ވަގުތީ ހިޔާގައި ތިބި ފަރާތްތަކަށް އިތުރު ތިން މަސް

ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅީގެން ހާލުގައި ޖެހުނު ބައެއް ފަރާތްތަކަށް ވަނީ ގާކޮށިން ވަގުތީ ހިޔާ ފޯރުކޮށްދީފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭ އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހިގެން ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އިތުރު ތިން މަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގައި އަލިފާން ރޯވީ އަބަދަށްފެހިމަގުގައި، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގަ އެވެ. އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރުނެވެ. އޭރު ގެތަކުގައި އެތައް ސަތޭކަ ބަޔަކު ތިއްބެވެ.

އެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފައިވަނީ ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާ ކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލައި އިތުރު ތިން މަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައެވެ.

ޑިޒާސްޓާ އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް ގޭބިސީއެއްގެ 29 މީހުން ގާކޮށީގެ ފްލެޓްތަކުން ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އަލިފާނާ ގުޅިގެން 786 ފަރާތަކަށް އަސަރުކުރިކަމަށެވެ. އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް