މިއަހަރު ނިމެންދެން ބޭރުގެ ފަތުރުވެރިންނަށް ބާލީ ބަންދުކޮށްފި

މިއަހަރު ނިމެންދެން ބޭރުގެ ފަތުރުވެރިންނަށް ބާލީ ބަންދު ވާނެ ކަމަށް އިންޑޮނޭޝިއާއިން ބުނޭ -- ފޮޓޯ: ގެޓީ

ބާލީ/ބީބީސީ (އޮގަސްޓު 26): މި އަހަރު ނިމެންދެން ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް އިންޑޮނޭޝިއާގެ ބާލީ ބަންދު ވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ބާލީގެ ގަވަރުނަރު ވަޔަން ކޮސްޓާ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހާ ގުޅިގެން އިންޑޮނޭޝިއާގެ ހާލަތު އޮތް ގޮތުން އެގައުމަށް ބޭރުގެ ފަތުރުވެރިން ގެންދެވޭކަށް އަދި ނެތެވެ.

"ބާލީ ހިމެނޭ ގޮތަށް، މިގައުމަށް ބޭރުގެ ފަތުރުވެރިން އައުން ހުއްދަ ކުރެވޭނެ ހާލަތެއްގައެއް ނޫން އިންޑޮނޭޝިއާ އޮތީ،" ކޮސްޓާ ވިދާޅުވި އެވެ.

އިންޑޮނޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމަށް ބޭރުގެ ފަތުރުވެރިން ދިޔުން މިދިޔަ މާޗް މަހު ބަންދު ކުރި ނަމަވެސް، އެގައުމުގެ ރައްޔިތުންނަށް ޗުއްޓީ ހޭދަ ކުރުމަށް ބާލީ ވަނީ މިދިޔަ ޖުލައި މަހު ހުޅުވާފަ އެވެ. އަދި އަންނަ މަހުގެ 11ގައި ބާލީ ބޭރުގެ ފަތުރުވެރިންނަށް ހުޅުވަން އޭރު ރޭވި އެވެ.

ނަމަވެސް މިހާރު އެ ނިންމުމަށް ބަދަލު ގެނެސް، ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށް ދެން ބާލީ ހުޅުވާލާނެ އިރެއް ކޮސްޓާ ހާމަ ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބާލީ އަލުން ހުޅުވަން ޖެހޭނީ ރައްކާތެރިވެ ތިބެ، އެކަމަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

ބާލީގައި މިހާތަނަށް 4،600 އަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 54 މީހަކު ވަނީ މަރުވެފަ އެވެ. އަދި މުޅި އިންޑޮނޭޝިއާގައި މިހާތަނަށް 157،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 6،858 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް