ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވުމުން ސޯލްގެ ސްކޫލްތައް ބަންދުކޮށްފި

ސޯލްގައި ކޮރޯނާވައިރަސް ފެތުރޭތީ ސްކޫލުތައް ބަންދު ކުރަން ވަނީ އަންގާފަ --- ފޮޓޯ: އީޕީއޭ

ސޯލް (އޮގަސްޓު 25): ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރޭ މިންވަރު އިތުރުވުމުން އެގައުމުގެ ވެރިރަށް ސޯލްގެ ސްކޫލުތައް ބަންދު ކުރަން އަންގައިފި އެވެ.

ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނި ގޮތުގައި އަންނަ މަހުގެ 11އާ ޖެހެންދެން ސޯލްގެ ދަރިވަރުން ދެން ކިޔަވާނީ އޮންލައިންކޮށެވެ. އަދި އެގަވާއިދުން އިސްތިސްނާ ވާނީ މިއަހަރު މަތީ ސާނަވީ ސްކޫލު ނިންމާ، ޔުނިވާސިޓީއަށް ވަންނަން ތައްޔާރުވަމުންދާ ދަރިވަރުންނެވެ.

މީގެ އިތުރުން 60އަށް ވުރެ މަދު ދަރިވަރުން ތިބޭ ސްކޫލުތަކާއި ސްޕެޝަލް އެޑިއުކޭޝަން ސްކުލޫތައް ބަންދު ކުރުމާ ބެހޭ ގޮތުން އެސްކޫލުތަކަށް އަމިއްލައަށް ގޮތެއް ނިންމޭނެ ކަމަށް ކޮރެއާ ޓައިމްސްގައިވެ އެވެ.

ދެކުނު ކޮރެއާގައި ދިރާސީ އާ އަހަރު ފަށަނީ މާޗް މަހުގަ އެވެ. ނަމަވެސް މިއަހަރުގެ މާޗް މަހު އެގައުމުގައި ކޮރޯނާވައިރަސް ފެތުރިފައި އޮތުމުން ސްކޫލުތައް ހުޅުވުން ފަސް ކުރަން ޖެހުނެވެ. އަދި އެންމެ ފަހުން އޭޕްރިލް މަހު ސްކޫލުތައް ފެށީ އޮންލައިންކޮށެވެ. އޭގެ ފަހުން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވުމުން އެގައުމުން ސްކޫލުތައް ހުޅުވަން ފެށީ މެއި 20ގަ އެވެ.

ނަމަވެސް ދެކުނު ކޮރެއާގައި އަނެއްކާވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، އިއްޔެ އެކަނިވެސް 280 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ވައިރަހުގެ ގިނަ ކޭސްތައް ފެންނަމުން ދަނީ ސޯލް އާއި އެ ސިޓީއާ ވަށައިގެންވާ ސަރަހައްދުތަކުންނެވެ. އެގޮތުން ފާއިތުވި ދެ ހަފްތާ ތެރޭ އެ ސަރަހައްދުގެ ސްކޫލުތަކުން ގާތްގަނޑަކަށް 200 މުވައްޒަފުންނާއި ދަރިވަރުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ސޯލްގައި ބަލި ފެތުރުން ހުއްޓުވުމަށް އެ ސިޓީން ވަނީ އާއްމު ތަންތަނުގައި މާސްކު އަޅައިގެން ތިބުން ފުރަތަމަ ފަހަރަށް މަޖުބޫރުކޮށްފަ އެވެ. އަދި ފައްޅިތަކާއި ނައިޓްކްލަބްތައް ވަނީ ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ވައިރަސް ފެތުރެމުންދާ ނަމަ ވިޔަފާރިތައް ބަންދު ކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 17،945 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު ބަލީގައި 310 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20ގައި ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ ކޭސްތައް ފެބްރުއަރީ މަހުގެ ފަހުކޮޅު 'ޕީކް'އަށް އެރި އެވެ. ނަމަވެސް އެގައުމުން ކުރިއަށްގެންދިޔަ ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ ބޮޑު ކެމްޕެއިނާ އެކު އޭޕްރިކް މަހުގެ ފަހުކޮޅު، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 10އަށް ވުރެ ތިރި ކުރި އެވެ. އަދި އެގައުމުގެ ކާމިޔާބީއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ތައުރީފު ކުރި އެވެ.

comment ކޮމެންޓް