ސާވިސް ޗާޖަށް 10 ޕަސެންޓް، ހަމަހަމަކޮށް ނުބަހާނަމަ ބޮޑު ޖޫރިމަނާއެއް

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތަށް 10 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކަށް ސާވިސް ޗާޖު ނެގުމަށް ހިމަނައި ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އިޖުތިމާއީ އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ފާސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. އިގްތިސާދީ އަދި އިޖްތިމާއީ ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމި ބައެއް ބޮޑެތި ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތަކުން މިހާރު ސާވިސް ޗާޖު މުވައްޒަފުންގެ މެދުގައި ބަހަން ޖެހެނީ ސާވިސް ޗާޖުގެ ގޮތުގައި އަދަދެއް ނަގާ ނަމަ އެވެ. ބިލު ކޮމިޓީއިން އިސްލާހު ކުރި އިރު އެ ވިޔަފާރި ތަކުން ސާވިސް ޗާޖު ނަގަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތަށް ނަގާ ސާވިސް ޗާޖު ވަޒީފާއަދާކުރާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ސާވިސް ޗާޖުގެ ގޮތުގައި ފާއިތުވެ މަހު ލިބުނު ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އެއްވެސް ތަނެއްގައި ސާވިސް ޗާޖު ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މެދުގައި ތަފާތުކުރެވިގެން ނުވާނެ އެވެ." ބިލުގައި ބުނެފައިވެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާއިން އިދާރީ ފީގެ ގޮތުގައި ނެގޭނީ އެއް ޕަސެންޓް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރަށް ނުނެގޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީފާދޭ ފަރާތުން ސާވިސް ޗާޖުގެ ގޮތުގައި ނެގުން ލާޒިމްކޮށްފައިވާ އަދަދު ނަގަމުން ނުދާ ނަމަ އަދި މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަމުން ނުދާނަމަ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަން އޮތޯރިތީއަށް ލިބިގެންވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ސާވިސް ޗާޖުގެ ގޮތުގައު ވަޒީފާދޭ ފަރާތަށް ލިބޭ އާމްދަނީގެ މައުލޫމާތު ގަވައިދުން ބަލަހައްޓަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ކޮންމެ އަހަރަކު ދެފަހަރު ލޭބާ ރިލޭޝަން އޮތޯރިޓީއަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ނޫން ތާރީހެގައިވެސް ލޭބާރިލޭޝަން އޮތޯރިތީއިން ބޭނުންވެއްޖެ ނަމަ އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ މައުލޫމާތު ފޯރުކޮށް ނުދީފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް ހިދުމަތް ހޯދާ ފަރާތުން ހިދުމަތާ މެދު ހިތްހަމަނުޖެހޭ ނަމަ ސާވިސް ޗާޖު ނުދިނުމުގެ ހައްގު ހިދުމަތް ހޯދާ ފަރާތަށް ލިބިގެންވެ އެވެ. އެއީ މީގެ ކުރިން ވަޒީފާއާ ބެހޭ ގާނޫނުން ލިބިދީފައިވާ ހައްގެއް ނޫނެވެ.

އެ ބިލަށް މަޖިލީހުގެ ތަޅުމުގެ ވޯޓަށް އެހުން ފެށޭ ހަފްތާގެ ހޯމަ ދުވަހު އޮންނާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް