އަޔާސޯފްޔާގެ ތާރީޚީ ދަތުރު 4: އަޔާސޯފްޔާ ދެވަނަ ފަހަރަށް މިސްކިތަކަށް ބަދަލު ކުރުން

10 ޖުލައިގައި ކައުންސިލް އޮފް ސްޓޭޓުން ނިންމި ނިންމުމަށް ފަހު، އަޔާސޯފްޔާ ކައިރިއަށް މީހުން ޖަމާ ވެފައި

އުންމީދެއް އަދި ހުވަފެނެއް

ތުރުކީގެ މަޝްހޫރު މުސްލިމް ލިޔުންތެރިޔާ ޔަޙްޔާ ކަމާލް 1922 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު، ޝާއިޢު ކުރެއްވި މަޒުމޫނެއްގައި ވިދާޅުވެފައި ވެއެވެ. "ތުރުކީ ޤައުމުގެ ރޫޙާނީ ދެ ބިންގަލެއް ވެއެވެ. އެއިގެ ތެރެއިން ފުރަތަމަ ބިންގަލަކީ ފާތިޙް ސުލްޠާން މުޙައްމަދުގެ އަމުރުފުޅަށް އަޔާސޯފްޔާގެ މުންނާރުން ގޮވައިލެވުނު ބަންގިއެވެ. އެ ބަންގީގެ އަޑު މިއަދު ވެސް މި ޤައުމުގެ ކަންކޮޅުތަކުގައި ދަނީ ގުގުމަމުންނެވެ. ދެވަނަ ބިންގަލަކީ ޔަވޫޒް ސުލްޠާން ސަލީމްގެ އަމުރުފުޅަށް ހިރްކާއި ސާދެތް ދާއިރެސީގައި، މާތް ނަބިއްޔާގެ ރިދާކޮޅުގެ ކުރިމަތީގައި ކިޔެވުނު ޤުރްއާނުގެ އަޑެވެ. އެ ކިޔެވުމުގެ އަޑު މިއަދާ ހަމަޔަށް ވެސް މި ޤައުމުން ކެނޑިގެނެއް ނުދެއެވެ."

މި ބަސްފުޅުތަކުން ދޭހަ ކޮށްދެނީ، ތުރުކީގެ މުސްލިމުންގެ ހިތްތަކުގައި އަޔާސޯފްޔާއަށް އޮތް މަޤާމެވެ. އެމީހުންނަށް އަޔާސޯފްޔާ ސިފަ ކުރެވޭ ގޮތެވެ. އެހެންކަމުން، ރައީސް މުޞްޠަފާ ކަމާލުގެ ސަރުކާރުން އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރި ދުވަހު – ހަމަ އެ ދުވަހު – އެތަން އަލުން މިސްކިތަކަށް ބަދަލު ކުރުމުގެ އުއްމީދާއި ހުވަފެން ވެސް ވުޖޫދަށް އަތުވެއްޖެއެވެ. އެ އުއްމީދަކީ، އަދި އެ ހުވަފެނަކީ ތުރުކީގެ އިސްލާމީ ޙަރަކާތުގެ އެންމެ މުހިއްމު އެއް ޝިޢާރު ކަމުގައި ވެގެން ހިނގައްޖެއެވެ. އެ އުއްމީދަށް ޓަކައި، އެ ހުވަފެނަށް ޓަކައި ތުރުކީގެ މުސްލިމުން ވަނީ ދަންމަޅީގެ ކުރިމައްޗަށް ވެސް ހުއްޓިފައެވެ. މިސާލެއްގެ ގޮތުގައި، ތުރުކީގެ މަޝްހޫރު މުސްލިމް މުޙައްރިކު، ލިޔުންތެރިޔާ އަދި ލީޑަރު ޢުޘްމާން ޔުކްޝެލް ސަރްދާންގެޝްތީ "އަޔާސޯފްޔާ" މި ސުރުޚީގެ ދަށުން ލިޔުއްވި މަޝްހޫރު މަޒުމޫނާއި، އެ މަޒުމޫނު ލިޔުއްވުމާ ގުޅިގެން އޭނާޔަށް ކުރިމަތި ވެވަޑައިގަތް އަނިޔާތަކުގެ ވާހަކަ ހަނދާން ކޮށްލަމާތޯއެވެ. 1952 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި، އޭނާ ނެރުއްވަމުން ގެންދެވި ސަރްދާންގެޝްތީ އެވެ ކިޔުނު މަޖައްލާގެ 17 ވަނަ ޢަދަދުގައި ޝާއިޢު ކުރެއްވި މި މަޒުމޫނުގައި އޭނާ ލިޔުއްވައިފައި ވެއެވެ. "އަޔާސޯފްޔާއެވެ! އޭ ޝާނާއި ޝައުކަތުގެ ވެރި މަސްޖިދެވެ! މޮޅިވެރި ނުވާށެވެ! ފާތިޙްގެ ދަރީން ލަސްތަކެއް ނުވެ އަތުވެދާނެއެވެ. އަދި ހުރިހައި ބުދުތަކެއް ތަޅައި ސުންނާފަތި ކޮށްފައި، ތިބާ އަނެއްކާވެސް މިސްކިތަކަށް ބަދަލު ކުރާނެއެވެ. އެ ދުވަހަކުން އެމީހުން އެމީހުންގެ ކަރުނައިގެ ދެމިގެންދާ ސައިލުން ވުޟޫ ކުރާނެއެވެ. އަދި އެމީހުން ﷲ އަށް ސަޖިދަ ކުރާނެއެވެ. ... ތަޙްލީލާއި ތަކުބީރުގެ އަޑުތައް ތިބާގެ ފަޅު ގުއްބުތަކުގައި ގުގުމައިގެން ދާނެއެވެ. އެ ދުވަސް ވާނީ ދެވަނަ ފަތަޙައިގެ ދުވަސް ކަމުގައެވެ. ޅެންވެރީން އެ ފަތަޙައިގެ ދާސްތާނުގެ ބައިތުތައް ކިޔާނެއެވެ. ތިބާގެ ޔަތީމު ކޮށްލެވިފައި ވާ އަދި ހިމޭންކަމުގައި ވާ މުންނާރުތަކުން ގޮވައިލެވޭ ބަންގީގެ އަޑު އުޑުތަކުގައި ގުގުމައިގެން ދާނެއެވެ. ތިބާގެ މުންނާރުތަކުގެ ބެލްކަނިތައް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ ޝަރަފުގައި ރިވެތި ވެގެންވާ އަލިކަމަކުން އަލި ކުރެވި ދިއްލައިލެވޭނެއެވެ. މުޅި ދުނިޔެ ހީ ކުރާނީ ފާތިޙް އަލުން ދިރިގެން ވަޑައިގަތީ ކަމުގައެވެ. މިބުނާ ދުވަސް އަންނާނެއެވެ. އަޔާސޯފްޔާއެވެ! މިބުނާ ދުވަސް އަންނާނެއެވެ. ދެވަނަ ފަތަޙައެވެ. ދެވަނަ ދިރުމެވެ. މިކަމާ މެދަކު ޝައްކެއް ނެތެވެ. އެއީ ޔަޤީން ކަމެކެވެ! އެ ދުވަސް ވަނީ ގާތުގައެވެ. ފަހަރުގައި އެއީ މާދަމައެވެ. ނުވަތަ މާދަމަޔަށް ވުރެ ވެސް އަވަހެވެ." މި މަޒުމޫނު ޝާއިޢު ކުރެއްވުމާ އެކު، ތުރުކީގެ ޢަލްމާނީ ސަރުކާރުން ޢުޘްމާން ޔުކްސެލް ހައްޔަރު ކުރިއެވެ. ފުރަތަމަ މަރުޙަލާގެ ކޯޓުން އޭނާގެ މައްޗަށް އިއްވީ މަރުގެ އަދަބެވެ. ނަމަވެސް، ކަލާނގެ ރަޙްމަތްޕުޅުން، އެތައް ދުވަހަކު ލާދީނީންގެ ޖަލުގެ އަނިޔާ ދެކެވަޑައިގެންފައިމެ، އިސްތިއުނާފު މަރުޙަލާގައި އެ ޙުކުމް ބާޠިލު ކުރެވުމުން އޭނާ ސަލާމަތް ވެވަޑައިގަތީއެވެ.

