ޔުނައިޓެޑް އެއާލައިނުން 2،850 ޕައިލޮޓުން ވަޒީފާއިން ވަކިކުރަނީ

ޔުނައިޓެޑް އެއާލައިނުގެ ފްލައިޓެއް

ޔުނައިޓެޑް އެއާލައިނުގެ ޕައިލޮޓުންގެ ތެރެއިން 2،850 ޕައިލޮޓުން ވަޒީފާ އިން ވަކިކުރަން ނިންމައިފި އެވެ.

އެމެރިކާގެ ޔުނިައިޓެޑް އެއާލައިނުން ބުނެފައިވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ދޭ އެހީ އިތުރު ނުކުރާނަމަ އޮކްޓޯބަރު-ނޮވެމްބަރު ތެރޭ ޕައިލޮޓުންގެ ތެރެއިން 2،850 މީހަކު ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށެވެ.

ކޮވިޑުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ.

ޔުނިއިޓެޑް އެއާލައިނުން މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވަނީ ވަޒީފާ އިން ވަކިކުރާ މުވައްޒަފުންނަށް މި އަހަރުގެ އޮކްޓޯބަރު އެކަކުން ނޮވެމްބަރު 30 އާއި ދެމެދު އެކަން އަންގާނެ ކަމަށެވެ.

ޔުނައިޓެޑުން 2،850 ޕައިލޮޓުން ވަޒީފާ އިން ވަކިކުރާއިރު މިއީ ވާދަވެރި ޑެލްޓާ އަދި އެމެރިކަން އެއާލައިނުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ އަދަދަށްވުރެ އިތުރު އަދަދެކެވެ.

ގިނަ އަދަދެއްގެ ޕައިލޮޓުން ވަޒީފާ އިން ވަކިކުރަން ނިންމީ ފްލައިޓު ޑިމާންޑު ނެތުމުން ކަމަށާޢި މިއީ ފްލައިޓު ޝެޑިއުލްތަކަށާއި ކުންފުނީގެ ހާލަތަށް ރިއާޔަތްކޮށް ނިންމި ނިންމުމެއްކަމަށް ޔުނައިޓެޑުން ބުނެފައިވެ އެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ހައްލެއް ހޯދުމަށް އެމެރިކާ ސަރުކާރުން ވަނީ މާޗު މަހުގެ ތެރޭ ޔުނައިޓެޑު އެއާލައިނަށް 25 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ދީފަ އެވެ.

comment ކޮމެންޓް