މެސީއާ ނުލައި ބާސެލޯނާއަށް ކިހާވަރެއްވާނެބާ؟

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

ވޭތުވެ ދިޔަ 17 ވަރަކަށް އަހަރުގެ ތެރޭގައި ބާސެލޯނާއިން ޔޫރޮޕުގެ ރަސްކަން ކުރި އިރު ހަމަގައިމު ވެސް ތަހުތުގައި އިނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކުލަބުގެ ތާރީހުގައި ވެސް އެ ކުޅުންތެރިއެއްގެ ރެކޯޑްތަކާއި ކާމިޔާބީތަކާ އަރައި ހަމަކޮށްލެވޭނެ އިތުރު ކުޅުންތެރިއަކު ނެތެވެ. ނަމަވެސް އެކަން މިހާރު ނިމުމަކާ ގާތްވެފައި މިއޮތީ މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނުމުންނެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާއާ ގުޅުނު މެސީ 20 ސީޒަން އެ ޓީމާ އެކު ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގާފައި ވަނީ އާޖެންޓީނާގައި ހުރެ ކުރި ފެކްސް އަކުންނެވެ. އެއާ އެކު މުޅި ސޯޝަލް މީޑިއާ ވަނީ ގުގުމާލައިފަ އެވެ. ސަޕޯޓަރުންނާއި މެނޭޖްމެންޓަށް ވެސް ލިބުނު ޝޮކާ އެކު މުޅި ކުލަބު ވެސް އެލާޓް އެންމެ މައްޗަށް ގޮސްފައިވާ އިރު، މެސީ އެ ޓީމު ދޫކޮށްލުމަކީ މިހާތަނަށް ފުޓުބޯޅައިގެ ތާރީހުގައި ވެސް ހިނގާނެ އެންމެ ބޮޑު ޓްރާންސްފާއަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކޮންމެ ސީޒަނެއް ނިމުމަށް ފަހު ހިލޭ ޓްރާންސްފާގައި މެސީއަށް ކުލަބު ދޫކޮށްލުމުގެ އިހްތިޔަރު ލިބެ އެވެ. އެކަން ފުރިހަމަ ވާނީ ޖޫން 10 ގެ ކުރިން އެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމުމުންނެވެ. ކޮންޓްރެކްޓްގައި ފާހަގަ ކުރާ އެ މުއްދަތު އައިރު ފުޓްބޯޅައިގެ ހަރާކްތްތައް އޮތީ ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލައިފަ އެވެ. ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާ ވެސް ފެށުނީ ޖޫން 11 ގަ އެވެ. އެހެންނަމަވެސް މެސީ ވަނީ ޓްރާންސްފާގެ ކަންކަން މިހާރު ފުރިހަމަ ކުރުމުގެ އިހްތިޔާރު ދިނުމަށް ބާސެލޯނާ އަށް ހުށަހަޅައިފަ އެވެ.

ކޮންމެޔަކަސް މެސީގެ މި ނިންމުމާ އެކު ބާސެލޯނާގެ އެންމެ ތިރިން އެންމެ އުހަށް ވަނީ އަސަރު ކޮށްފަ އެވެ. މެސީ، އެ ކުލަބުގައި މަޑު ކުރެވެން އޮތް ނަމަ އެގޮތަކީ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު މަގާމުން އިސްތިއުފާ ދިނުން ކަމަށް ވެސް އެއްބަޔަކު ބުނަމުންދާއިރު ބާސެލޯނާގެ އޮފީސް ކައިރިއަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

އެއްބަޔަކު ބުނާ ގޮތުގައި މެސީގެ މި ނިންމުމަކީ ފައިނަލް ނިންމުމެއް ނޫނެވެ. މިކަމަމީ ބާސެލޯނާގެ މެނޭޖްމެންޓް މަގާމުން ދުރުކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުން މެސީ ޖައްސާ ސްޓަންޓެއް ކަމަށް ވެސް އެއްބަޔަކު ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ މެސީ ވަނީ ދާދި ފަހުން ބާސެލޯނާ އަށް ހަމަޖެއްސި ކޯޗު ރޮނާލްޑް ކޫމަންއާ މީގެ ދެ ދުވަސް ކުރިން ވާހަކަ ދައްކައިފަ އެވެ. އަދި މެސީ ވަނީ އެ ބައްދަލުވުމުގައި ވެސް ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ކޫމަން އަށް އަންގައިފަ އެވެ.

ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ ދިން ހިތްގައިމު އެސިސްޓަކުން މީގެ 17 އަހަރު ކުރިން ފުރަތަމަ ގޯލު ޖެހި މެސީ މިސީޒަން ނިމުމުން އެހެން ކްލަބަކާ ގުޅެން ނިންމައިފި ނަމަ، ބަޔާން އަތުން 8-2ގެ ނަތީޖާއަކުން ބަލިވި މެޗު ވެގެންދާނީ ބާސާގެ ޖާޒީގައި އޭނާ ކުޅުނު އެންމެ ފަހު މެޗަށެވެ.

comment ކޮމެންޓް