އދ.ގެ ސަލާމަތީ މަޖިލިސް ފެންނަނީ ޓެރަރިސްޓުންނާ އެކުގައިވާތަން: އެމެރިކާ

އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބު ކެލީ ކްރާފްޓް

އދ. މަޖިލިސް (އޮގަސްޓް 26) : އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ވަނީ މަގުއޮޅިފައި ކަމަށާއި ސަލަމާތީ މަޖީލިސް ޓެރަރިސްޓުންނާ އެކުގައިވާތަން ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށް އެމެރިކާ ބުނެފި އެވެ.

އދ.ގައި ހުންނަވާ އިންޑޮނީޝިއާގެ މަންދޫބު އެމެރިކާއާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އެމެރިކާގެ މަންދޫބު ކެލީ ކްރާފްޓް ވިދާޅުވީ ސަލާމަތީ މަޖިލިސް އޮންނަން ވާނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް އެމެރިކާ ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރާ ގޮތަށްކަމަށާ އީރާނުގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް މަގުއޮޅިގެން ނުވާނެކަމުގަ އެވެ. އަދި ޓެރަރިސްޓުންނާ އެއްކޮޅުގައި ސަލާމަތީ މަޖިލިސް ވާތަންފެނުމަކީ ދެރަކަމެއް ކަމަށް ވެސް އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ.

އީރާނަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ސަލާމަތީ މަޖިލީހުގެ ތާއީދެއްނެތް

އދ.ގައި ހުންނަވާ އިންޑޮނީޝިއާގެ މަންދޫބު ދިޔާން ތްރިޔާންސިޔާހް ދަޖާނީ ވަނީ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް އެމެރިކާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް މިފަހަރު އެކަން ކާމިޔާބު ވުމުގެ ފުރުސަތު ނެތްކަމަށް ވިދާޅުވެފަ އެވެ. މިކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ދައްޖާނީ ވިދާޅުވީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ސަލާމަތީ މަޖިލީހުގެ ތާއީދު ނެތްކަން ޚުދު އެމެރިކާއަށް ވެސް އެނގޭނެކަމުގަ އެވެ.

އދ. ގައި ހުންނަވާ އިންޑޮނީޝިއާގެ މަންދޫބު ދިޔާން ތްރިޔަންސިޔާހް ދަޖާނީ

އީރާނާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިމަހުގެ ކުރީކޮޅު ސަލާމަތީ މަޖިލީހަށް އެމެރިކާ ހުށަހެޅި އެހެން ގަރާރަކަށް ވެސް ތާއީދުކުރީ އެމެރިކާ ފިޔަވައި އެންމެ ގައުމެއްކަމަށާއި އެމެރިކާގެ އެގަރާރު ފެއިލްވި ގޮތަށް މިފަހަރުގެ ހުށަހެޅުން ވެސް ފެއިލްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ދަޖާނީ ވިދާޅުވި އެވެ. ދަޖާނީ އަކީ ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރައީސް ވެސް މެ އެވެ.

އީރާންވަނީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފުވެފައި

އެމެރިކާއިން ސަލާމަތީ މަޖިލިސް މެދުވެރިކޮށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުށަހަޅާފައި ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމާ ބެހޭ ގޮތުން އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމާ އީރާނުން ޚިލާފުވިކަމަށް ބުނެފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު މިއެއްބަސްވުމުން އެމެރިކާ ވަކިވެފައިވާތީއާއި އެމެރިކާއަކީ މިހާރު މިއެއްބަސްވުމުގައި ހިމެނޭ ގައުމަކަށް ނުވާތީ މިއެއްބަސްވުމާ އީރާނުން ޚިލާފުވިކަމަށް ބުނެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ ގާނޫނީ ހައިޘިއްޔަތު އެމެރިކާއަށް ނޯންނާނެކަމަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ ގިނަ ގައުމުތަކުން ބުނެ އެވެ.

