މައްސަލަ ހައްލުކުރުމުގެ ނަމުގައި މީހުންގެ ފުރާނައަށް ގެއްލުންދިނުމުގެ ސަގާފަތެއް އުފެދެނީ

މީހަކަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި --

''މައްސަލަ ހައްލުކުރުމަށް'' މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން އަންނަކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓު (ޖޭޖޭޔޫ)ގެ ރިޕޯޓެއްގައި ބުނެފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2019 ވަނަ އަހަރު އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މައްސަލަ ހުށަހެޅުނު ކުދިންގެ އަދަދާއި ޖިންސާއި އުމުރުފުރާއާއި ތައުލީމީ ހާލަތާއި އާއިލީ ހާލަތާއި އިޖުތިމާއީ ހާލަތާއި ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތަކާއި، ކުށްކުރިވެއްޓާއި، ކުށްކުރާ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. އެގޮތުން މަސްތުވާތެކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަ މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސެންޓެވެ.

މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅު މާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ.

އަންހެންކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.

ބޮޑެތި ނުވަތަ އަނިޔާވެރިކަން ހިމެނޭ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުމަށް ބަލާއިރު 2019 އަހަރު ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ހަތް މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ވޭތުވެ ދިޔަ އަށް އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތައް ނަމަވެސް 2019 ވަނަ އަހަރު 18އަހަރުން ދަށުގެ ކުދިން ހިމެނޭ ބޮޑެތި ނުވަތަ އަނިޔާވެރި އަމަލު ހިމެނޭ މައްސަލަތައް ވަރަށް ބޮޑުތަން މަދު ވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން އަދި އެތަކެތީގެ ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަދި ވޭތުވެދިޔަ އަށް އަހަރުތެރޭގައި ވައްކަންވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ޖޭޖޭޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ ކުށުގެ ބާވަތްތަކަށް ބަލާއިރު ބޮޑެތި މީހުންނާއި ގުރޫޕްތަކާއި ގުޅިގެން ހިންގާ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަދި ''މައްސަލަ ހައްލުކުރުމަށް'' މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަންވެސް ފާހަގަވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް 2019 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، އަންހެން ކުދިންވެސް މާރާމާރީތަކުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު ރާއްޖޭގެ ބައެއް ސަރަހައްދުގައި ކުށްކުރުން އިތުރުވަމުން އަންނަ ކަމަށާއި އަދި އަތޮޅުތަކުން ކުޑަކުދިން ގްރޫޕް މާރާމާރީއަށް މާލެ ގެނެސް، ކުށުގެވަށީގައި އުޅޭ މީސްމީހުން ދިރިއުޅޭ ގޭގޭގައި ނުވަތަ ސަރަހައްދުތަކުގައި އެކުދިން ގެންގުޅެ ހަދާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް