ކަނޑުމަތީ މުޒާހަރާއާ ގުޅިގެން އިދިކޮޅު ލީޑަޝިޕް ފުލުހަށް ހާޒިރުވާން އަންގައިފި

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކ. މާފުށީ ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަނޑުމަތީގެ އިހުތިޖާޖާ ގުޅިގެން ލީޑަޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ. ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

"ލީޑަޝިޕުން އަޅުގަނޑަށް ކަށަވަރުކޮށްދިން ގޮތުގައި، އަޅުގަނޑުމެން ކޯލިޝަންގެ ސެކެޓްރީ ޖެނެރަލް ތޮލާލަށް ގުޅުއްވައި ޕޮލިހުން ވިދާޅުވީ މާދަމާގެ [މިއަދުގެ] އިވެންޓާ ގުޅިގެން ލީޑަޝިޕްގެ ފަރާތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށް. ލީޑަޝިޕަށް އެންގީ މިކަމާ ގުޅޭ ގޮތުން ބައްދަލުކުރަން ބޭނުން ކަމަށް،" އަދުރޭ ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިހުތިޖާޖާ ގުޅިގެން އިދިކޮޅު ލީޑަޝިޕާ ބައްދަލުކުރަން ފުލުހުން އެދުނު މަގުސަދު ސާފުނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މާދަމާ އިހުތިޖާޖު ކުރަން ނިންމާފައި ވަނީ މާފުށީ ބޭރުގައި ކަމަށާއި މާފުށްޓަށް އެރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

އަދި އެ އިހުތިޖާޖަކީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން އަންނަ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލުމުގެ އިތުރުން، ގައުމުގައި ހުރި މައްސަލަތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދަން ނިންމާފައި ސިލްސިލާ އިހުތިޖާޖެއް ކަމަށެވެ.

"މި ޕްރޮގްރާމު ފަށަން ރާވާފައި މި އޮތީ މާފުށިން. އެއީ ސަބަބަކީ އަޅުގަނޑުމެންގެ ލީޑަރު މިވަގުތު ހުންނެވީ މާފުށީ ޖަލުގައި ކަމަށް ވާތީ، އަޅުގަނޑުމެން މިފަދަ މުހިންމު ހަރަކާތެއް ފަށާއިރު، އެމަނިކުފާނު ހުންނެވި ހިސާބަކުން ފަށަން ރާވާފައި މިއޮތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެހެން ރަށްރަށަށް ވެސް ދަތުރުކުރާނެ ކަމަށާއި، އެހެން ނަމަވެސް އެ ދަތުރުތައް ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

"އެއީ ކަނޑުމައްޗަށް އެރުމަކީ މަނާކަމެއް ނޫން. އެއީ ހުއްދަ ކަމެއް ކަމަށް މި ބަލަނީ." އޭނާ ވިދާޅުވި އެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މެންދުރު 12:30ގައި ހުޅުމާލޭ އެމްޓީސީސީ އެކްސްޕްރެސް ޖެޓީއަށް ދިއުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް