ކެޕްޓަން މެސީ، ބާސެލޯނާގެ އެއްބަސްވުން ނިމުމަކަށް ގެންނަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ބާސާގެ ތަރި މެސީ އުފާފާޅުކުރަނީ: އެ މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބު ދޫކޮށްލަން ބޭނުންވާ ކަން ކުލަބުގެ ރައީސް ޖޯސެފް ބާޓޮމެއު ގާތު ބުނެފައިވާ ކަމަށާއި އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެއްބަސްވުން އުވާލަން ކަމަށް ބުނެ ސްޕެއިނުގެ ގިނަ ރިޕޯޓުތަކަކުން ބުނެފި އެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، މި ސީޒަން ބާސާއިން ނިންމާލީ ހުސްއަތާއެވެ. މިއީ ފާއިތުވި 12 ސީޒަނުގެ ތެރޭގައި ބާސާއިން ތައްޓެއް ނުލިބި ނިންމާލި ފުރަތަމަ ފަހަރެވެ. އަދި ބާސާ ވަނީ ލަދުވެތިގޮތަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާން މިއުނިކް އަތުން 8-2 ން ބަލިވެފައެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވި 74 އަހަރު ތެރޭ އެއް މެޗެއްގައި ބާސާ ކޮޅަށް 8 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

މި ކަންތަކާ ގުޅިގެން 20 އަހަރަށް ފަހު މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބުނެ ގިނަ ޔޯލަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާ އިރު މިއަދު ވަނީ އެކަމަށް ހެކި ލިބޭ ގިނަ ކަންތައްތަކެއް ފެންމަތިވެފަ އެވެ. ސްޕެއިނުގެ ބޮޑެތި މީޑިއާ ތަކުން މެސީ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަމަށް ބުނެ ރިޕޯޓްކޮށްފައިވާ އިރު ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލެސް ޕުޔޯލް ވެސް ވަނީ މެސީގެ ނިންމުމަށް އިހުތިރާމް ކުރާ ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަމަ މެސީ މިހާރު ވަނީ އޭނާ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ޓީމުގެ ކުޅުންތެރިން ގާތު ވެސް ބުނެފަ އެވެ. މެސީގެ މި ނިންމުމުގެ ވާހަކަ ރަސްމީކޮށް ވަރަށް އަވަސް އޭނާ އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ އިރު އޭނާ ބާސެލޯނާ ދޫކޮށް ދިއުން އެންމެ ގާތް ކުލަބަކީ އިޓަލީގެ އިންޓަ މިލާން ނުވަތަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ކަމަށް ވެސް ވަނީ ރިޕޯޓްތަކުގައި ބުނެފަ އެވެ.

ބާސެލޯނާގެ އާ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވެސް ވަނީ މެސީ މަޑުކުރަން އެދޭ ކަމަށް ބުނެފަ އެޗެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫން މަހަށް ހަމަވާނެ އެވެ. އަދި މިހާރު އޮތްގޮތުން އަންނަ ޖެނުއަރީ މަހުގެ ކުރިން މެސީ ބާސެލޯނާގެ އެއްބަސްވުން އާ ނުކޮށްފިނަމަ ހިލޭ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލަން އެހެން ކްލަބަކާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރުމުގެ އިހުތިޔާރު ލިބިގެންދާނެ އެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

comment ކޮމެންޓް