2021 ނިމުމުގެ ކުރިން މިނިމަމް ވޭޖް ތަންފީޒު ކުރަން ޖެހޭގޮތަށް ކޮމިޓީއިން ފާސްކޮށްފި

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި 2021 ވަނަ އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއިން ފާސްކޮށްފި އެވެ.

މިނިމަމް ވޭޖް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. އެ ބިލު އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުން ދިރާސާކޮށް މިހާރު ވަނީ ނިންމާފަ އެވެ.

ބިލު ހުށަހެޅި އިރު ހަތް ސިނާއަތަކަށް ވަކިވަކިން އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ހިމަނާފައިވީ ނަމަވެސް މިހާރު ވަނީ ނުވަ ސިނާއަތަކަށް އިތުރުކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ދާއިރާ، ތައުލީމީ ސިނާއަތް، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.

މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. އެ ބިލުގެ ދަށުން ނެރޭ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވޭޖް ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ ޗެއާޕާސަންއަކަށް ވާނީ އިކޮނޮމިކް މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތަކާއި ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރަކާއި މަސައްކަތްތެރީން ތަމްސީލުކުރާ ފަސް މެމްބަރެއް އެ ބޯޑުގައި ހިމެނޭނެ އެވެ.

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅަން ލަފާދޭނީ ވޭޖް ބޯޑުން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކާއި އިގްތިސާދީ ކަންކަމަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާ މިނިސްޓަރު ނެރޭ އަމުރަކީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ އެ އަމުރު ރައްދުވާ އެންމެހާ ފަރާތްތަކުން އެ އަމުރަކަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅައި ނެރޭ އަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި ވަޒީފާ ދޭ ފަރާތުން އެ ފަރާތެއްގެ މުވައްޒަފުންނަށް ދެ އުޖޫރައިގެ މައުލޫމާތު ވޭޖް ބޯޑުން ނުވަތަ މިނިސްޓްރީއިން އެދިއްޖެނަމަ ދޭން އެންގުމުގެ ބާރު ބިލުން ބޯޑަށާއި މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

އެ މައުލޫމާތު ނުދީފި ނަމަ 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް