އީރާނުގެ ކުރީގެ "ނިއުކްލިއާ ސައިޓުތަކަށް" ވަނުމުގެ ހުއްދަ އދ.އަށް ދެނީ

އދގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ (ކ) ވަނީ އީރާނަށް ޒިޔާރަތް ކުރައްވާފަ -- ފޮޓޯ: އީޕީއޭ

ތެހެރާން (އޮގަސްޓު 27): އީރާނުން މީގެ ކުރިން ނިއުކްލިއާ މެޓީރިއަލް ގަވާއިދާ ހިލާފަށް ބޭނުން ކުރަން ނުވަތަ ރައްކާ ކުރަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ސައިޓަކަށް ވަނުމުގެ ހުއްދަ އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އަށް ދޭން އެގައުމުން އެއްބަސްވެއްޖެ އެވެ.

އީރާނުން އިއްޔެ އެފަދައިން އެއްބަސްވީ އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އަދި އެ ދެ ފަރާތުން ނެރުނު ބަޔާނެއްގައިވާ ގޮތުން އައިއޭއީއޭ އިން ފާހަގަކޮށްފައިވާ ދެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ އެ އިދާރާއަށް ދޭން އީރާނުން ވަނީ ނިންމާފަ އެވެ.

"އައިއޭއީއޭއިން ފާހަގަކޮށްފައިވާ ދެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ ދޭން އީރާނުން ވަނީ އަމިއްލައަށް ނިންމާފައި. އަދި އެކަމަށް ދުވަސްތައް ކަނޑައަޅާ [ދެ ފަރާތުން ވަނީ] އެއްބަސްވެފައި،" ބަޔާނުގައިވެ އެވެ.

މީގެ ކުރިން އައިއޭއީއޭ އިން ވަނީ އީރާނުން އެ ސައިޓުތަކުގައި ބެހެއްޓި ކަމަށް ބެލެވޭ ނިއުކްލިއާ ސާމާނާއި އެ ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ ނިއުކްލިއާ ހަރަކާތްތަކާ ބެހޭ ގޮތުން އެ އިދާރާއިން ކުރި ސުވާލުތަކަށް ޖަވާބު ނުދޭތީ އެގައުމަށް ފާޑު ކިޔައިފަ އެވެ. އެގައުމުން އެ ދެ ސަރަހައްދުގައި ނިއުކްލިއާ ހަރަކާތްތައް ކުރިއަށްގެންދިޔައީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ނިއުކްލިއާ އެއްބަސްވުން ހެދުމުގެ ކުރިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ޓަކައި ހެދި އެ އެއްބަސްވުން އޮތީ ވަކި ފަރާތަކަށް ޖެހިފައި ކަމަށާއި އޭގެ ސަބަބުން ސުލްހައަށް މަގުފަހި ނުވާނެ ކަމަށް ބުނެ މެއި 2018ގައި އެމެރިކާ އިން ވަނީ އެ އެއްބަސްވުމުން ވަކިވެފަ އެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާ އިން މަސައްކަތް ކުރި ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެ މަޖިލީހުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް