ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްގެން ހަދާފައި އޮންނަ ސްމޯކިންހަޓް ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މިރޭ 23:59 އިން ފެށިގެން ސްމޯކިން ހަޓް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
ރާއްޖޭހައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ބޯޑަރު ހުޅުވާލާފައި އޮތުމުން ބައިނަލްއަގުވާމީ ފަސިންޖަރުންނާއި ޑޮމެސްޓިކް ފަސިންޖަރުން ކޮންމެ ދުވަހަކުވެސް ލަފާފުރުމަށް އެއާޕޯޓަށް ދެއެވެ.
މީގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންވެސް މިހަޓުގެ ބޭނުން ކުރެއެވެ.
ކޮވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އެޗްއީއޯސީ އިން ބުނެފައިވަނީ އާންމުތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް މާސްކު ތިރިކޮށްގެން ތިބުމަކީވެސް މަނާކަމެއް ކަމަށެވެ.