ކުރިން އޮތީ އެންމެ ބޭނުންވި ފަރާތްތަކަށް ފްލެޓް ނުލިބޭގޮތަށް: ކޮމިޓީ

ފްލެޓް ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ : ރައީސް އޮފީސް

"ހިޔާ" މަޝްރޫއުގެ ފްލެޓްގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ޝަރުތު ހަމަނުވެ އެފަރާތްތަކަށް މަގު ބަންދުވާގޮތަށް ކުރިން އޮތް ކަމަށް ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމިޓީއިން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ވަނީ އާންމުކޮށްފައެވެ. އަދި އެކަމާއި ކޮމިޓީގެ އިތުރު މަސައްކަތްތައް ހުރިގޮތާ ގުޅޭގޮތުން ކޮމިޓީއިން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރު އަލީ ސުހައިލް މުހައްމަދު ވިދާޅުވީ ކޮންމެ ކެޓަގަރީއެއްގައި އެންމެ އަސާސީ އެއް ޝަރުތުގެ ގޮތުގައި، ފްލެޓަށް ކުރިމަތިލާ ކޮންމެ ފަރާތެއްގެ ޖުމްލަ އާމްދަނީއަކީ 7،000 އަށްވުރެ އިތުރުވުން ހިމެނޭ ކަމަށެވެ.

"މިގޮތަށް އަސްލު ޝަރުތު ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ އަޅުގަނޑުމެން ބެލި ބެލުމުގައި، އެވޯޑް ކުރަން އުޅޭ ފްލެޓް ލިބިއްޖެ ކަމުގައިވާނަމަ ފްލެޓަށް ދައްކަން ޖެހޭ ފައިސާ އެފަރާތަށް އެފޯޑު ކުރެވޭނެތޯ ނުވަތަ ނޫން ތޯ ބެލުން،" ސުހައިލް ވިދާޅުވިއެވެ.

ނަމަވެސް އެގޮތަށް ޝަރުތުގައި އިނުމުގެ ސަބަބުން ސޯޝަލް ހައުސިންނަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް މަގު ބަންދުވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"7،000 ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކަމަށްވެއްޖެޔާމުން ޝަރުތު ހަމަ ނުވާ މީހަކަށް އެބަވޭ. އެހެންނަމަވެސް 7،000 ނުލިބޭ ފަރާތަކީ، 7،000 ރުފިޔާ ލިބޭ ފަރާތަށްވުރެބޮޑަށް ސޯޝަލް ހައުސިންނަށް ބޭނުންވާ ބަޔަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އެކަމާ ގުޅިގެން ރައީސް އޮފީހާ މަޝްވަރާކުރުމަށްފަހު އެ ޝަރުތައް ރިއާޔަތް ނުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން 7،000 ރުފިޔާ ނުލިބޭ ފަރާތްތައްވެސް އެއާއެކު ފްލެޓަށް އެލިޖެބަލް ވެގެންދާނެ ކަމަށް ސުހައިލް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް