ނޭކުރެންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ނޭކުރެންދޫގައި ކުޅިވަރާ ބެހޭ ވުޒާރާއިން ގާއިމު ކޮށްފައިވާ ފުޓްސަލް ދަނޑު --- ފޮޓޯ// ޔޫތްމިނިސްޓްރީ

ހދ. ނޭކުރެންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ގާއިމުކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފި އެވެ.

މިކަން އިއުލާން ކުރައްވަމުން މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނޭކުރެންދޫގައި އައުޓްޑޯ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ ފަރާތުން އިއުލާންކޮށްގެން ކަމަށާއި ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެއް ކަމަށާއި، ދަނޑުގެ ބޭނުން އަންހެން އަދި ފިރިހެން ފަރާތްތަކަށް ކުޅިވަރުތައް ކުޅުމުގެ އިތުރުން ދުޅަހެޔޮ ހަށިހެޔޮ ޕްރޮގުރާމްތައް ހިންގުމަށް ވެސް ބޭނުން ކުރެވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ސަބަބުން ސަރުކާރުން ކުރަމުން އައި މަޝްރޫއުތަކަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް ޒުވާނުންގެ މަސްލަހަތު ހިމެނޭ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު މަހުލޫފް މީގެ ކުރިންވެސް ވަނީ ވިދާޅުވެފަ އެވެ.

އަދި ހަމަ އެހެންމެ ކޮވިޑާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ ފަހަރެއްގެ މަތިން 35 މިލިޔަނެއްހާ ރުފިޔާ އުނިކުރަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާތީ ކުޅިވަރާ ބެހޭ ވުޒާރާއިން ޕީއެސްއައިޕީގެ ތެރެއިން ވެސް މަޑު ޖެހުމެއް އަންނާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް