މަތީ ތައުލީމުގެ ބިލް އަލުން އެކުލަވާލަން ފުރުސަތު ދޭން އެދިއްޖެ

ހަޔާ އެޑިއުކޭޝަން ކައުންސިލްގެ މެމްބަރުން މިއަދު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި-- ފޮޓޯ: މަޖިލިސް

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލްގައި ކަންބޮޑުވުންތައް ހިމެނޭތީ އެ ބިލް އަލުން އިސްލާހުކުރަން ފޮނުވައި ދިނުމަށް މަތީ ތައުލީމާ ގުޅޭގޮތުން ސަރުކާރަށް ލަފާދޭ ހަޔާ އެޑިއުކޭޝަން ކައުންސިލްއިން މަޖިލީހުގެ ކޮމިޓީގައި އެދިއްޖެ އެވެ.

ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ފަރާތުން ހަޔާ އެޑިއުކޭޝަން ކައުންސިލްގައި އިންނަވާ މެމްބަރު އަހުމަދު ޝަރީފް "ސަން" އަށް މިއަދު ވިދާޅުވީ ކޮވިޑް ފެތުރޭތީ މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކަށީގެންވާ ވަރަށް އެބިލަށް އިސްލާހު ހުށަހެޅި މަޝްވަރާ ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން މިހާރު ބިލްގައި ހުރި ބައެއް ކަންތައްތަކާމެދު ކައުންސިލްގެ މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަންތައް އިސްލާހުކޮށްގެން އަލުން އެ ބިލް ހުށަހަޅަން ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލް އަލުން އިސްލާހުކުރަން އެދުނީ ހަޔާ އެޑިއުކޭޝަން ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އިއްޔެ މަޖިލީހުގައި އޮތް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ހަޔާ އެޑިއުކޭޝަން ކައުންސިލްގައި ހިމެނޭ މެމްބަރުން ވަނީ އެބިލްގައި ހިމެނޭ ކަންބޮޑުވުންތައް ހިއްސާކުރައްވައި އިސްލާހުކުރަން ބޭނުންވާކަންތައްތައް ހުށަހަޅައިފަ އެވެ.

އެގޮތުން އެ ކައުންސިލްގެ މެމްބަރު އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ ބިލް މިހާރު އޮތް ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) މިނިވަންކަން ވަރަށް ކުޑަ ކަމަށާއި އަދި ނެޝަނަލް ރިސާޗް ކައުންސިލްގެ ދައުރާމެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެބިލުގައި ހިމަނާފައިވާ އެމްކިއުއޭގެ ދައުރާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެ އޮތޯރިޓީއަކީ މުޅި މަތީ ތައުލީމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އޮތޯރިޓީ ކަމަށެވެ. އަދި ފާއިތުވި 20 އަހަރު ރާއްޖޭގެ މަތީ ތައުލީމުގެ ސެކްޓާ ކުރިއަރައިގެން ދިޔައިރުވެސް އެމްކިއުއޭ އޮތީ ވަރަށް ފަހަތުގައި ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.

އެކަން އެގޮތަށްވީ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަތަނަކަށް ވާތީކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ބިލުން އެބަޖެހޭ އެމްކިއުއޭ ވަކި ބޮޑީއެއްގެ ގޮތުގައި އޮންނަން. ދެން އަނެއްކާ އަޅުގަނޑަށް ހީވާގޮތުން މިއީ ސަރުކާރުގެވެސް ވައުދެއް އެމްކިއުއޭ ވަކި އިންސްޓްޓިއުޝަނަކަށް ހަދަން. އެކަމް ބިލަކުން ނެތް ނެތް ވަކިކޮށްދީފައެއް ނެތް. މިހާރުވެސް އެމްކިއުއޭ ލޫސްވީމަ އެހާބޮޑަށް ފަރުވާކުޑަކުރެވި އެތަނުގައި ބަޖެޓެއް ނެތި އެތަން ވަރުގަދަ ނުވީމަ މުޅި ޕްރައިވެޓް ސެކްޓާގައިވެސް ކޮލިޓީ ނުއެއް ހިފެހެއްޓޭ" ޝަރީފް ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ބިލްގައި ޕްރައިވެޓް ޔުނިވާސިޓީތައް އުފެެއްދޭނެ އުސޫލުތައް ކަނޑައަޅާފައިވެ އެވެ. ޝަރީފް ވިދާޅުވީ ޕްރައިވެޓް ޔުނިވާސިޓީތައް އުފައްދާއިރު މިހާރު ހުރި ޔުނިވާސިޓީތަކުގެ މެންޑޭޓަށް ފެތޭތަން ފެންނަމުންދާ ކަމަށެވެ.

"އަދި އަނެއްކާ ސަރުކާރަށް ވަރަށް ބޮޑަށް ޖަވާބުދާރީ ވާގޮތަށް މިއިންނަނީ. އޮންނައިރު އަޅުގަނޑު ދެކޭގޮތުގައި އަސްލު މިހާރު ހުރި އިންސްޓްޓިއުޝަންތަކަށް އެބަޖެހޭ އެހީތެރިކަން ފޯރުކޮށްދޭން. އެފަދަ އެއްވެސް ނިޒާމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން މީގެ ކުރިން އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ވޯލްޑް ބޭންކާ ގުޅިގެން ހެދި ހަޔާ އެޑިއުކޭޝަންގެ މާސްޓާ ޕްލޭންއަށްވެސް މަތީ ތައުލީމްގެ ބިލްގައި އަލިއަޅުވާލައިފައި ނުވާކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"އެއީ ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ދިވެހި ސަރުކާރުން ކުރައްވާފައި އޮތް ހަރަދުތަކެއް. ދެން އޭގަ އެބަހުރި ރިކޮމެންޑޭޝަންސްތަކެއް ވެސް. މިސާލަކަށް ޕްރައިވެޓް ސެކްޓާ ގްރޯކުރަން ކުރަން ޖެހޭނެ ކަންތައްތަކާ އެއްޗެތިވެސް،" ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަން ހުޅުވާލި ފުރުސަތާ ގުޅިގެން ދަރިވަރުންގެ އަތަށް ފައިސާ ދޭން ފެށުމުން ދަރިވަރުން ޕްރައިވެޓް އިންސްޓިޓިއުޝަންތަކާ ގުޅިގެން އެކި ޑިސްކައުންޓް ހޯދުން ފަދަ ކަންތައްތައްކޮށް މާލީ މަންފާ ހޯދަން މަސައްކަތް ކުރަމުންދާކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ރެކޮމެންޑޭޝަންއަކީ ދައުލަތުގައި އިންނަން ޖެހޭނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއަކީ އިންޑިޕެންޑެންޓް މިނިސްޓްރީއެއްގެެ ގޮތުގައޭ. ދެން އެމްކިއުއޭ ވަކި ތަނެއްގެ ގޮތުގައޭ. ދެން ނެޝެނަލް ރިސާޗް ސެންޓަރު ވަކިތަނެއްގެ ގޮތުގައޭ. ޓިވެޓް އޮތޯރިޓީ ވަކިތަނެއްގެ ގޮތުގައި" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުުވުމުގައި ހަޔާ އެޑިއުކޭޝަން ކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރައްވާ މެމްބަރު މަރިޔަމް ނޫރައްދީން ވިދާޅުވީ ބިލްގައި ޓެކްނިކަލް ވޮކޭޝަނަލް ޓްރެއިނިންއާ ގުޅޭގޮތުން ހިމަނާފައި ހުރީ ވަރަށް މަދު ކަންތައްތަކެއް ކަމަށެވެ.

"ދެން އަލުން ތަރުތީބުވެގެންދާއިރު އަޅުގަނޑު ގަބޫލްކުރަނީ އެކަން ދާން ޖެހޭނީ ވަރަށް ސިސްޓަމެޓިކް ގޮތަކަށޭ. މީގަ ނެތް އެކަތިން އަނެއްކައްޗަށް ދާނެ ފްލޯއެއްވެސް." މަރިޔަމް ވިދާޅުވި އެވެ.

ޓިވެޓް އޮތޯރީތީ އުފެދޭނީ ބިލްގައި ހިމެނޭ ބާބަކުން ކަމަށްވާއިރު ޓެކްނިކަލް ވޮކޭޝަން އެޑިއުކޭޝަންއަކީ ކޮބައިކަމާއި އޭގެ ޕޮލިސީތައް ވެސް ބަޔާންކޮށްފައި ހުންނަން ޖެހޭނެކަމަށް މަރިޔަމް ވިދާޅުވި އެވެ.

" ޓިވެޓް އޮތޯރިޓީ އުފެދިގެން އަންނައިރު އެ އޮތޯރިޓީގެ މަގްސަދުތަކާއި ކުރަން ޖެހޭ މަސައްކަތްތައް ތަފްސީލްވެގެން ދާން ޖެހޭނެ. މީގެ ތަފްސީލް ނެތްކަމުގައިވެސް ވިޔަސް މިހުރިހާކަމެއް ހުންނަން ޖެހޭނެ" މަރިޔަމް ވިދާޅުވި އެވެ.

ރާްއްޖޭގެ ވަޒީފާގެ ބާޒާރަކީ ދުވަހުން ދުވަހަށް ބަދަލުވެގެން އަންނަ ތަނަކަށް ވާތީވެ އެކަމަށް އަމާޒުކޮށްގެން ތަމްރީންތައް ދެވޭނެފަދަ ގޮތަކަށް ބިލް ފަރުމާކުރެވިގެންދާންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"މި އޮތޯރިޓީގެ ދަށުން ކަނޑައަޅެނީ އެއިރެއްގައި ވަޒީފާގެ ބާޒާރު ބޭނުންވާ އޮކިއުޕޭޝަނަލް ހުންނަން ޖެހޭނެ ސްކިލްސްތަކަކީ. ވަޒީފާގެ ބާޒާރުން އެ އެއްޗެތި ކަނޑައަޅަން ޖެހޭނީ. އެހެންވީމާ ރާއްޖޭގައި ހިންގާ އެކިއެކި އިންސްޓްޓިއުޝަންސްތަކުންވެސް އަޅުގަނޑު ގަބޫލްކުރަނީ މަދުވެގެން މި އޮކިއުޕޭޝަނަލް ސްޓޭންޑެޑްތަކަށް ފެތެން ޖެހޭނެކަމަށް" ނޫރައްދީން ވިދާޅުވި އެވެ.

comment ކޮމެންޓް