ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ކަސްތޫރިގެ، އައިމަން އަހްމަދު (27އ) އެވެ.

އައިމަން އަހްމަދަކީ 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އައިމަން އަހްމަދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހު ފުލުހުންގެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއްގެ އެޕާޓްމަންޓަކާއި ހެންވޭރު ގެއެއް ބަލައިފާސްކުރިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ މާލެއިން ބަލައިފާސްކުރި ގެއިން ކަމަށެވެ. އެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނީ 1.16 ކިލޯގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް