އޯލްޓަނޭޓިވް ކެއާގެ އުސޫލުތައް ކަނޑައަޅައި ގަވާއިދު އެކުލަވާލައިފި

ކުޑަކުދިން

ވަގުތީގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އޯލްޓަނޭޓިވް ކެއާގެ ހިދުމަތުގެ އުސޫލުތަކާއި، އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒުތަކުގައި މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅައި ގަވާއިދު އެކުލަވާލައިފިއެވެ.

އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އެ ކުދިން ބައިތިއްބާ ފެސިލިޓީތަކެވެ.

މިިހާރު ގެޒެޓުކޮށްފައިވާ އެ ގަވާއިދުގެ މަގުސަދަކީ އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި، އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލާއި، އެފަދަ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު އަމަލުކުރާނެ އުސޫލާއި، އެ ކުދިންނަށް ލިބެންޖެހޭ ހިދުމަތްތައް ކަނޑައެޅުމެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ އޯލްޓަނޭޓިވް ކެއާގެ ހިދުމަތްދޭ މަރުކަޒުތައް ހިންގަންވާނީ އާއިލީ މާހައުލު ނެގެހެއްޓޭ ގޮތަށް، ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ. އަދި އެފަދަ މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބަންވާނީ، އެ ކުދިން އެ ތަނެއްގައި ކޮންމެހެން ބައިތިއްބަންޖެހޭ ބޭނުމެއް އޮންނަ މުއްދަތަކަށް ކަމަށެވެ.

ހަމައެއާއެކު ކުދިންނަށް އެކަށީގެންވާ ގޮތަށް އަޅައިލުން ފޯރުކޮށްދީ، އެއްބަނޑުއެއްބަފާ ކުދިން ވަކިނުކުރުމަށާއި، އާއިލާއާ ގުޅުން ބޭއްވުމަށް ފުރުސަތު ދިނުމަށާއި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ގެއްލުން ނުލިބޭނެ ގޮތަކަށް މަރުކަޒުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބައިތިއްބާ ކޮންމެ ކުއްޖަކަށް ކަށަވަރުކޮށްދޭންޖެހޭނެ ހައްގުތަކުގެ ތެރޭގައި ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް
އަދާކުރާ ފަރާތާ ވަކިވާންޖެހުނު ސަބަބު އެނގުމުގެ ހައްގާއި، އެ މަރުކަޒަށް ގެނައި ސަބަބު އެނގުމުގެ ހައްގު ހިމެނެއެވެ.

އަދި އޭގެ އިތުރުން ވެސް ކުއްޖާއަށް ގިނަ ހައްގުތަކެއް ލިބިގެން ވާކަމަށް ގަވާއިދުގައި ބުނެއެވެ.

އެފަދަ މަރުކަޒެއްގައި ހުންނަ ކުއްޖަކު އާއިލާއާ ބައްދަލުކުރާއިރު، ނުވަތަ ފޯނުން ވާހަކަދައްކާއިރު، އެ ކަމެއް މޮނިޓާކުރެވޭނީ، އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވާނަމަ ކަމަށާއި އަދި އެކަން ކުރަންޖެހޭނީ، ގަވާއިދުގެ ދަށުން ހަދާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފައިވެއެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން ކުއްޖާގެ އާއިލާއާ ކުއްޖާއާ ބައްދަލުކުރުން ހަނިކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒުތަކުގައި ބޭތިއްބޭނެ ކުދިން:

1. މައިންބަފައިން، ނުވަތަ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިން
ދުނިޔޭގައި ތިބެ، ރައްކާތެރި މާހައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް
މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިން
އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން ދައުލަތުން ރައްކާތެރިކަން
ފޯރުކޮށްދޭ ކުޑަކުދިން؛

2. ގާނޫނީ ކުށެއްގެ ސަބަބުން ހުކުމް ތަންފީޒުކުރުމަށް ޓަކައި
މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުމް ތަންފީޒުކުރަން
ދާންޖެހޭ މީހުންގެ ކުދިން؛

3. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެ ކުއްޖާގެ ބަލީގެ ސަބަބުން އާއިލާގެ ތެރޭގައްޔާއި މުޖުތަމައުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލިހާލަތު ގޯސްވެ އެ ކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ އަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ފަދަ އަމަލުތައް ކުރާ ކުދިން؛

4. ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން؛

5. ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކައުތެރިކަން ބޭނުންވާ
ކުދިން؛

6. އެހެން ފަރާތެއްގެ ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުއީ ބަދަލުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން؛

7. ޔަތީމު ކުދިން ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުއީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން؛

8. އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ
ކަމަށް ކަނޑައަޅައިފައިވާ ކުދިން.

ކުއްޖަކު އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ދޭ މަރުކަޒަކަށް ބަދަލުކުރަން ވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކަމަށް ގަވާއިދުގައި ބުނެއެވެ.

އަދި މަރުކަޒަކަށް ކުއްޖާ ބަދަލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ވެވުނު މިންވަރަކުން ކުއްޖާގެ މަސްލަހަތަށް ރިއާޔަތްކޮށް، ހުންނާނެ ތަނެއް ހަމަޖައްސައިދިނުމުގައި، އެކަމާމެދު ކުއްޖާ ދެކޭ ގޮތް ހޯދުމަށާއި ކުއްޖާގެ އުމުރާއި ކަންކަން ފަހުމްވާ މިންވަރަށް ބަލައި، އެ ކުއްޖާ ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭތޯ ބަލަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ގަވާއިދު ބުނާގޮތުން އޯލްޓަނޭޓިވް ކެއާގައި އެންމެ ގިނަވަގެން ކުއްޖަކު ބަހައްޓަންވާނީ ހަ މަސްދުވަހުގެ މުއްދަތަށެވެ. އަދި މަރުކަޒުތަކުގައި ބައިތިއްބާ ކުދިން، އެއްވެސް މިންވަރަކަށް އެއްވެސް މެޑިކަލް ރިސާޗެއްގައި ބައިވެރިކުރުން ގަވާއިދުން ވަނީ މަނާކޮށްފައެވެ.

އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން
ވަކި މަރުކަޒުތަކަކީ ވަކި އުމުރުފުރާތަކަކަށް ހާއްސަ މަރުކަޒުތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ލިބިގެންވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައެވެ.

comment ކޮމެންޓް