިޔަސް އެއީ ރާއްޖޭގެ ރައްޔިތުންނަށް ކިހާ ފައިދާއެއް ހުރިކަމެއްކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

"ކޮންމެ ގައުމަކަށްވިޔަސް އެތަނުގައި އުޅެންޏާ، ދީން ޕްރެކްޓިސް ކުރަންވެސް ބޭނުންވާނެ. އެއީ ދެން ދިވެހިރާއްޖޭގައި ދީނީ ގޮތުން ފެންނަން ބޭނުން ނުވާނެކަމެއް އެއްވެސް ބަޔަކު. ދެން ފެރީ ލިންކަކީވެސް މަސްތުވާތަކެތި ފަދަ އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް. މިހާރުވެސް އެކަން ބޮޑު ވެފައިވަނީ ރަނގަޅަށް ޕޯޓުތައް ނުބެލެހެއްޓީތީވެ." އެމީހާ ކިޔައިދިނެވެ.

އަތޮޅުގެ ވެރިކަން ކުރާ ރަށް ހއ. ދިއްދޫ އިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މިފަދަ ގޮތަކަށް ދައްޕަރު ދޫކުރުމަކީ އަތޮޅުގެ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ސަރުކާރަށް އާމްދަނީ ލިބުނަސް އަތޮޅަށް އޭގެން ވާ ފައިދާއާ މެދު އޭނާގެ ހިތުގައި ވަހުމްތަކެއް އެބަ ހުއްޓެވެ.

"އެހެން ސީދާ ނުބުންޏަސް، ހަގީގަތަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާޒުކޮށް ކުއްޔަށް ދިނުންތާ. ދެން ހަނިމާދޫގައި އޮންނަ ސިފައިންގެ ބޭސްގައި އިންޑިޔާގެ ސިފައިން ބައިތިއްބަން އެމީހުންގެ އެކޮމޮޑޭޝަންވެސް ދައްޕަރުން ހަމަޖެހިދާނެ. އެއީ އެހާ ރައްޔިތުން ހިތްހަމަޖެހޭ ކަމެއް ނޫން. އެޔަށްވުރެ މާ ރަނގަޅު އެހެން ކަންކަން ވާނެ އެ ރަށުން."

ދިގު މުއްދަތުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރިވަރަކަށް އަތޮޅަށް އަންނަ ފަތުރުވެރިންވެސް އިތުރުވާނެއެވެ. އެހެންވީމާ ދައްޕަރު ރިސޯޓަކަށް ނުވަތަ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކުރުމަކީ ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަމެއް ކަމަށް އެމީހާ ބުންޏެވެ.

"ދެކުނާއި އަޅާކިޔާއިރު އުތުރުގައި ރަށްތައް އެހާ ބޮޑެއްޗެއް ނުވާނެ. ބިން ބޮޑު ރަށެއް ބިން ނެތް އިރު އެގޮތަށް ދިނުން އެހާ ރަނގަޅެއް ނޫން. އޭގެ ބަދަލުގައި އެތަން ރައްކާތެރި ކުރެވިއްޖިއްޔާ އޯ؟ މިހާރު އަތޮޅުގެ އެންމެ ރީތި ރަށްތައް ބާރަށް، ކެލާ، ވަށަފަރު، އުތީމު ދެން ދައްޕަރުވެސް މި އޮންނަނީ ކައިރި ކައިރީގައި. އެ ރަށްތައް ދައްޕަރާއި އެކު ރައްކާތެރި ކުރެއްވިއްޖިއްޔާ ފަތުރުވެރިކަމަށްވެސް ކުރިއެރުން އަންނާނެ. ފަތުރުވެރިން ދާނެ، ބ. އަތޮޅު ބަޔޮސްފިޔާ ގޮތަށް އެތަން ބަލާލަން." އެމީހާ ބުންޏެވެ.

ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން އާލާކުރުން އެހެން ނޫނީ ލަނޑާ މަސްވެރިކަންވެސް ކުރިއެރުވުމަކީ ކުރެވިދާނެކަމެއްކަމަށް އެމީހާ ކިޔައިދިނެވެ. އިތުރަށް ވާހަކަދައްކަމުން އެމީހާ ބުނިގޮތުގައި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުންވެސް އެފަދަ ގޮތަކަށް ބިން ދޫކުރުމުން އެ ތަނުގައި ދިރިއުޅޭ މީހުންގެ ބައެއް ހައްގުތައް ކަށަވަރުކުރަން ފިއްތުންތައް އައުމަކީ ގާތްކަމެކެވެ.

މި ހުރިހާ ކަމަކަށް ވިސްނައި، އަތޮޅުގެ ގިނަ ބައެއްގެ ވިސްނުން ހަމަ ގައިމުވެސް ދިގު މުއްދަތަކަށް ދައްޕަރު ދޫކުރުމާއި ދެކޮޅުވާނެކަން ޔަގީންކަމަށް އޭނާ ބުންޏެވެ. އަތޮޅުގެ ގިނަ ބައެއްގެ މެދުގައި ސަރުކާރުން ވިސްނަމުންދާ ކޮންސެޕްޓާއި ދޭތެރޭ ޝައްކުތައް އުފެދިފައި. އެއީ މުޅިން އާ ކޮންސެޕްޓަކަށް ވެފައި އެ ރަށުން އަތޮޅުގެ ކުރިއެރުވުމަށް ކަމެއް ނުވާނެތީއެވެ.

"މުޅި މަޝްރޫއު އޮޅުވާލީ"

ދައްޕަރުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުގައި މައި މޭސްތިރިކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މި ހަފްތާތެރޭގައި "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ އެ މަޝްރޫއުގެ ވާހަކައަށް ވަރަށް ބޮޑަ އަލި އަޅުވާލައި މަޝްރޫއާއި ގުޅޭގޮތުން އުފެދިފައިވާ ގޯސް ވިސްނުންތަކަށް ރައްދު ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ދައްޕަރުގައި ސަރުކާރުން ވިސްނާފައި އޮތް މަޝްރޫއަކީ ބޭރުގެ ބައެއް މޮޑެލްތަކާއި އެއްގޮތަށް ރިސޯޓު ޕްރޮޖެކްޓެކެވެ.

"ވަރަށް ބޮޑަށް ޓްވިސްޓުކޮށްފައި އެއޮތީ އިނގޭތޯ. ސެކަންޑް ހޯމް އޭ އަޅުގަނޑުމެން މިކީ އަސްލު އޭގައި ފަސޭހައަކަށް މެލޭޝިޔާގައި ބޭނުން ކުރާ ލަފްޒު ބޭނުންކުރީ. ދައްޕަރު ޕްރޮޖެކްޓްއަކީ ރިސޯޓު ޕްރޮޖެކްޓެއްް. މީގަ ތަފާތަކީ ރިސޯޓަކަށްވުރެ މާ ބޮޑު ޑެވެލޮޕްމެންޓެއް." މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމަ އެންމެ ފުރާވަރުގެ އުމުރުގައި އޮތް މި މަޝްރޫއު ހަގީގަތަކަށް ވާނެ ތާރީޙެއްވެސް މިނިސްޓަރު ވަނީ އަދި ވިދާޅުވަން ދަތި ކަމަށެވެ.

"ދެން ހަމަ ޑްރޯވިންގް ބޯޑުގައި އޮތް އެއްޗެއް މިއީ. އަސާސީ ކޮންސެޕްޓްއަކީ މިހާރު ރިސޯޓުތަކުގައި އެކުރާ ގޮތަށް ރިސޯޓު އޮޕަރޭޓްކުރާނީ މެނޭޖްމެންޓްއަކުން. ކޮން ބައެއް ކަމެއް އަދި ހަމަ ނޭނގެ. ޕްރޮފެޝަނަލް ރިސޯޓެއް ގޮތަށް މިތަން އޮޕަރޭޓްކުރާނީ. ކުރާއިރު މިތަނުގެ ވިލާސް އަޅުގަނޑުމެން މި ވިއްކަނީ ލޯންގް ޓާމް އިންވެސްޓްމެންޓެއް ގޮތަށް." މިނިސްޓަރު ވިދާޅުވިއެވެ.

މިއީ މިހާރުވެސް ސިކްސް ސެންސަސް އަދި ސޮނެވާ ފަދަ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ކުރާ ކަމެއްކަމަށް އަދި ސަރުކާރުގެ ވިސްނުމަކީ އިންވެސްޓަރެއްގެ ޙަރަދުގައި އެތަނުގައި އަޅާ ވިލާސް ދިގު މުއްދަތަށް ދޫކުރުންކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޭރުން އެތަން ގަންނަ މީހާ ޗުއްޓީއަށް އަންނަން ބޭނުންވީމަ، އޭނަ އައިސް އެތާގައި ޗުއްޓީ ހޭދަ ކުރާނީ. އޭނަ ބޭނުމިއްޔާ ޗުއްޓީގައި އޭނަ ނުހުންނަ އިރު އެތަން އޮޕަރޭޓްކުރާނީ ރޫމެއްގެ ގޮތުގައި އެއްކަލަ މެނޭޖްމެންޓް ކުންފުނިން. އެހެންވީމަ މިތަނަކީ ޓޫރިސްޓު ރިސޯޓެއް އެކަމަކު އެޔަށްވުރެ ތަންކޮޅެއް އެކްސްޕޭންޑަޑް ސްކޯޕެއް މި އިންނަނީ އިނގޭތޯ. އަނެއްހެން ބުނަންޏާ އިންޓެގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް މުޅި އެއްޗަކީ." މިނިސްޓަރު ވިދާޅުވިއެވެ.

ސަރަހައްދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ!

ސަރުކާރުގެ ތަސައްވުރު ހުރީ އެތަނުގައި 300 ނުވަތަ އެޔަށްވުރެވެސް ގިނަ ކޮޓަރި އެޅުންކަމުގައިވާއިރު އެތަނުގައި އެޕާޓްމެންޓް ބްލޮކްތަކެއް ދެ ތިން ހޮޓަލުގެ ގޮތުގައި އަޅައިގެންވެސް އޮޕަރޭޓްކުރެވިދާނެއެވެ.

"މީގެން ބައިތަކެއް މި ވިއްކާލަނީ، އެއީ ސަރުކާރަށް ވަންނަ ރެވެނިއު. އޭގެ އިތުރުން މިތަން ދެން ރިސޯޓެއް ގޮތަށް އޮޕަރޭޓް ކުރާނީ. ދެން އެތަނުގައި ހުރެދާނެ ދެ ތިން ހަތަރު ޑައިވް ސްކޫލް، އެއީ ހަމަ ކުދި ވިޔަފާރިތައް، ފިހާރަ ހުންނާނެ، ރެސްޓޯރެންޓް ހުންނާނެ. އެހެންވީމަ އެ މޮޑެލްގައި އޮޕަރޭޓްކުރާނީ." މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވިއެވެ.

މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށްވެސް ފައިދާ ކުރުވާނޭކަމަށް އަދި އެތަނުގައި އޮޕރޭޓްކުރާނީ އެއް ރިސޯޓާއި ޙިލާފަށް އެތައް ބައިވަރު ވިޔަފާރިތަކެއްކަމުން އެތަނުން ސަރަހައްދުގެ ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން މިސާލަކަށް ކެލާ ނުވަތަ ފިއްލަދޫގެ ރައްޔިތުންނަށް އެތަނުގައި ވިޔަފާރީގެ ޙިދުމަތްތަކެއް ދެވިދާނެ. އެތާނގައި ޒުވާނުންތަކެއް ރެސްޓޯރެންޓެއް ނޫނީ ވޯޓާ ސްޕޯޓްސްތަކެއް ހިންގަފާނެ. އެއީ އަސްލު މި އެއްޗަކީ. ހީވެފައި އޮންނަ ގޮތާއި މުޅިން ޙިލާފަށް މިކަން އޮތީ އަސްލު." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހިންގާ ކްރޮސްރޯޑްސް އާއި ދައްޕަރުގެ މަޝްރޫއާއި ކޮންމެވެސް އެއްގޮތްކަމެއް ހުއްޓަސް ދެ މަޝްރޫއުގެ ދެމެދުގައި ތަފާތަކީ މަދު އިންވެސްޓަރުންތަކެއްގެ ބަދަލުގައި ދައްޕަރުގައި އިންވެސްޓްކުރާނީ އެތައް ބައެއް ކަމެވެ.

"އެގޮތުން އެ ފަރާތްތަކުން އެތަން ބޭނުންކުރުމަށް މިސާލަކަށް އެއްމަސް ދުވަސް ކަނޑައެޅޭނޭ. ބާކީ އޮތް ބައިގައި އެކަމަށް އޮންނަ ފީ ތަކާއި އެކު ރިސޯޓުން އެތަން އޮޕަރޭޓްކުރާނީ. އެ ހާލަތުގައި ރިސޯޓުގެ އޮކިއުޕެންސީއަށް ބަލައި އެ ފަރާތްތަކަށްވެސް އިންވެސްޓްމެންޓް ފައިދާގެ ގޮތުގައި ކޮންމެވެސް ވަރެއް ލިބޭނެ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ވަކި ގައުމަކަށް އަމާޒެއް ނެތް!

