ޓެކްސް އެޕީލް ޓްރައިބިއުނަލަށް މުނައްވަރާއި ޝީރީން އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ކޮމިޓީން ރުހުން ދިން ޝީރީން: އޭނާއާއެކު މުނައްވަރަށްވެސް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރި ---

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނަން ފޮނުއްވެވި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ރައީސް ސޯލިހް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވެއްވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ޓްރައިބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ސޯލިހު ފޮނުއްވީ އއ. މަތިވެރި، ވެސްޓްބީޗް، މުހައްމަދު މުނައްވަރު އަލީ، އާއީ ގ. ނޫމަރާވިލާ، ޝީރީން ނާހިދާ ލަތީފު އެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވީވެސް އެ ދެބޭފުޅުން އެކަންޏެވެ.

މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ވަނީ ގޮތެއް ނިންމައި މިދިޔަ ބުދަ ދުވަހު ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައެވެ. އެ ރިޕޯޓަށް ވޯޓަށް އެހުން މާދަމާގެ ޖަލްސާއަށް ވަނީ ތާވަލްކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން ރައީސް ސޯލިހް ފޮނުއްވެެވި ދެ ބޭފުޅުންނަށްވެސް ކޮމިޓީގެ ތިން ބައި ކުޅަ ދެބައިގެ އަޣްލަބިއްޔަތުން ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ. އަދި ނަންތައް ތަރުތީބުކޮށްފައިވަނީ، ރައީސް ނަންތައް ފޮނުއްވެވި ތަރުތީބުމުންނެވެ.

އެހެންކަމުން މާދަމާގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އަހާނީ، މުނައްވަރު އަށެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ފާސް ވެއްޖެ ނަމަ، ދެން ވޯޓަށް އަހާނީ ޝީރީނަށެވެ.

ހުސްވެފައިވާ މަގާމަށް ހޮވާނީ ކޮންމެވެސް އެއް ބޭފުޅެކެވެ.

ކޮމިޓީން ރުހުން ދިން ޝީރީން އަކީ، މީގެ ކުރިން މީޑިއާ ކައުންސިލްގެ މެމްބަރު ކަމާއި ފްލެޓް ކޮމިޓީގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެ ދެ މާގާމުންވެސް އޭނާ ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ. އަދި އޭގެ އިތުރުން މެޖިސްޓްރޭޓްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހޭނެ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ހުސްވެފައި ވަނީ، ގާނޫނީ ދާއިރާގެ މެމްބަރެއްގެ މަގާމެވެ.

އެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އެކަމަށް ކުރިމަތިލެއްވި ފަރާތައް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އަނެއްކާވެސް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި ފަހުން އެ އިއުލާނު ބާތިލުވެސް ކުރިއެވެ.

comment ކޮމެންޓް