ޔޫރަޕްގެ ބާރުތައްވެސް އެމެރިކާއާ ދެކޮޅަށް

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކުރި ޔޫރަޕްގެ ބޮޑު ތިންބާރު ކަމަށްވާ ޖަރުމަނު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ވެސް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ހައިޘިއްޔަތު މިހާރު އެމެރިކާއަށް ގެއްލިފައިވާ ކަމަށާ އެހައިޘިއްޔަތު ގެއްލުވާލީ ޚުދު އެމެރިކާ އަމިއްލައަށްކަމަށް ބުނެފަ އެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުގައި އެމެރިކާ ބަލިވެ އެކެހެރިވެފައިވީ ނަމަވެސް އެމެރިކާ އަދިވެސް ގެންދަނީ ގޮތް ދޫނުކޮށް ބިރު ދައްކައިގެން ތާއީދު ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

އެމެރިކާއަށް އޮތީ ކޮންމެވެސް އެހެން ކަމަކައިގެން އުޅުން

ސަލާމަތީ މަޖިލީހުގައި ހިމެނޭ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދެބާރުކަމަށްވާ ރަޝިއާ އާއި ޗައިނާއިން ބުނެފައި ވަނީ އީރާނާ އާދަޔާ ޚިލާފަށް ޖައްސާލައިގެން އުޅެން ހަދައިގެން ސަލާމަތީ މަޖިލީސްގައާއި ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވެ ނިކަމެތިވަމުންދާކަމަށާ އެމެރިކާއަށް އެންމެ ރަނގަނޅުވާނީ އެކަން ދޫކޮށްލުމަށް ފަހު އެހެންކަމަކާގެން އުޅުން ކަމުގަ އެވެ. އެމެރިކާ ވަކިވި ނަމަވެސް ނިއުކްލިޔާ އެއްބަސްވުމުން އެހެންގައުމެއް ވަކިނުވާތީ އެއެއްބަސްވުމަށް އީރާނާއި އެހެން ގައުމުތަކުން އަމަލު ކުރަމުން ގެންދާކަމަށްވެސް ޗައިނާއާއި ރަޝިއާގެ މަންދޫބުން ވިދާޅުވި އެވެ.

ގައުމުތަކަށް ބިރުދައްކައި ބްލީކުރުމުގެ ޒަމާން ހިނގައްޖެ

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފު ވަނީ ކުރިން ހިންގިގޮތަށް ސްޓޭޓް ޓެރަރިޒަމް ހިންގައި ގައުމުތަކަށް ބިރުދައްކައި ބްލީކޮށް ބައިނަލްއަގްވާމީ ފުލުހެއްގެބައި ދެން އެމެރިކާއަށް އަދާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމެރިކާގެ ސިޔާސީ މަގްސަދުތައް ހާސިލްކުރާ ހަތިޔާރަކަށް ސަލާމަތީ މަޖިލިސް ހެދި ޒަމާން މިހާރު މާޒީވެފައިވާ ކަމަށްވެސް ޖަވާދު ޒަރީފު ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް

އީރާނާ ދެކޮޅަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެމެރިކާއަށް ވާގިވެރިވަނީ ޑޮމިނިކަން ރިޕަބްލިކްފަދަ އާރެއްބާރެއްނެތް ކުދިކުދި މައިކްރޮސްކޯޕިކް ގައުމުތައް ކަމަށް ސިފަކުރައްވަމުން މިވަރުންވެސް އެމެރިކާއަށް އެއްޗެއް ނުވިސްނޭތީ ދެރަވާ ކަމަށް ޖަވާދު ޒަރީފު ވިދާޅުވި އެވެ.

އެއްބަސްވުމުން ވަކިވީ އެމެރިކާ އަމިއްލައަށް

ދެހާސް ފަނަރަ ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އެއަހަރު ސަލާމަތީ މަޖިލީހުންވަނީ ނިއުކްލިޔާ މައްސަލާގައި އީރާނާދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފަ އެވެ.

ނަމަވެސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު 2018 ވަނަ އަހަރު އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ ކަމުދާ އެއްބަސްވުމެއް ނޫންކަމަށް ވިދާޅުވެ އިސްރާއީލު ބާރުއަޅައިގެން އެ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އެމެރިކާ އަމިއްލައަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅުތަކުން އީރާން އިނދަޖައްސާލެވިފައެއް ނުވެ އެވެ. އަދި އެމެރިކާ އެދޭ ފަދަ އެހެން އެއްބަސްވުމެއްގައި ސޮއިކުރަން އީރާނަށް މަޖްބޫރު ކުރުމުގައި ވެސް އެމެރިކާ ވަނީ ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް