ހުޅުމާލޭގައި ބަންދުކޮށްފައި ތިބި ހަ މީހަކަށް ކޮވިޑް ޖެހިއްޖެ

ޖަލުގެ ގައިދީންތަކެއް: ސަން ފައިލް ފޮޓޯ

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައިވާ ފަސް ބިދޭސީންނާއި ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސް ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައިވާ ބިދޭސީން ކަމަށެވެ. އަދި އަނެއް މީހާ އަކީ އެ ރަށުގައި ހުންނަ ޖަލުގައި ބަހައްޓާފައިވާ ގައިދީއެއް ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް-19 ވައިރަސް ވަދެފައި ވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ. އެހެންނަމަވެސް އެ ބިދޭސީން ގެންގޮސްފައިވާ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.

ކަރެކްޝަންސް އިން ބުނެފައި ވަނީ މިހާތަނަށް އެތަނުގައި ތިބި 10 އޮފިސަރުންނާއި 19 ޑިޓެއިނީ އާއި ދެ ނަރުހުންގެ އިތުރުން އެއް ގައިދީއެއްގެ ސާމްޕަލް މިހާރު ވަނީ ނަަގާފައި ކަމަށެވެ.

ޑިޓެންޝަން ސެންޓަރުން ވައިރަސް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ކަރެކްޝަންސް އިން ދީފަ އެވެ.

comment ކޮމެންޓް