ކޮންމެ އިންތިހާބީ ދާއިރާއަކަށް ސްޓޫޑަންޓް ލޯން ދިނުމަށްވުރެ ކޮންމެ ރަށަކަށް ލޯން ދިނުން މުހިންމު: މިނިސްޓަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ސްޓޫޑަން ލޯން ސްކީމްގެ ދަށުން ރާއްޖޭގޭގެ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކުއްޖަކަށް މިހާރު ދޭން ފަށައިފައިވާ ލޯނު ދިނުމުގެ ބަދަލުގައި ކޮންމެ ރަށަކުން ދަރިވަރަކަށް ލޯނު ދިނުން މާރަނގަޅުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިވަގުތު އިންތިހާބީ 87 ދާއިރާ އޮތްއިރު އެންމެ ފަހުން ހުޅުވާލި ލޯން ސްކީމްގެ ދަށުން ކުރިމަތިލީވެސް އެންމެ 46 ދާއިރާއަކަށް ކަމަށެވެެ. އޭގެ ތެރެއިން ޝަރުތުހަމަވި ކޮންމެ ދާއިރާއަކަށްވެސް ސްޓޫޑަންޓް ލޯން ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންތިހާބީ ދާއިރާތަކުން ކުރިމަތިލި 46 ފަރާތުގެ ތެރެއިން 36 ފަރާތެއް ޝަރުތުހަމަނުވާތީ ލޯން ލިބިފައިވަނީ އެންމެ 10 ދަރިވަރުންނަށް އެކަންޏެވެ.

ރާއްޖޭގައި މިހާރު އޮތް ލޯން ސްކީމްގެ ދަށުން މިހާރު އޮތް ފުރުސަތުތަކަށްވުރެ ބޮޑަށް އަތޮޅުތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދެވިދާނެގޮތްތަކާ ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެންމެ ފަހުން އިންތިހާބީ ދާއިރާތަކަށް ލޯން ސްކީމް ހުޅުވާލުމުން އެހާ ބޮޑު ތަރުހީބެއް ނުލިބުނު ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ އިންތިހާބީ ދާއިރާއަށް ލޯނު ދިނުމަށްވުރެ ފަހަރުގައި ރަނގަޅުވެދާނެޔޭ ރާއްޖޭގެ ކޮންމެ ރަށަކަށް ސްލޮޓެއް ރިޒާވްކުރިއްޔާ. ތިބޭފުޅުންގެ ދާއިރާތައް ހުރެދާނެ ތިން ރަށް ހުންނަ ދާއިރާތައް ދެރަށް ހުންނަ ދާއިރާތައް. އެހެން ވެއްޖިއްޔާ ހަތަރު ރަށް ހުންނަ ދާއިރާއިން އެއް ސްލޮޓް ރިޒާވްވުމަށްވުރެ ދާއިރާގެ މީހުންނަށް މާފައިދާ ބޮޑުވާނެ ކޮންމެ ރަަށަކަށް ސްލޮޓެއް ރިޒާވްކުރެއްވިއްޔާ. އެއީވެސް އަޅުގަނޑުމެން މިހާރު ވިސްނުން ގެންގުޅޭ ގޮތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު ލޯން ސްކީމްގައި އަލަށް އިންތިހާބީ ދާއިރާތަކުގެ ގޮތުގައި ވަކި ކެޓަގަރީއެއް ކަނޑައެޅީވެސް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގެ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

" އެހެން ނޫނީ މި ފަސް އަހަރު ނިމިގެންދާއިރު ތުލުސްދޫ ކުއްޖަކަށް ލޯނު ނުލިބި ހިނގައިދާނެ. ދިއްގަރު ދާއިރާގެ ކުއްޖަކަށް ލޯން ނުލިބި ހިނގައިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އިންތިހާބީ ދާއިރާތަކަށް ލޯން ސްކީމް ހުޅުވާލިއިރު އެ ސްކީމްގެ ދަށުން ލޯން ލިބޭ ކުއްޖާ ކިޔަވައި ނިމިގެން އައިސް އެދާއިރާއަށް ހިދުމަތް ކުރާނެކަމާމެދު ކުރިންވެސް ސުވާލު އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދާއިރާއަށް ހިދުމަތް ކުރާނެކަމުގެ ޔަގީންކަން ބޮޑު ކުއްޖަކަށް ލޯން ދިނުމުގައި ވިސްނެވިކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް އޭރު ވިސްނުނީ ދާއިރާގައި ހުރެގެން ދާއިރާގައި ފުރަތަމަ ސާނަވިއްޔާ ނިންމާލައިފިއްޔާ އޭނާ އަނބުރާ ދާއިރާއަށް ގޮސް މަސައްކަތް ކުރުމުގެ ޗާންސާސް ހައިވާނެޔޭ[ފުރުސަތު ބޮޑުވާނެޔޭ"]. ކުޑައިރުއްސުރެ މާލޭގައި ދިރިއުޅެމުން މާލޭގައި ސްކޫލް ނިންމާ ކުއްޖާ، މިސާލަކަށް ހޮޅުދޫ ދާއިރާގެ ކުއްޖާ އަނބުރާ ހޮޅުދުއަށްގޮސް މަސައްކަތް ކުރުމުގެ ޗާންސަށްވުރެ އެރަށުގައި ކިޔަވާ ސާނަވީ މަރުހަލާ ފުރިހަމަކުރި ދަރިވަރަކި އަނބުރާ ހޮޅުދުއަށް ދިއުމުގެ ޗާންސާސް ހައިވާނެޔޭ. އެހެންވީމާ އުސޫލުގައި އިންނާނީ އެބައި ޝަރުތުވެސްކޮށްފަ،" މިނިސްޓަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާ ކުރުމަށްޓަކައި ސްޓޫޑަންޓް ލޯން ފަދަ ފުރުސަތުތައްދޭއިރު ފުރުސަތު ލިބޭ ފަރާތްތަކުން ކިޔަވާ ނިމިގެން އަންނަ މީހުން އަނބުރާ އައިސް އެ ދާއިރާތަކަށް ހިދުމަތްކުރެވޭނެ ގޮތެއް ކަށަވަރުކުރަން ޖެހިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އޮންނަ ގާނޫނުގެ ދަށުން ކިޔަވާކުދިން ވަކި ބޮންޑެއްގެ ދަށުން ހިދުމަތްކުރަން ޖެހޭކަމަށާއި ނަމަވެސް 2008 ގައި ފާސްކުރި އާ ގާނުނާއެކު އެކަން ހުއްޓިފައިވާ ކަމަށެވެ.

comment ކޮމެންޓް