ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރަން މަސައްކަތް ފަށަނީ

ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެށް މާލޭއިން ފެނުމާގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާށްފަހު ދެ މަސް ދުވަސް ފަހުން ބޮޑު ލުއިތަކެއް ދިނުމާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެ އުޅެނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކުރަންހުރި ކަންކަން ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމަށްޓަކައި އެކުލަވައިލާފައިވާ ޕޮލިސީ ލެވެލްގެ ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގައި ބޭއްވި ޕޮލިސީ ލެވެލް ބައްދަލުވުމުގައި އެކުލަވާލި ވޯކިން ގްރޫޕުން ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ އިއްޔެގެ ބައްދަލުވުމުގައި ސްޓިއަރިން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އެ ވޯކިން ގްރޫޕާ ހަވާލުކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި އެކަންތައްތައް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަނެ އެކަންތައްތައް ފާހަގަކުރުން ހިމެނެއެވެ. އަަދި އޭގެއިތުރުން އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެކަމަށް ކަމާބެހޭ މުއައްސަސާތަކަށް ފާހަގަކުރެވޭ ގޮންޖެހުންތަކާއި ހައްލުތައް ފާހަގަކުރުމަކީވެސް އެ ވޯކިން ގްރޫޕަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކެވެ.

އެ ދެ ގާނޫނު ތަންފީޒުކުރުމަށްޓަކައި މަލްޓި-ސްޓޭކް ހޯލްޑާ ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމާއި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްދީގެން މިވަގުތަށް ތަންފީޒުކުރަންޖެހޭ ކަންކަން ތަރުތީބުކުރުމުގެ މުހިއްމުކަމަށް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ. އޭގެއިތުރުން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމުގެ މުހިންމުކަމާމެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫންގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ހިމެނިވަޑައިންނަވަ އެވެ. އޭގެއިތުރުންވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީން އާއި ލޯކަލް ގަވާންމެންޓް އޮތޯރިޓީ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް އަދި ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިންނެވި އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވަނީ ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހެދުމާއި ކުށުގެ ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ދިނުން ލާޒިމުކުރުމަށެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށް ހައްގުތައް ރައްކާތެރިވާނެ ގޮތްތަކެއް އެ ގާނޫނުގައި ބުނެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރޭގައި ބަލިތަކުން ސަލާމަތްވުމަށް ވެކްސީން ޖެހުމަށް މަޖުބޫރުވެ އެވެ. އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމުގައި އެ ގާނޫނުގައި ފާހަގަކޮށްފައިވެއެވެ. އަދި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ލާޒިމު ކަމެއްގެ ގޮތުގައި އެ ގާނޫނުގައި ފާހަގަކޮށްފައިވެ އެވެ

comment ކޮމެންޓް