5،000 އަށް ވުރެ ގިނަ ދުވުންތެރިންނާ އެކު އުރީދޫ އަތޮޅު ދުވުން ފަށައިފި

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވާ ދުވުންތެރިއަކު މިއަދު އިރު އަރައިގެން އައި ވަގުތު --- ފޮޓޯ// އުރީދޫ

އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަތޮޅު ރަން"ގެ ނަމުގައި ބާއްވާ ވާޗުއަލް ރަން، 5517 ދުވުންތެރިންނާ އެކު މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ފަށައިފި އެވެ.

އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ބާއްވާ މި ވާޗުއަލް ދުވުމުގެ ހަރަކާތަށް މިއަދު ހެނދުނު ފެށި އިރު މިއީ ކޮވިޑްގެ ބިރުވެރިކަމާ އެކު ތިބި ދިވެހިންނަށް އުފާވެރިކަން ގެނުވި ދުވުމަކަށްވާއިރު ރާއޖޭގެ 200 އަށް ވުރެން ގިނަ ރަށަކުންނާއި، ބޭރުގެ ކަންކޮޅުތަކުގައި ތިބި ދިވެހިން ވެސް ވަނީ ދުވަމަށް ރަޖިސްޓްރީ ވެފަ އެވެ.

މިއަދާއި މާދަމާ ވެސް މި ދުވުން ކުރިއަށްދާ އިރު، މި ރަން ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ދުވުމުގެ ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް އިއްޔެއާ ހަމައަށް ރަޖިސްޓްރޭޝަން ހުޅުވާލާފައި އޮތް އިރު 5517 މީހަކު ވަނީ މި ދުވުމަށް ރަޖިސްޓްރީކޮށްފަ އެވެ. އަދި އަރައިގެން އައި އިރާއެކު މިއަދު ވަނީ ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ދުވުންތެރިންގެ ފޮޓޯތަކާއި ޝުއޫރުތަކުން ސޯޝަލް މީޑިއާ ގުގުމާލައިފަ އެވެ.

މި ދުވުމުގެ އެންމެ ހާއްސަ ބަޔަކީ މި ހަރަކާތުގެ 15 ކިލޯ މިޓަރު ރިލޭ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ދުވުމުގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ ހާއްސަ ދުވުންތެރިއެކެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުން މި ރިލޭގެ ފުރަތަމަ ބައިވެރިޔާ ދުވުން ފަށާއިރު އޭނާއަށް ހަވާލުކޮށްފައިވާ ރާސްތާ ނިންމާލުމާ އެކު ޖެހިގެން ހުންނަ އަތޮޅުގައި ހުންނަ ދުވުންތެރިޔާ ދުވަން ފަށާނެ އެވެ. މިހެން ގޮސް 20 އަތޮޅުގެ ދުވުންތެރިންނާ އެކު 15 ކިލޯމީޓަރު ހަމަކުރާއިރު ހުރިހާ އަތޮޅެއްގެ ރީތިކަން ވެސް ދައްކުވައިދޭ ހާއްސަ ސޯޝަލް މީޑިއާ ކަވަރޭޖެއް އުރީދުން ގެނެސްދޭނެ އެވެ.

15 ކިލޯމީޓަރުގައި ބައިވެރިވާ ދުވުންތެރިން :

1. ހއ. ތުރާކުނު - މުހައްމަދު އަތީފް

2. ހދ. ކުޅުދުއްފުށި - ނަޝާ ނިޒާރް

3. ށ. ފުނަދޫ - ޝައުކަތު ޝަމް

4. ނ. ވެލިދޫ - ޝަރީފާ ހަސަން

5. ރ. އުނގޫފާރު - ހޫރުޝީދާ އަބްދުލް ގާދިރު

6. ބ.އޭދަފުށި - އަލީ އިމާދު

7. ޅ. ނައިފަރު - މޫސާ އިސްމާއިލް

8 ކ. ހުޅުމާލެ - އަހުމަދު އާތިފް

9. އއ. މަތިވެރި - ހަސަން ޝިނާން

10. އދ. މާމިނގިލި - އަައިޝަތު ސައީދު

11. ވ. ފުލިދޫ - ޝަޒްމީނާ މުހައްމަދު

12. މ. މުލަށް - އާދަމް ޝަހީމް

13. ފ. ނިލަންދޫ - މުހައްމަދު ރަޝީދު

14. ދ. ކުޑަހުވަދޫ - އަބްދުލް ލަތީފް ހަސަން

15. ތ. ގުރައިދޫ - އަހުމަދު ލަތީފް

16. ލ. ގަން - ފާތިމަތު ޒިދުނާ

17. ގއ. ގެމަނަފުށި - ހަސަން ސާޖިން

18. ގއ. ތިނަދޫ - އަލީ ޝަނީޒް

19. ފުވައްމުލައް ސިޓީ - ސުދާ އަހުމަދު

20. އައްޑޫ ސިޓީ - ޝަމާ ހާޝިމް

ފަނަރަ ކިލޯމީޓަރުގެ މިދުުވުން މިއަދު 4:00 ޖަހާއިރު ތުރާކުނުން ފަށައިގެން އައްޑޫ ސިޓީއަށް ނިންމާލަން ހިފާފައިވާ އިރު މިދުވުމުގެ ސަބަބުން އެ އަތޮޅެއްގެ ދުވުންތެރިއަކަށް އަތޮޅާއި، އެ އަތޮޅުގެ ރައްޔިތުން ތަމްސީލް ކުރަން ލިބުމަކީ ލިބޭ ބޮޑު ފަޙުރެއް ކަމަށް ދުވުންތެރިން ވަނީ ބުނެފަ އެވެ.

"ދިވެހި ތާރީހުގައި ވެސް މުޅިން އަލަށް ބޭއްވޭ މިފަދަ ދުވުމަކުން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް. މިދުވުމުން އަހަރެންގެ އަތޮޅާއި، ރަށް އަދި މި އަތޮޅުގައި ދިރިއުޅޭ އެންމެން ތަމްސީލް ކުރަން ލިބުމަކީ ބޮޑު ޝަރަފެެއް." އައްޑޫ ސިޓީން ދުވުމުގައި ބައިވެރިވާ ޝަމާ ހާޝިމް ބުންޏެވެ.

މި ދުވުމުގެ ޑިރެކްޓަރެެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައި-ރަނާސްގެ ފައުންޑާ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) އެވެ.

އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ވާޗުއަލް މެޑަލް ދޭން ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް