ލޯނަށް ފައިސާ ދައްކަން އެހެން ގައުމަކުން ލޯނު ނެނގޭނީ އިންޑިއާގެ ހުއްދައާއެކު: ޓޮމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އިންޑިއާ އިން ރާއްޖެއަށް ދޫކުރާ ލޯނުތަކަށް ފައިސާ ދައްކަން އެހެން ގައުމަކުން ނުވަތަ އެހެން ބޭންކްއަކުން ވެސް ލޯނު ނެގޭނީ އެ ގައުމުގެ ހުއްދައާ އެކު ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޓޮމް ވިދާޅުވީ، އެއީ އޭނާ އަށް ލިބިފައިވާ މައުލޫމާތެއް ކަމަށާއި އެކަމުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ވާހަކައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަދި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު އެބަ ލިބޭ؛ [މިއީ] މީގެ ސައްހަކަން ކަށަވަރުކުރަން ޖެހިފައިވާ މައުލޫމާތެއް. ރާއްޖެއިން މިހާރު އިންޑިއާއިން ނަގާ ލޯނުތަކާ އެކު، އެ ލޯނު ނެގުމަށް ފަހު އެ ދެއްކުމަށް ޓަކައި އެހެން ގައުމަކުން ނުވަތަ އެހެން ބޭންކަކުން ފައިސާ ނެގުމުގެ ހުއްދަ އިންޑިއާއިން ނުނަގައި އެފައިސާ ނުދެއްކޭނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ، ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ އެންމެހާ ލޯނުތަކުގެ ތަފްސީލު ސަރުކާރުގެ ފަރާތުން މަޖިލީހާ ހިއްސާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ، މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސް ކުރި ބަޖެއްޓްގައި ހިލޭ އެހީގެ ގޮތުގައި އިންޑިއާ އިން 300 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ހިމަނާފައިވާ ކަމަށެވެ. އެހެން އެކަން އޮތް އިރު، މިހާރު ލޯނު ނަގަން ޖެހެނީ ކޮން ސަބަބަކާ ހުރެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މިއީ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. އަދި ސަރުކާރުގެ ކަމާ ބެހޭ މިނިސްޓަރުުން މި މަޖިލީހަށް އަޅުގަނޑުމެންނަށް ސާފު ކޮށްދެއްވަން ވެސް ޖެހޭ ކަމެއް،" ޓޮމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވުމުން ތޯރިގް "ސަން"އަށް ވިދާޅުވީ، އިންޑިއާއިން ދޭ ލޯނުގެ އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓްގައި އެގޮތަށް ލިޔެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބޭ ކަމަށެވެ. އަދި އެ ކަމުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިންޑިއާ އިން މި ނަގާ އެއްވެސް ލޯނެއް، ހާއްސަކޮށް ބޮޑެތި ލޯނުތައް ދައްކަން އެހެން ބޭންކުން، ނަގާފައި އެ ލޯނެއް ނުދެއްކޭނެ އެމީހުންގެ ހުއްދަ ނެތި. އެމީހުން އާއެކޭ ބުނީމަ ނެގޭނީ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ އެކަން ސިފަ ކުރެއްވީ، ވަރަށް ނުރައްކާތެރި އަދި އަޅުވެތި ކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި އެއީ އިންޑިއާ އިން އެހެން ކުދި ގައުމުތައް ވެސް އިގްތިސާދީ ގޮތުން އެ ގައުމުގެ ބާރުގެ ދަށަށް ގެނައުމަށް ބޭނުން ކުރާ އުކުޅެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ މީހުން އެ އަޅުވަނީ މޮރިޝަސްގެ ކޮންސެޕްޓް. މޮރިޝަސްއަށް ވެސް އެމީހުން [އިންޑިއާ] އިން ލޯނު ދީފައި ވަނީ އެފަދަ ގޮތަކަށް. މިއީ ހަމަ ސީދާ އަޅުވެތި ކުރުން." ތޯރިގް ވިދާޅުވި އެވެ.

ތޯރިގްގެ އެ ތުހުމަތުތަކާ ގުޅޭ ގޮތުން އަދި ސަރުކާރުގެ ބަހެއް ނުލިބެ އެވެ.

comment ކޮމެންޓް