އާންމުންގެ ބައިވެރިވުމާ އެކު ހުޅުމާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ޕްރޮގްރާމެއް ތައާރަފުކޮށްފި

ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެއަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ރައްޔިތުންގެ ބައިވެރިވުމާ އެކު މަގުތަކާއި އާންމު ތަންތަން ސާފުކޮށް ބޭއްވުމަށް ހާއްސަ ޕްރޮގްރާމެއް ތައާރަފު ކޮށްފި އެވެ.

އެޗްޑީސީ އިން އިސްނަގައިގެން އިއްޔެ ތައާރަފުކުރި "ވެށި ސާފު" ޕްރޮގްރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެ ސަރަހައްދެއްގައި އުޅޭ ރައްޔިތުންގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކޮށް، ޒަމާނުއްސުރެ އޮންނަ އާދައެއް ކަމަށްވާ ދިރިއުޅޭގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދީ އާމްދަނީއެއް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމު އިފްތިތަހުކޮށްދެއްވާފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ޕްރޮގްރާމު އިފްތިތާހުކޮށްދެއްވައި ސުހައިލް ވިދާޅުވީ ހުޅުމާލޭގެ މަގުތަކާއި ޕާކުތައް ފަދަ އާންމު ތަންތަން ގަވައިދުން ސާފު ކުރަމުންދާ ކަމަށެވެ.

"ގަބޫލު ކުރާގޮތުގައި ހުޅުމާލޭގެ ވެއްޓަކީ ސާފު، ރައްކާތެރި އަދި ހިތްގައިމު ވެއްޓަކަށް ހެދުމަށް ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރަންޖެހޭ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެއަކި ސާފު ރަށަކަށް ހެދުުމަށް މުޖުތަމައުގެ ޒިންމާ އާ މެދު ހޭލުންތެރިކޮށް މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެކެވެ.

ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން އެ ޕްރޮގްރާމަށް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީީދު ކުރައްވާ ކަމަށް ސުހައިލް ވިދާޅުވި އެވެ.

ވެށި ސާފު ޕްރޮގްރާމުގައި ރެޖިސްޓްރީވުމަށް 3353535 ނަންބަރާ ގުޅައި ނަން ނޯޓު ކުރެވޭނެ އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން އެޗްޑީސީގެ ހިޔުމަން ރިސޯސަސް ޑިރެކްޓަރު މުހައްމަދު އިލްހާމު ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކަނޑައެޅޭ މަގެެއްގައިގެ އޭރިއާ އަދި ފްލެޓުތަކުގެ ކޮމަން އޭރިއާ ސާފުކޮށް ބެލަހައްޓަން ޖެހޭ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް އެ ޕްރޮގްރާމުގައި ބައިވެރި ވެވޭނެ އެވެ. މިއަދުން ފެށިގެން ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

comment ކޮމެންޓް