ޑެޕިއުޓީ ގަވަރުނަރު ކަމަށް ނަން ފޮނުވާފައިވާ އިމާދު އާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައވާ އަހްމަދު އިމާދު އާ މެދު ޝަކުވާއެއް ވޭތޯ ބެލުމަށް، އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މިހާރުވެސް އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ އިމާދުގެ ނަން މަޖިލީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

އަދި އިމާދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޭނާއާ މެދު އެއްވެސް ޝަކުވާއެއް ވާނަމަ، މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން އޭނާގެ ނަން ދިރާސާ ކުރުމަށްފަހު، ރުހުން ދެން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު، އަލުން ތަޅުމަށް ފޮނުވާނެ އެވެ. އަދި އެއަށްފަހު، ތަޅުމުގައި ނަގާ ވޯޓުން އޭނާއަށް ރުހުން ދޭން ފާސް ވެއްޖެނަަމަ، އޭނާއަށް މަގާމު ލިބޭނެ އެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް (ސީއެމްޑީ)ގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިމާދު ވަނީ، އިނގިރޭސީ ވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އަދި މެލޭޝިއާ އިން ހަަމަ އެ ދާއިރާ އިން ބެޗްލާސް ހާސިލްކޮށްފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގަ އެވެ.

comment ކޮމެންޓް