އޮސްޓްރޭލިއާގެ ގިނަ ރައްޔިތުންތަކެއް އިންޑިއާގައި ތާށިވެފައި

އިންޑިއާގައި ތާށިވި އޮސްޓްރޭލިއާގެ ދެމަފިރިން--

ކޮރޯނާ ވައިރަސްއާ ގުޅިގެން އޮސްޓްރޭލިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އިންޑިއާގައި ތާށިވެެއްޖެ އެވެ.

އޮސްޓްރޭލިއާގެ 18،800 އަށްވުރެ ގިނަ ރައްޔިތުން ވަނީ އެކި ގައުމުތަކުގައި ތާށިވެފަ އެވެ. އޭގެ ތެރެއިން 7500 ރައްޔިތުން ތާށިވީ އިންޑިއާގަ އެވެ. އޮސްޓްރޭލިއާގައި ގިނަ އަދަދެއްގެ އިންޑިއާ ދަރިކޮޅުގެ ރައްޔިތުން ދިރިއުޅޭއިރު އެމީހުން އޮސްޓްރޭލިއާގެ ރައްޔިތުކަންވެސް އޮވެ އެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން ސާވިސާސް އިން ބުނީ ތާށިވި މީހުން އެނބުރި ގައުމަށް ގެންނަން އޮސްޓްރޭލިއާއިން ވަނީ ފާއިތުވި މަސްތަކުގައި 7500 ފްލައިޓު ބާއްވައިފައެވެ.

ނަމަވެސް ރައްޔިތުން އަނބުރާ ގައުމަށް ގެންނަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ތާށިވެފައިވާ މީހުން ބުނީ އެ މީހުންގެ އަތުން މިހާރު ފައިސާވެސް ހުސްވެފައިވާ ކަމަށެވެ. އަދި ބުނީ އެހެން ބޮޑަށް ދިމާވަނީ ކޮންމެ ހަފްތާއަކު އޮސްޓްރޭލިއާއަށް އޮޕަރޭޓްކުރާ އިންޓަނޭޝަނަލް ފްލައިޓްތައް ވަރަށް ބޮޑަށް މަދުކޮށްފައިވާތީ ކަމަށެވެ.

ކޮރާނާ ކޮންޓްރޯލްކުރަން މުޅި ދުނިޔޭގައިވެސް އެންމެ ހަރުކަށި ފިޔަވަޅު އެޅި ގައުމުތަކުގެ އޮސްޓްރޭލިއާ ހިމެނެއެވެ. އެގޮތުން އޮސްޓްރޭލިއާއިން މިދިޔަ މާޗް މަހު 18އިން ފެށިގެން ވަނީ އެގައުމުގެ ރައްޔިތުން ގައުމުން ބޭރަށް ފުރުން މަނާކޮށްފައެވެ. އަދި އެގައުމުގައި ރެސިޑެންޓް ވިސާ ނޯންނަ އެހެން ގައުމުތަކުގެ މީހުން އޮސްޓްރޭލިއާއަށް އެރުންވެސް މަނާކުރި އެވެ. -- ސީއެންއެން

comment ކޮމެންޓް