އިންޓަވިއުގެ ތެރެއިން މިނިސްޓަރު ފައްޔާޒް ވަނީ ދައްޕަރަށް އިންވެސްޓް ކުރާ ފަރާތްތަކަށް ރެޒިޑެންސް ވިސާ ދިނުމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ.

"ވަކި ވަކި އިންވެސްޓަރުން އެއްކަލަ ބޮޑު ރިސޯޓަކަށް ކުރުމުގެ ބަދަލުގައި މިތަނަށް މި އަންނަނީ 100 އިންވެސްޓަރުން މިސާލަކަށް. 100 ރޫމް މި ގަންނަނީ 100 މީހުން. ދެން އެމީހުންނަށް އިންސެންޓިވްއެއްގެ ދިނުމުގެ ގޮތުން އަޅުގަނޑުމެން މިދެނީ، އަޅުގަނޑުމެން ޕްރޮޕޯސް މި ކުރަނީ އެއްކަލަ ރެސިޑެންސް ވިސާގެ ވާހަކަ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ރެޒިޑެންސް ވިސާއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެސް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ އެތަނަށް އިންވެސްޓްކުރާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކޮށް އެ ފަރާތްތަކަށް ފަސޭހަތަކެއް ގެނައުމަށް ކުރެވޭ ކަމެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ހަގީގަތުގައި ރެސިޑެންސް ވިސާއަކީ ޓޫރިސްޓު ވިސާއެއް ދިގުކޮށްލާފައި ދިނުމެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ރެސިޑެންސް ވިސާ އޮންނަ މީހަކު ގްރީން ޓެކްސް ފަދަ ކަންކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނޭއިރު އެގޮތަށް ބޭރުގެ ބައެއް މަޝްހޫރު ވިޔަފާރިވެރިން މިހާރުވެސް ރާއްޖޭގައި ދިރިއުޅެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ވަކި ގައުމެއްގެ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަމަށް ބުނަ ވާހަކައަކީވެސް ޙިޔާލީ ފޮލާއެއްކަމަށް މިނިސްޓަރު ފައްޔާޒް ސިފަކުރެއްވިއެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެން އިންޑިޔާއަށް ޓާގެޓްކޮށްގެން ކުރާ ކަމެއް ނޫން. ހަމަ ޔޫރަޕިއަންސް އަށް އަޅުގަނޑުމެން މައިގަނޑުކޮށް ޓާގެޓްކުރަނީ. ޕްލަސް ޗައިނީޒް އަށް އަދި މިޑްލް އީސްޓަށް. އިންޑިޔާ އަކީ އަސްލު މާ ބޮޑު މާކެޓެއް ހެނެއްވެސް ނުފެނޭ މި އެއްޗަށް." މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވިއެވެ.

ދައްޕަރުގެ މަޝްރޫއަށް ސަރުކާރުން ވަރަށް ބޮޑަށް މެދުއިރުމަތީގެ ފަރާތްތަކަށް އަމާޒުކުރާ އެއް ސަބަބަކީ އެ ސަރަހައްދުގެ މެދުފަންތީގެ މީހުންނަކީވެސް މިފަދަ ވިލާތައް ގަނުމުގެ ގާބިލުކަން ހުރި ފަރާތްތަކެއްކަން މިނިސްޓަރު ފައޔްާޒް ވިދާޅުވިއެވެ.

"މިޑްލް އީސްޓުގައި މެދުފަންތީގެ މީހުންނަކީ އަޅުގަނޑުމެންގެ މެދު ފަންތިއާއި ތަފާތު ބައެއް. އެތަންތާގެ މެދުފަންތީގެ މީހުންނަކީ އަޅުގަނޑުމެންގެ މިތަންތާގެ މިލިއަނަރުން، ރާއްޖޭގެ ފެންވަރަށް ބަލައިފިއްޔާ. ދެން އެ ރެސިޑެންސް ވިސާ އަކި އަސްލު ބޯނަސްއެއް، އަސްލު ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން. އިންވެސްޓްމެންޓާއި ގުޅިގެން ދެވޭ އެއްޗެއް މިއީ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މެދުއިރުމަތީގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ރިސޯޓުތަކަށް އާއިލާއާއެކު އައުމަށް ފަސްޖެހޭއިރު ދައްޕަރު ފަދަ ތަނެއްގައި އެ ފަރާތްތަކަށް އެ "ޕްރައިވެސީ" ލިބި އެތަނުގައި އިސްލާމިކް ޓޫރިޒަމް ކުރިއަރައި އެތަން އެހެން ފަރާތްތަކަށްވެސް ޕްރޮމޯޓުވާނޭކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"މިއީ އަސްލު މި ކުރަން މިއުޅޭ ކަމަކީ. މުޅި އެތި ޓްވިސްޓުކޮށްލައިގެން. އެ އަސްލު ސެކަންޑް ހޯމް އޭ (މި ކިޔަނީ) އަސްލު އަޅުގަނޑުމެން އޭގެ އެޓްރެކްޝަނެއް ގޮތަށް. މިދެންނެވި ކަހަލަ ބައިވަރު އައިޑިއާތަކެއް މިކްސްކޮށްގެން މި އަންނަނީ. އާދައިގެ ރިސޯޓެއް އޮޕަރޭޓް ކުރުމަށްވުރެ މާ ބޮޑު އެއްޗެއް މިއީ. އެތައް ސަތޭކަ ގުނައެއް އިތުރުވޭ. އިކޮނޮމީއެއް މި ކްރިއޭޓް ވަނީ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ދައްޕަރު އެއް ބައެއްގެ މިލްކަކަށް ނުވާނެ!

ދައްޕަރުގެ މަޝްރޫއު ހަގީގަތަކަށް ވެއްޖެ ނަމަ ސަރުކާރަށް ބޮޑު ފައިދާއެއް ލިބިދާނެކަމަށް އަންދާޒާކުރަމުން މިނިސްޓަރު ވިދާޅުވީ އެ ފައިދާއިން ރާއްޖޭގެ އުމްރާނީ އެތައް މަސައްކަތްތަކެއްވެސް ކުރާނެކަމަށެވެ. މަޝްރޫއަށް ދައްޕަރު އިޙްތިޔާރުކުރީ އެއީ އުތުރުގެ އިގްތިސޯދީ ފައިދާއަސް ވިސްނުމަށްފަހު ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ދެން ދައްޕަރު އަސްލު ޗޫޒް ކުރީ އުތުރު ތަރައްގީ ކުރުމަށް އަދި އުތުރުގެ އިގްތިސޯދު ވަރުގަދަ ކުރުމަށް. އަނެއްކާ ބިން ބޮޑު ރަށެއް. ދެން އަނެއްކާ އެންމެ ބަޔަކަށް ރިސޯޓެއް ހަދަން ދޫކޮށްލާ ވަރަށް ވުރެ ބޮޑު ރަށެއް އެއީ." މިނިސްޓަރު ވިދާޅުވިއެވެ.

ހއ. ދައްޕަރު.

ހިސާބުގަނޑުގެ ބޭފުޅުންގެ ކަންބޮޑުވުމެއް މިކަމާއި ގުޅިގެން އޮތް ކަމަށް ސަރުކާރަށް ފާހަގަވެފައި ނުވާއިރު މި މަޝްރޫއުގައި އެ ސަރަހައްދުގެ މަޖިލިސް މެންބަރުންނާއިވެސް މަޝްވަރާ ކުރެވުނުކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"އައިޑިއާގެ ޖެނެރަލް މަޝްވަރާތަކެއް ކުރީ ހއ. ގެ މަޖިލިސް މެންބަރުންނާއިވެސް. އަދި ހާއްސަކޮށް ކެލާ ދާއިރާގެ މެންބަރާއިވެސް. ދެން އެބޭފުޅުން ވަރަށް މަރުހަބާކީ. އެއީ ރިސޯޓަކަށްވުރެ މާ ބޮޑު ޑެވެލޮޕްމެންޓެއް މި އަންނަނީ އިނގޭތޯ." މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދައްޕަރު އެންމެ ކުންފުންޏަކަށް ދޫކުރުމުން އެތަނުން ލިބޭނީ ލިބެންޖެހޭ ހަގީގީ ފައިދާއާއި ކައިރިވެސް ނުކުރާހާ ދަށް އަދަދެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫއު ރަނގަޅަށް ކުރިޔަށް ހިނގައްޖެނަމަ އެއީ ރަނގަޅު މޮޑެލްއެއްކަން ސަރުކާރަށް ދަނެގަނެ މިފަދަ އެހެން މަޝްރޫއުތަކަށްވެސް އަމާޒު ހިފިދާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މިވަފުތު އެ މަޝްރޫއު އޮތީ "ޑްރޯވިންގް ބޯޑުގައި" ކަމަށް އަދި މިއީ އެއްވެސް ހާލެއްގައި "ފައިނަލް" ކުރެވި ނިމިފައި އޮތް ވިސްނުމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް