އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ހާއްސަކުރުމުން ހައްގުތަކަށް ހުރަސްއެޅޭ: މޫސާ އަންވަރު

މިއަދު ހައިކޯޓުގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގެ ތެރެއިން --

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމުން ގާނޫނުއަސާސީ އިން ލިބިދޭ ހައްގުތަކަކަށް ހުރަސް އެޅިފައިވާ ކަމަށް، އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ހާއްސަ ކުރުމާ ދެކޮޅަށް ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވިދާޅުވެއްޖެ އެވެ.

މޫސާ އަންވަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި، ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވާ ގޮނޑިތަކުގެ އަދަދު ކަނޑައެޅުމާއި ގުރުއަތު ނެގުމުގައި އަމަލު ކުރާނެ އުސޫލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވައިދު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ. އެއީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް ގޮނޑިތަކަކާއި ދާއިރާތަކަކަށް ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތް ހަދާފައި ވުމުންނެވެ.

މޫސާ އަންވަރު ހުށަހެޅި މައްސަލައަކީ، އެ ކަމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދީ އެކަން ބާތިލުކޮށްދޭން އެދި ހުށަހެޅި މައްސަލައެކެވެ. މިއަދު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ އޮންލައިންކޮށް ވަގުތުން ދުރަށް ދައްކައިގެން ބާއްވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ އިއްވަމުން މޫސާ އަންވަރު ވަނީ އެ ގާނޫނާއި، އުސޫލާއި ގަވައިދުން އުނިކަން ގެނުވާ ކަމަށް ބުނާ ގާނޫނުއަސާސީ އިން ލިބިދޭ ފަސް ހައްގެއް ބަޔާންކޮށްފަ އެވެ. އެ ހައްގުތަކަކީ:

  • ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ހ)އިން ކަށަވަރުކޮށްދޭ ވޯޓުލުމުގެ ހައްގާއި،
  • ގާނޫނު އަސާސީގެ 26 މާއްދާގެ (ށ)އިން ކަށަވަރުކޮށްދޭ އިންތިހާބަށް ކުރިމަތިލުމުގެ ހައްގާއި،
  • ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ)އިން ކަށަވަރުކޮށްދޭ އެ އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނި ވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގާއި
  • ގާނޫނުއަސާސީގެ 37 ވަަނަ މާއްދާގެ (ހ)އިން އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާ ކުރުމުގެ ހައްގާއި
  • ގާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ހ)އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން އަންހެނުންނާއި ފިރިހެހުންނަށް ހަމަހަމައަށް ލިބުމުގެ ހައްގު

ވަކި ޖިންސެއްގެ މީހަކަށް ވީތީ އިންތިހާބުގައި ކުރިމަތިނުލެވޭ ގޮތް ހެދުމަކީ ވޯޓު ލުމުގެ ހައްގަށް، އިންތިހާބަށް ކުރިމަތިލުމުގެ ހައްގަށް، އަދި ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް މިއަދުގެ އަޑުއެހުމުގައި މޫސާ އަންވަރު ވިދާޅުވިއެވެ. އަދި ވަކި ދާއިރާއަކަށް ހަމައެކަނި އަންހެނަކަށް ވާދަ ކުރެވޭ ގޮތް ހެދުމުން ތިމާ ބޭނުންވާ ފިރިހެނަކު އިހުތިޔާރު ކުރުމުގެ ހައްގު އެ ދާއިރާއެއްގެ އަންހެނުންނާއި ފިރިހެނުންނަށް ގެއްލޭނެ ކަމަށާއި، އެއީ ވޯޓުލުމުގެ ހައްގާއި، މިނިވަންކަމާއެކު މަންދޫބަކު އިހުތިޔާރުކުރުމުގެ ހައްގަށް އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ހައިކޯޓުގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މޫސާ އަންވަރު ވާހަކަ ދައްކަވަނީ ---

މި ހުރަސްތަކަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ)އާއި 20 ވަނަ މާއްދާއާއި، 62 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީ އިން ލިބިދޭ ހައްގުތައް ނިގުޅައިގަތުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)އިން ހުއްދަ ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި ގާނޫނުއަސާސީގައި ވާ އަސާސީ ހައްގަކަށް އަރައިގަނެވޭނެ ގޮތަކަށް ގާނޫނު ނެހެދޭނެ ކަމަށްވެސް މޫސާ އަންވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ މޭސްތިރިންގެ ވިސްނުމަކީވެސް ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރާ މާއްދާތަކަށް ހަމަހަމަކަމާއެކު އަންހެނުންނާއި ފިރިހެނުންނަށް ވާދަ ކުރެވޭނެ ގޮތަށް އޮތުން ކަމަށެވެ.

މޫސާ އަންވަރު ވިދާޅުވީ، ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަނެވޭނީ އެފަދަ ބަދަލެއް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާ ބެހޭ ބާބު އިސްލާހުކުރުމުގެ ހާއްސަ ގާނޫނަކުން ގެނެސްގެން ކަމަށެވެ. އެފަދަ ބިލެއް މަޖިލީހުން ފާސް ކުރި ނަމަވެސް، އެފަދަ ބިލަކަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިގެން ކަމާއި އެ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލި މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ ބިލެއް ބާތިލުވާނެ ކަމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ކަނޑައަޅާފައިވޭ،" މޫސާ އަންވަރު ވިދާޅުވި އެވެ.

އަންހެނުންގެ ބައިވެރިކަން އިތުރުކުރުމަށް ގޮނޑި ހާއްސަ ކުރުމަކީ އިންތިހާބު ކުރާ ޕާޓީއެއްގެ ތެރެއިން ކެންޑިޑޭޓުން ނެރޭ އިރު ކުރެވިދާނެ ކަމެއްކަންވެސް އޭނާގެ ފަރާތުން ފާހަގަ ކުރި އެވެ. އިނގިރޭސިވިލާތުގައިވެސް އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުގައި އޮންނަނީ ކެންޑިޑޭޓުން ނެރޭ އިރު އެކަން ސިޔާސީ ޕާޓީގެ އިހުތިޔާރަށް ދޫކޮށްލާފައިކަން ފާހަގަކުރެއްވި އެވެ.

ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ އަންހެނުންގެ ބައިވެރިކަން އިތުރު ކުރުމަށް ކުރި ކަމެއް ކަމަށްވާއިރު، ފިރިހެނުންގެ ހައްގު ނުގެއްލޭހެން އެކަން ކުރެވޭނެކަން މޫސާ އަންވަރު ފާހަަގަކުރެއްވިއެވެ. އަދި އަންހެނުންގެ ބައިވެރިކަން އިތުރުކުރުމުގެ މަގުސަދު އަލަށް އިންތިހާބު ކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހާސިލުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައެޅި ވަގުތު ހަމަވުމުން، އަޑުއެހުން މިއަދު ނިންމާލީ މޫސާ އަންވަރުގެ ފަރާތުން މައްސަލަ ހުށަހަޅައި ނުނިމެނީހެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބުދާރީވެސް ވާނެ އެވެ.

އެ މައްސަލަ މޫސާ އަންވަރު އެންމެ ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލަ ބަލައިނުގަތީ އެންމެ ފުރަތަމަ އެ މައްސަލަ ބަލަން ޖެހޭނީ ހައިކޯޓުން ކަމަަށް ބުނެއެވެ. ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީއެވެ.

ހައިކޯޓުގައި މި މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިއީ ވަރަށް މަދުން ނޫނީ ހައިކޯޓުން ނުކުރާ ކަމެކެވެ.

comment ކޮމެންޓް