މާލޭ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް މިއަދު ނަގަނީ، ނަޝީދުގެ އިންޒާރެއް

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓާ ދިމާކޮށް، ސިޓީ ކައުންސިލުގެ މެމްބަރުން އެމްޑީޕީން ވަކިކުރާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ޝިފާއާ ދެކޮޅަށް ކައުންސިލުން 39 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މޭޔަރުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކުރުމާއި ކައުންސިލްގެ ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް ބެލުމެއް ނެތި އަމިއްލަގޮތުން ކަންތައްތައް ނިންމުން ހިމެނެ އެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް، ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދިނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ވޯޓު ނަގާނީ މިއަދު އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ މިއަދު އެ މައްސަލައިގެ ވޯޓު ނަގަން ހަމަޖެހިފައި ވަނިކޮށް، ކައުންސިލަރުންނާ އިއްޔެ ބައްދަލުކޮށްލަން ރައީސް ނަޝީދު ބޭނުންވާކަމަށް ވިދާޅުވެ އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ މީހެއްގެ މެސެޖެއް ލިބުނު ކަމަށެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކައުންސިލަރުންނަށް ރައީސް ނަޝީދު ލިޔުމެއް ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި އޮތީ، މޭޔަރާއި ޑެޕިއުޓީ މޭޔަރު ޕާޓީގެ ސްލޮޓެއްގައި ހުއްޓައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެނގޭނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނޭ. ދެން އެ އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ކަނޑައަޅާނެ ފިޔަވަޅުތައް އެ ލިޔުމުގައި ބަޔާންކޮށްފަ ވަނީ،" އޭނާ ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީން ވަކިކުރުން ހިމެނޭ ކަމަށާއި އަދި ޕާޓީން ވަކިކޮށްފި ނަމަ އިންތިހާބަށް ލިބިފައިވާ ޕާޓީގެ ޓިކެޓު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރާނެ ގަރާރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަން"އާ ވާހަކަދެއްކެވި ކައުންސިލަރު ސިފަކުރެއްވި ގޮތުގައި އެއީ ބިރުދެއްކުމުގެ އަމަލެކެވެ. ރައީސް ނަޝީދު އެފަދަ ގޮތަކަށް ވާހަކަދެއްކުމުން ކައުންސިލަރުން ފަސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސް. ޕާޓީގެވެސް ރައީސް. އެއީ ބިރު ދެއްކުމުގެ އަމަލެއް. ދެން އަޅުގަނޑު ގަބޫލުކުރަނީ އެކަހަލަ ކަމެއް ކުރައްވައިފިއްޔާ މައްސަލައެއް ބެލޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މިފަދަ ގޮތަކަށް ރައީސް ނަޝީދު ކައުންސިލަރުންނާ ވާހަކަދައްކަވާފައި ވަނީ މޭޔަރު ޝިފާވެސް އިންނަވައިގެން ކަމަށެވެ.

"އެއީ ރައީސް ނަޝީދު ކުރެއްވި ނަމަވެސް ވަރަށް ވިޔާ ނުދާ ކަމެއް... އެއީ ރައީސް ނަޝީދު ބައެއް ކައުންސިލަރުންނަށް އިންޒާރުވެސް ދެއްވި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމުގައި ޝިފާ މިވަގުތު ހުންނެވި ނަމަވެސް، މިދިޔަ އަހަރުގެ އޯގަސްޓު މަހު ޝިފާގެ ދައުރު ހަމަވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ޕާޓީގެ ޑިމޮކްރަސީ އޮތްވަރު މިހާރު އެނގިލައްވާނެ. އެ އިންތިހާބު ބާއްވާކަށް ނުކެރޭ. ނުބާއްވާ ހަމަ އެ އޮންނަނީ ދައުރު ހަމަވިއިރުވެސް. ގައުމީ މަޖިލީހަކުންވެސް ނޯންނާނެ އިތުރުކޮށްފައެއް. އެހެންވެގެން މޭޔަރު ޝިފާއަށް ވާނެ ހާއްސަ އިނާޔަތެއް،" އޭނާ ވިދާޅުވި އެވެ.

ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ އަށް މެމްބަރަކު އެކަމާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ޝިފާ، އަަންނަ ކައުންސިލްގެ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، ނާކާމިޔާބުވެ ޓިކެޓް ވަނީ ގެއްލިފަ އެވެ. އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖަނެރަލް އަނަސް އަބްދުއްސައްތާރެވެ.

comment ކޮމެންޓް