ސީއެސްސީގެ ލިސްޓް އެކުލަވާލުމުގައި މެންބަރެއްގެ މަސްލަހަތު ނުހިމެނޭކަމަށް ނިންމައިފި

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު މެންބަރު ޔާސިރު އަބްދުލަތީފް -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން ރުހުން ދޭނޭ ބޭފުޅުން ހޮވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނިފައި ނުވާ ކަމަށް އެ މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީއިން މިއަދު ނިންމައިފި އެވެ.

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލީ 41 ބޭފުޅުންގެ ތެރެއިން 13 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާފައި ވަނިކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ ލިސްޓް ހޮވުމުގައި ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ތުހުމަތުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ބެލުމަށް، އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ނަޝީދު މައްސަލަ ފޮނުއްވި އެވެ.

ނަޝީދު މައްސަލައިގެ ތަފްސީލް ނުދެއްވި ނަމަވެސް ހާމަވެފައިވާ ގޮތުގައި ނަޝީދު ފޮނުއްވި މައްސަލައަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވޯޓް ދެއްވައިގެން، އޭނާގެ ކުރީގެ އަނބިކަނބަލުން ސީއެސްސީއަށް ރުހުން ދޭން ފޮނުވި ލިސްޓްގައި ހިމެނުނު މައްސަލަ އެވެ.

އެ މައްސަލަ ދިރާސާކުރުމަށް އިމްތިޔާޒު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ، މެންބަރެއްގެ ކުރީގެ އަނބިމީހާ ނުވަތަ ފިރިމީހާ މީހައަކީ މެންބަރެއްގެ މަސްލަހަތު އޮންނަ ފަރާތަކަށް ވާނެ ކަމަށް ނުބެލެވޭނެ ކަމަށެވެ. ކޮމިޓީގެ މެންބަރުން އެގޮތަށް ވިދާޅުވީ، މާލިއްޔަތު ގަވައިދުގައި އާއިލީ މަސްލަހަތު އޮންނަ ފަރާތްތައް މާނަކުރާއިރު ކުރީގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުހިމެނޭތީ އެވެ.

ކޮމިޓީގެ މެންބަރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މި މައްސަލައިގައި ގޮތް ނިންމާ އިރު ބަލަން ޖެހެނީ މިހާރު އަމަލު ކުރަމުން އަންނަ ގަވައިދުތަކާއި އުސޫލުތަކަށް ކަމަށެވެ. އެހެންކަމުން، މީގެ ކުރިން މެންބަރަކު ކައިވެނި ބައްލަވައިގެންފައިވާ ފަރާތަކީ މަސްލަހަތު އޮންނަ ފަރާތަކަށް ނުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގައި ވެސް ހިމެނިފައި ވަނީ މާލީ މަސްލަހަތުތަކުގެ ވާހަކަތައް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މީގެ ކުރިންވެސް މެންބަރުންނާ، އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ކޮމިޝަންތަކަށް އައްޔަން ކުރަން އެ މެންބަރުން ތިއްބަވައިގެން ރުހުން ދީފައިވާ ކަމަށާއި އޭރު މައްސަލައަކަށް ނުވާ ކަމަށް ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ނާޒިމް ހުށަހެޅުއްވީ، މި މައްސަލައިގައި މެންބަރެއްގެ ކުރީގެ އަނބިކަނބަލަކު ހިމެނޭތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ނުވާނެ ކަމަށް ކޮމިޓީއިން ނިންމުމަށެވެ. އަދި މީގެ އިތުރުން، މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކޮމިޓީއަކުން ނިންމާއިރު، އެ މެންބަރަކު އެ ޖަލްސާތަކުގައި ބައިވެރި ނުވެވޭވެނެ ގޮތް ހެދުމަށް ރެކޮމެންޑް ކުރުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކޮމިޓީގައި ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު ރަޝީދު ވެސް ވިދާޅުވީ، މިވަގުތު ބަލަން ޖެހޭނީ ގަވާއިދުގައި ލިޔެފައި އޮތް އެއްޗަކާއި އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ބަލާއިރު މިވަގުތު ހުރި އުސޫލުތަކުގެ ދަށުން ސީއެސްސީއަށް ރުހުން ދޭނެ ފަރާތްތައް ކަނޑައެޅުމުގައި މެންބަރެއްގެ މަސްލަހަތު އޮތް ކަމަށް ބެލެވޭނެ ފުރުސަތެއް ނެތް ކަމަށް މެންބަރު އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވި އެވެ.

އެ ހުށަހެޅުން ފާސްވުމުން، ކޮމިޓީ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ މިއަދުން މިއަދަށް އެ ނިންމުން މަޖިލީހުގެ ރައީސްއަށް ކޮމިޓީއިން ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް