ސިއްހީ ހާލުކޮޅު ގޯސްވެ ޖަޕާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ޖަޕާނުގެ ބޮޑުވަޒީރު --

ސިއްހީ ހާލުކޮޅު ގޯސްވެ، ޖަޕާނުގެ ބޮދުވަޒީރު ޝިންޒޯ އަބެ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ޖަޕާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަބޭ މިއަދު ޖަޕާނު ގަޑިންހަވީރު ފަހެއް ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

އަބޭގެ ސިއްހީ ހާލުކޮޅާމެދު ވާހަކަ ދެކެވެން ފެށީ ޓޯކިޔޯގެ ކިޔޯ ޔުނިވާސިޓީ ހޮސްޕިޓަލަށް މި މަހުގެ 14 ވާ ހުކުރު ދުވަހު ވަޑައިގެން ޓެސްޓުތަކެއް ހެއްދެވުމަށްފަހު ޖެހިގެން އައި ހޯމަ ދުވަހުވެސް އަލުން ހޮސްޕިޓަލަށް ވަޑައިގަންނަވާފައި ވަނިކޮށެވެ.

ހަބަރުތައް ބުނާގޮތުން ޖުލައި މަހުން ފެށިގެން އަބެގެ ސިއްހީ ހާލުކޮޅު ދިޔައީ ގޯސްވަމުންނެވެ. އަދި މި މަހުގެ ތެރޭގައި ހާލު އިތުރަށް ގޯސްވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަބޭ އަށްފަހު އެ ޕާޓީގެ ފަރާތުން ޖަޕާނުގެ ބޮޑުވަޒީރުކަމަށް އަންނާނެ މީހަކު ކަނޑައެޅުމާ ގުޅޭގޮތުން އޮތް ކަންބޮޑުވުމެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ އެންމެ ފުރަތަމަ ކުރެއްވީ 2006 އިން ފެށިގެން އެއް އަހަރުވަންދެނެވެ.

އެފަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބޮޑުގޮހޮރު ދުޅަވެ، ފާރުވުމަށް މަގުފަހިކުރާ ބައްޔެއް ކަމަށްވާ އަލްސަރޭޓިވް ކޮލައިޓިސްގެ ސަބަބުން ހާލުކޮޅު ދެރަވުމުންނެވެ.

އެ ބައްޔަށް މީގެ ކުރިން ލިބެން ނެތް ބޭހެއް އަބޭ މިހާރު ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. އަދި އޭނާ ގެންދަވަނީ 2012 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް