މޭޔަރު ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭގެ އެންގުމެއް

މާލޭ ސިޓީ މޭޔަރު ސިފާ ---

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވާ، މާލޭ ސިޓީ މޭޔަރު ސިފާ އަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭ އިންކުއަރީ އެއް އެލްޖީއޭ އިން ކުރިއަށްގެންދަމުންދާ ކަމަށާއި މި މައްސަލަ ހުށަހަޅުއްވާފައިވާ އެއް ކައުންސިލަރަކު ހުށަހަޅުއްވާފައިވާ މާލޭ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބެއްވި އެލްޖީއޭގެ ކުއްލި ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ.

ޝިފާއާ ދެކޮޅަށް 39 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މޭޔަރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކުރުމާއި ކައުންސިލްގެ ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް ބެލުމެއް ނެތި އަމިއްލަގޮތުން ކަންތައްތައް ނިންމުން ހިމެނެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް، ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދިނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ވޯޓު ނެގން ތާވަލު ކޮށްފައި އޮތީ މިއަދަށެވެ.

އެލްޖީއޭގެ ސިޓީގައި ބުނީ މޭޔަރު ސިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ.

ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ އަށް މެމްބަރަކު އެކަމާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ޝިފާ، އަަންނަ ކައުންސިލްގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، ނާކާމިޔާބުވެ ޓިކެޓް ވަނީ ގެއްލިފަ އެވެ. އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖަނެރަލް އަނަސް އަބްދުއްސައްތާރެވެ.

comment ކޮމެންޓް