މެންބަރެއްގެ މަސްލަހަތު ހިމެނޭތީ ސީއެސްސީގެ ލިސްޓް އެކުލަވާލި ގޮތް އަލުން ބަލަނީ

ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންނާ މިނިވަން މުއައްސަސާ ކޮމިޓީއިން އިންޓަވިއުކުރަނީ -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ތަޅުމަށް ނަންތައް ފޮނުވަން ނިންމި ގޮތް ބެލުމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 13 ބޭފުޅަކު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ޝޯޓްލިސްޓްކޮށް ރުހުން ދިނުމަށް ރިޕޯޓް ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ 13 ބޭފުޅުންގެ ތެރޭގައި އެ ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާ ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން ހިމެނޭ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބެއްލެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެ ލިސްޓު ބެލި އިރު، މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ މެމްބަރެއްގެ މަސްހަލަހަތު ހިމެނޭ ބޭފުޅެއްކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރެވެނީ ބޭފުޅަކު އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު މިކަން ބައްލަވައިލަދެއްވުމަށް،" ރައީސް ނަޝީދު ވިދާުވި އެވެ.

ރައީސް ނަޝިދު އެގޮތަށް ވިދާޅުވި ނަމަވެސް، އެއީ ކޮން މެމްބަރެއްކަން އަދި ރުހުން ދިން ލިސްޓުގައި މަސްލަހަތު ފުށުއަރަނީ ކޮން ބޭފުޅެއްކަން ހާމައެއް ނުކުރައްވަ އެވެ.

ރައީސް ނަޝީދު އަދި ވިދާޅުވީ، މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެން ދަނީ ދެފުށް ފެންނަ ގޮތަށް، ވަކި ފަރާތަކަށް ނުޖެހި، ވަކި ބައެއްގެ މަސްލަހަތަށްވެސް ބެލުމެއް ނެތި މުއައްސަސާތައް ބިނާކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެފަދަ މަގާމުތަކަށް ގާބިލު ބޭފުޅުން ކަނޑައެޅުމަކީ މި މަޖިލީހުގެ އެންމެ ބޮޑު އެއް ވައުދުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ 41 ބޭފުޅުން ކުރިމަތިލާފައި އޮތް ކަމެއްގައި، މިފަދަ ފުށުއެރުމެއް އޮތް ކަމަށް އަޅުގަނޑަށް ފެންނާތީ، އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އިމްތިޔާޒު، ސުލޫކީ ކޮމިޓީން ބެއްލެވުމަށްފަހު، ރިޕޯޓު މަޖިލީހުގެ ތަޅުމަށް ގެނައުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ތުހުމަތާ ގުޅިގެން މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރު މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަރުހަލާގައި މަސްލަހަތު އޮތް އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި ވަކި މެންބަރަކު ވޯޓު ދެއްވުން އަދި ނުދެއްވުމުން ވެސް ވަކި ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ފާސްވެފައި ނުވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. މެންބަރުން ވޯޓު ދެއްވި ގޮތް ވަރަށް ސާފުކޮށް ރިޕޯޓްގައި ފެންނަން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮމިޓީގެ މެންބަރުން މަސައްކަތް ކުރައްވާފައި ވަނީ ވަރަށް އިންސާފުވެރިކަމާ އެކު. ކޮމިޝަން މެންބަރު ކަމަށް ގާބިލް ނޫން އެއްވެސް ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވާފައެއް ނުވާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ސީއެސްސީގެ އެންމެ ފުރަތަމަ ރުހުން ދިނީ 15 ބޭފުޅަކަށެވެ. ނަމަވެސް ރުހުން ދިނުމަށްފަހު، ޝަރުތުރު ފުރިހަމަ ނުވާ ކަމަށް ބުނެ، ދެ މީހެއްގެ ނަން ލިސްޓް އުނި ކުރަން ފަހުން ކޮމިޓީން ނިންމި އެވެ.

https://sun.mv/141996

comment ކޮމެންޓް