ހަމަ އެ ދުވަސްވަރު، ތުރުކީގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަދި އެ ޒަމާނުގައި އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި ޢާލިމުންގެ ތެރޭގައި ހިމެނިވަޑައިގަތް ސައްޔިދު ބެއިކަލެއް ކަމުގައި ވާ ޢައްލާމާ ސައްޔިދު ޢަބްދުލްޙަކީމް އަރްވާސީ ވިދާޅުވެފައި ވެއެވެ. "އަޔާސޯފްޔާ މިސްކިތް ދާރުލްއާސާރަކަށް ބަދަލު ކޮށްފައި ބެހެއްޓުމަކީ މުސްލިމުންނަށް ޓަކައި ބޮޑު ޝަރަމެކެވެ. ދާރުލްއާސާރެއްގެ ގޮތުގައި އެތަން ހުރުމަށް ވުރެ، އެތަން ތަޅައި މުގުރައިލައިގެން އެ ޝަރަމުން ސަލާމަތް ވުން ވެސް މާ ހިތަށް ފަސޭހައެވެ.

2016 ވަނަ އަހަރު އައި ރަމަޟާން މަހުގެ 27 ވިލޭރޭގެ ފަތިސް ނަމާދަށް އަޔާސޯފްޔާގެ ތެރެއިން ބަންގި ގޮވަނީ

އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރެވުނު ދުވަހުން ފެށިގެން، އެތަން އަލުން މިސްކިތަކަށް ބަދަލު ކުރުމަށް ޓަކައި ތުރުކީގައި މަސައްކަތްތައް ކުރެވެމުން ދިޔައީ އެކި ފެންވަރުގައެވެ. އެކި މަންސަތަކުގައެވެ. ލިޔުންތެރީންނާއި ޅެންވެރީންގެ އަދަބީ އުފެއްދުންތަކުގައި އެކަމަށް ގޮވައިލައި، އެކަމަށް ކުރާ އުއްމީދުގެ ވާހަކަތައް ބަޔާން ކުރެވެމުން ދިޔައެވެ. މުސްލިމް ޢިލްމުވެރީންނާއި މުޙައްރިކުން އެކަމާ މެދު ވާހަކަ ދައްކަމުން ގެންދިޔައެވެ. ޖުމުލަ ގޮތެއްގައި ދަންނަވާ ނަމަ، އެ މަސައްކަތަކީ ދުވަހަކު ވެސް ހުއްޓުނު މަސައްކަތެއް ނޫނެވެ. ކުރީން ވެސް ދެންނެވި ފަދައިން، އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުން ހުއްޓުނު ދުވަހުން ފެށިގެން، 10 ޖުލައި 2020 ގައި ރައީސް އުރްދުޣާން އެއީ މިސްކިތެއް ކަމުގައި ދެވަނަ ފަހަރަށް ކަނޑައަޅުއްވައި އިޢުލާން ކުރެއްވި ވަގުތާ ހަމަޔަށް އެ މަސައްކަތް އައީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ހުރިހައި ތަފްޞީލުތައް މިފަދަ ޚުލާޞާ މަޒުމޫނެއްގައި ގެނެސްދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ނަމަވެސް ބައެއް މުހިއްމު މޭލުގާތަކަށް އިޝާރާތް ކޮށްލާނަމެވެ.

ނަވާރަސަތޭކަ ސާޅީސް ހަ ވަނަ އަހަރާ ހަމަޔަށް، ތުރުކީގައި އޮތީ އެންމެ ސިޔާސީ ޕާޓީއެކެވެ. އެއީ ތުރުކީގެ ފުރަތަމަ ރައީސް އަދި ލާދީނީ އަދި ޢަލްމާނީ ފިކުރުގެ ލީޑަރު މުޞްޠަފާ ކަމާލް އުފެއްދެވި ރިޕަބްލިކަން ޕީޕަލްސް ޕާރޓީ އެވެ. މުޞްޠަފާ ކަމާލުގެ ޤިޔާދަތުގެ ދަށުން ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާ 1923 ގައި އިޢުލާން ކުރެވުނީއްސުރެ، ޤައުމުގެ ވެރިކަން ކުރަމުން އައީ އެ ޕާޓީންނެވެ. ނަމަވެސް މުޞްޠަފާ ކަމާލް އަވަހާރަ ވުމަށް ފަހު، ސިޔާސީ ގޮތުން ތުރުކީ ކޮންމެވެސް ވަރަކަށް ހުޅުވި، ރައްޔިތުންނަށް ސިޔާސީ ޙަރަކާތްތައް އިންތިޒާމު ކޮށް ހިންގުމުގެ މިނިވަންކަން ލިބޭން ފެށިއެވެ. ނަތީޖާޔަކީ 1946 ގައި އައު ސިޔާސީ ޕާޓީއެއް އުފެދުމެވެ. އެއީ އިސްލާމީ ފިކުރުގެ ބައެއް ލީޑަރުންނާއި މުޙައްރިކުންގެ ވެސް ބައިވެރިވެވަޑައިގަތުމާ އެކު އުފެއްދުނު ޑިމޮކްރެޓިކް ޕާރޓީ އެވެ. ޑިމޮކްރެޓިކް ޕާޓީ އުފެދުމަށް ފަހު ބޭއްވުނު ފުރަތަމަ ބަރުލަމާނީ އިންތިޚާބުގައި، 1950 ވަނަ އަހަރު އެ ޕާޓީއަށް ވަރަށް ބޮޑު ކާމިޔާބެއް ލިބި، އެ ޕާޓީގެ ލީޑަރު އަދްނާން މެންދަރީސް ތުރުކީގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތެވެ. އެ ހިސާބުން، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމުގެ ވިސްނުން ތުރުކީގެ ޒަޢާމަތުގައި އުފެދި، އެކަމާ މެދު ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނެވެ. ޑިމޮކްރެޓިކް ޕާޓީގައި ތިބި އިސްލާމީ ފިކުރުގެ ބެއިފުޅުންގެ އިސް ނެންގެވުމުގެ މަތީންނެވެ. ޢާއްމު ރައްޔިތުންގެ ތާއީދު ވެސް މި މަސައްކަތަށް ވަރަށް ބޮޑަށް ލިބުނެވެ. ނަމަވެސް ޚުދު ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވެސް، އަދި ތުރުކީގެ ޢަސްކަރިއްޔާ އާއި ޖުޑީޝަރީ އާއި އެކިއެކި މުއައްސަސާތަކުގައި ކުރީއްސުރެ ފިސާރި ވަރުގަދަޔަކަށް ފައިހަރު ކޮށްލައިގެން ތިބި ޢަލްމާނީ ލާދީނީންގެ ފަރާތުން މި މަސައްކަތަށް ކުރިމަތި ވެގެން ދިޔައީ ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެކެވެ. އެ ދުވަސްވަރު ލާދީނީ ޢަލްމާނީންގެ މަޝްހޫރު ނޫސްވެރިޔެއް ކަމުގައި ވާ އަހްމެޓް އެމިން ޔަލްމަން ލިޔުނު ލިޔުމެއްގައި ބުނެފައި ވެއެވެ. "އަޔާސޯފްޔާ މިސްކިތަކަށް ހަދާން ބޭނުން ވެގެން އުޅޭ އެންމެންގެ ބޯތައް ޖެހެނީ ޗިސްޗިސް ކޮށްލާށެވެ." އެއިގެ ދުވަސްކޮޅެއް ފަހުން، މަލާތުޔާ ގައި، 1952 ގައި، ޙުސައިން އުޒްމިޒް އެވެ ކިޔުނު ޒުވާނަކު ބަޑިން ހަމަލަ ދީ އަހްމެޓް އެމިން ޔަލްމަން މަރައިލީއެވެ. މި ކަހަލަ ހައިޖާނީ ގޮތެއްގައި މައްސަލަ އެކި ފަރާތްފަރާތަށް ފުރޮޅެމުން ގޮސް، އެންމެ ފަހުން ސަރުކާރުން ނިންމީ އަޔާސޯފްޔާ ދާރުލްއާސާރެއްގެ ގޮތުގައި ބެހެއްޓުމަށެވެ. އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ ވިސްނުން ދޫ ކޮށްލި އެއް ސަބަބަކީ، އެހެން ހަދައިފި ނަމަ ހުޅަނގުގެ ޢަސްކަރީ އިއްތިޙާދުގެ ގޮތުގައި އަލަށް އުފެއްދުނު ނޯރތު އެޓްލާންޓިކް ޓްރިޓީ އޯރގަނައިޒޭޝަން (ނޭޓޯ) ގެ މެންބަރުކަމުން ތުރުކީ ވަކި ކޮށްލެވުމުގެ އިޙުތިމާލު ވެސް އޮތުމާއި، އަދި އެހެން ހަދައިފި ނަމަ ހުޅަނގުގެ ނުރުހުން ތުރުކީއަށް ރައްދު ވާނެކަން އެނގުމެވެ.

އިސްމާޢީލް ކާންދިމިޝް

އެއިގެ ތިރީހަކަށް އަހަރު ފަހުން، 1980 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު، އަޔާސޯފްޔާގެ މައި މާލަމުގެ ވައަތް ފަރާތުގައި، ތަނބުތަކެއްގެ މައްޗަށް ނަގައިފައި ހުންނަ ސުލްޠާންގެ ކަލަބާ ނަމާދަށް ހުޅުވައިލެވުނެވެ. އެއީ އިސްލާމީ ފިކުރުގެ ބެއިފުޅުންގެ ބައިވެރިވުން އޮތް ޖަސްޓިސް ޕާޓީގެ ވެރިކަމުގެ ތެރޭގައެވެ. އެއިރު ތުރުކީގެ ބޮޑުވަޒީރަކީ ސުލައިމާން ޑެމިރެލެވެ. އަޔާސޯފްޔާގައި ބަންގި ގޮވާން ވެސް އެޔާއެކު ފެށުނެވެ. ނަމަވެސް މަހެއްހައި ދުވަސް ފަހުން، ސެޕްޓެންބަރު 12 ގައި ލާދީނީ އަލްމާނީ އަސްކަރިއްޔާއިން ގެނައި އަސްކަރީ ބަޣާވާތެއްގައި ސުލައިމާން ޑެމިރެލްގެ ސަރުކާރު ވައްޓައިލުމަށް ފަހު، އޭނާގެ ސަރުކާރުން ގެނައި ބަދަލު އުވައިލައި، ކުރިޔެކޭ އެއްގޮތަށް އަޔާސޯފްޔާގައި އެއްގޮތަކަށް ވެސް ދީނީ އަޅުކަމެއް ކުރުން މުޅީން މަނާ ކުރެވުނެވެ.

މަދަރލޭންޑް ޕާޓީގެ ވެރިކަމުގައި، ބޮޑުވަޒީރު ޔިލްދިރިމް އަކްބުލޫތުގެ ދައުރުގައި، 1991 ގައި ވެސް ސުލްޠާންގެ ކަލަބާ ގައި ނަމާދު ކުރުމުގެ ހުއްދަ ދެވުނެވެ. އަދި މުޅި އަޔާސޯފްޔާގައި ވެސް ނަމާދު ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް އޭނާ ވަޢުދު ވެވަޑައިގަތެވެ. ނަމަވެސް މި ވަޢުދާ ގުޅިގެން، ލާދީނީ އަލްމާނީންގެ ދެކޮޅުވެރިކަން ވަރުގަދަ ވެގެން ދިޔަދިޔުމުގެ ނަތީޖާޔަކީ އޭނާގެ މަޤާމު ވެސް ގެއްލުމެވެ. އަދި ސުލްޠާންގެ ކަލަބާ ވެސް ނަމާދަށް ބަންދު ވުމެވެ. މި ދުވަސްވަރު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ ގޮވައިލުމުގެ އަޑު އިއްވެވި މަޝްހޫރު އެއް ބެއިފުޅަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަތުޙުއްﷲ ގޫލެން އެވެ. އޭނާ 1990 ވަނަ އަހަރު ލިޔުއްވި ލިޔުއްވުމެއްގައި އެކަމަށް ގޮވައިލައްވައި ވަކާލާތު ކުރެއްވިއެވެ. އަދި އޭނާގެ ތަޙްރީކުން އެއިގެ ފަހުން ވެސް އެކަމަށް ގޮވައިލައި، "އަޔާސޯފްޔާގެ ޤައިދުގެ ހިލިހިލާތައް މުގުރައިލުމަށް" އަޑު އުފުލައިފައި ވެއެވެ.

ލާދީނީ އަދި ޢަލްމާނީ ދައުލަތެއްގެ ގޮތުގައި ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނު ފަހުން، ތުރުކީ އިސްލާމް ދީނުގެ މަގަށް އަނބުރައި ގެނައުމުގެ ފައުޅުކަން ބޮޑު ފިކުރަކާއި ފުރިހަމަ މަގުޗާޓަކާއިގެން، ޤައުމުގެ ވެރިކަމަށް އައި ފުރަތަމަ އިސްލާމީ ޕާޓީއަކީ ނަޖްމުއްދީން އަރްބަކާންގެ – ރަޙްމާނުވަންތަ ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ނަބިއްޔާގެ ޞުޙުބަތުގެ ނަޞީބު ދެއްވަވާށިއެވެ – ޒަޢާމަތުގެ ދަށުން، 1995 ގައި ތުރުކީގެ ބަރުލަމާނީ އިންތިޚާބު ކާމިޔާބު ކުރި ރަފަހް ޕާޓީ އެވެ. އެ ކާމިޔާބަށް ފަހު އަރްބަކާން ތުރުކީގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއެވެ. އަރްބަކާންގެ އެޖެންޑާގައި އޮތް އެންމެ މުހިއްމު އެއް ކަމަކީ އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރެއްވުމެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީއްސުރެ، ލާދީނީ ޢަސްކަރިއްޔާ އާއި ޖުޑީޝަރީ އާއި، ތުރުކީގެ ވަރުގަދަ ޢަލްމާނީ "ސުޕަރސްޓްރަކްޗަރ" ގެ ފަރާތުން ކުރިމަތިކުރަމުން ގެންދިޔަ ފިއްތުންތަކުގެ ސަބަބުން 1997 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުމާ ހަމަޔަށް، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް، އަދި ތުރުކީގައި އިސްލާމް ދީނަށް ބާރު ހޯއްދަވައި އިސްލާމީ ޝަޚްޞިއްޔަތު އަލުން ގެންނެވުމުގެ އެއްވެސް މަސައްކަތެއް ވެސް ފުރިހަމަޔަށް ކާމިޔާބެއް ނުކުރެއްވެވުނެވެ. 1997 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވައްޓައިލުމަށް ފަހު، ޢަލްމާނީންގެ ބާރުގައި އެމަނިކުފާނުގެ ސިޔާސީ ޕާޓީގެ ރަސްމީ ތަޙްރީކު ވެސް ރޫޅައިލެވުނެވެ. ތުރުކީގެ ދުސްތޫރީ ކޯޓުގެ ޙުކުމަކުން އެމަނިކުފާނުގެ ޕާޓީ އުވައިލެވި، އަރްބަކާން ހިމެނިވަޑައިގަންނަވާ ގޮތުން ޕާޓީގެ އެތައް ލީޑަރުންނެއް ސިޔާސީ ކަންކަމުގައި އުޅުއްވުން ޤާނޫނީ ގޮތުން މަނާ ކުރެވި، އެތައް ބެއިފުޅުންނެއް އެކި ދިގުމިނުގެ މުއްދަތުތަކަށް ޖަލަށް ވަޑައިގަންނަވާން ޖެހުނެވެ. އެގޮތުން ޖަލަށް ވަޑައިގަންނަވާން ޖެހިވަޑައިގަތް އަރްބަކާންގެ އަރިސް އެއް ބެއިފުޅަކީ ޒުވާން މުސްލިމް ލީޑަރު ރަޖަބް ޠައްޔިބް އުރްދުޣާނެވެ. އެއިރު ރަފަޙް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވައިގެން އިސްތަންބޯލުގެ މޭޔަރުކަމުގެ މަޤާމަށް ވަޑައިގެން، އެ މަޤާމުގައި ހުންނެވި އުރްދުޣާނެވެ.

އުރްދުޣާނާއި އިސްމާޢީލް ކާންދިމިޝް

ޚިޔާލު ތަފާތު ވާ ބަޔަކު މުސްލިމުންގެ ތެރޭގައި ތިއްބަސް، ފަހަކަށް އައިސް ދުނިޔޭގެ މުސްލިމުންނަށް އެއް ކަމެއްގެ މައްޗަށް އެންމެ ބޮޑަށް އެއްބަސް ވެވިފައި ވާ އެއް ކަމަކީ، ތުރުކީ ވިލާތުގެ ކުރީގެ ބޮޑުވަޒީރު، އަދި މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަކީ އިސްލާމީ އުއްމަތް އެތައް ދަހައެއް ވާންދެން އެފަދަ ލީޑަރަކު ދެއްވާތޯ ކަރުނަ އަޅައި ﷲ އަށް ދުޢާ ދަންނަވަމުން ފަރިޔާދު ކުރަމުން އައި ފަދަ ލީޑަރެއް ކަމުގައެވެ. އެމަނިކުފާނުގެ އަގު ވައްޓައިލައި ބަދުނާމު ކުރުމަށް ޓަކައި އިސްލާމް ދީނުގެ ދުޝްމަނުން ގެންދަނީ ތެޅިފޮޅެމުންނެވެ. ހުޅަނގުންނާއި، މުސްލިމުންގެ ސަފުތަކުގެ ތެރެއިން ވެސްމެއެވެ. ހުޅަނގުގެ ދައްޖާލީ މީޑިޔާއިން ގެންދަނީ އެމަނިކުފާނަކީ "ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކާ" ޚިލާފަށް ޢަމަލު ކުރައްވާ ޚުދުމުޚްތާރު ލީޑަރެއް ކަމަށް ބުނެ ދުނިޔޭގެ ކުރިމަތީގައި އެމަނިކުފާނުގެ އަބުރު ކަތިލުމަށް ރެޔެއް ދުވާލެއް ނުބަލައި މަސައްކަތް ކުރަމުންނެވެ. މުސްލިމުންގެ ތެރެއިން އެއް ބަޔަކު އެމަނިކުފާނާ ދެކޮޅުވެރި ވަނީ، ސުޢޫދީ ޢަރަބިއްޔާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް ފަދަ ޤައުމުތަކުގައި މުސްލިމުންގެ ލެއިނާރުތަކަށް ދަތް ޖަހައިގެން ތިބި އަނިޔާވެރި އަދި ޣައްދާރު ޝާހީ ޢާއިލާތަކަށް ހުރި ފިކުރީ ނުރައްކަލަކަށް އެމަނިކުފާނު ވާތީއެވެ. އަދި ޢަރަބީންނަކީ އިސްލާމީ ދުނިޔޭގެ ވެރިކަމާއި މުސްލިމުންގެ ޚިލާފަތަށް ޚާއްޞަ ޙައްޤެއް ލިބިގެން ވާ ބައެއް ކަމުގެ ތާކުންތާކު ނުޖެހޭ ފިކުރުގެ ތެރެއިންނެވެ. ބައެއް މުސްލިމުން އެމަނިކުފާނާ މެދު ތަޢައްޞުބީ ވިސްނުމަކުން ވިސްނަނީ، އެމަނިކުފާނަކީ ސުންނީއެއް ކަމުގައި ވާތީއެވެ. މިއަދު މުސްލިމުންގެ ވެރިކަމުގައި ތިބި އަބުރެއް، ގޮތެއް ފޮތެއް، ޢިއްޒަތުއް ނަފުސެއް، ޝަރަފެއް، އަޚްލާޤެއް، އީމާންކަމެއް ނެތް "ލީޑަރުން" ނާއި، އެމީހުންގެ ބާރުގެ ދަށުގައި ވާ އިސްލާމީ ޤައުމުތަކުގެ މީޑިޔާތަކާއި، މުސްލިމުންގެ ތެރޭގައި އިސްލާމް ދީނުގެ ބާރު ގަދަ ވެގެން ދިޔުން ނޭދޭ ޢަލްމާނީންނާއި ލާދީނީ ފިތުނަވެރީންގެ އެންމެން ގެންދަނީ އެމަނިކުފާނާ ދެކޮޅަށް ނުބައި ޕްރޮޕެގެންޑާތަކުގެ ކެންޕޭނުތަކުގެ އަޑު ކެނޑުނަނުދީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތުރުކީން ބޭރުން ވެސް އެތައް މިލިޔަން މުސްލިމުން މިއަދު ޤަބޫލު ކުރަނީ ރަޖަބް ޠައްޔިބު އުރްދުޣާނަކީ މުސްލިމުންގެ ޤައުމުތަކުގެ ވެރިކަމުގެ ގޮނޑިތަކުގައި ތިބި ސިޔާސީ ކަސްބީންނާއި، އަނިޔާވެރި ޚުދުމުޚްތާރީންނާއި، ހުޅަނގަށް ސަޖިދަ ކުރާ ޙުރުމަތް ކެނޑިފައި ތިބި ޣައްދާރުންނާއި، މުސްލިމުންގެ މުއްސަނދިކަން އަންބޮނޑިޔަށް އަޅައިގެން ދުނިޔެ ކަމުންދާ ވަގުންނާއި ލުޓޭރުންގެ ސަބަބުން އަނދިރި ވެފައި އޮތް އިސްލާމީ އުއްމަތުގެ ތެރެއިން ފާއްދައިލައިފައި ވާ އުއްމީދުގެ ހުޅުކޮޅެއް ކަމުގައެވެ.

ވަރަށް ގިނަ މުސްލިމުންގެ ނަޒަރުގައި، ރަޖަބް ޠައްޔިބް އުރްދުޣާން ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތު އިޙްޔާ ކުރެއްވުމަށް ޓަކައި ވިއްސަކަށް ތިރީހަކަށް އަހަރު ކުރީއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ވެވަޑައިގަންނަވަމުން ގެންދަވާ މަތިވެރި ޤުރުބާނީގައި އައި އެންމެ ކުލަގަދަ އެއް ދަނޑިވަޅަކީ، އެމަނިކުފާނުގެ ނިންމެވުމަކުން، 10 ޖުލައި 2020 ގައި އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރެވިގެން ދިޔަދިޔުމެވެ.

ތުރުކީން ލާދީނިއްޔަތާއި ޢަލްމާނިއްޔަތުގެ ވިހަ ނައްތައިލެއްވުމަށް ޓަކައި، ނަޖްމުއްދީން އަރްބަކާންގެ ސިޔާސީ ޕާޓީތަކާއި ޙަރަކާތުގެ އިސް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި އުރްދުޣާން ޤައުމުގެ މުހިއްމު މަޤާމަކާ ހަމަޔަށް އެންމެ ފުރަތަމަ ވަޑައިގަތީ 1994 ގައެވެ. ކުރީންވެސް އިޝާރާތް ކުރެވުނު ފަދައިން، އެ އަހަރު އެމަނިކުފާނު އިސްތަންބޯލުގެ މޭޔަރުކަމުގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތެވެ. އިންތިޚާބަށް ކެންޕޭނު ކުރެއްވުމުގެ ތެރޭގައި، ކުވައިތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި، އެމަނިކުފާނު އިސްތަންބޫލުގެ މޭޔަރުކަމަށް ވަޑައިގަތުމަށް ފަހު، ޝަހަރުގެ މޫނުމަތި ބަދަލު ކޮށްލައްވައި، އިސްލާމީ ޝަޚްޞިއްޔަތު އަނބުރައި ގެންނަވާނެ ކަމަށް ވިދާޅުވަމުން، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރެއްވުމުގެ އުއްމީދު ވެސް ފައުޅު ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވައި، މޭޔަރުކަމުގެ މަސްއޫލިއްޔަތާ ޙަވާލު ވެވަޑައިގަތުމަށް ފަހު، އެކަމަށް ސަމާލުކަން ދެއްވާނެ ވަގުތެއް ވެސް، އެފަދަ ޙާލަތެއް ވެސް އެއިރަކު ނައެވެ. ކުރީންވެސް ދެންނެވި ފަދައިން މުސްލިމް ބޮޑުވަޒީރު ނަޖްމުއްދީން އަރްބަކާނަށް ލާދީނީ ޢަލްމާނީންގެ ދުއްތުރާލާ ހުރެ، ދައުރު ފުރިހަމަ ކުރެއްވުމުގެ ފުރުޞަތު ވެސް ލިބިވަޑައެއްނުގަތެވެ. ލާދީނީ ޢަސްކަރިއްޔާ އާއި ޖުޑީޝަރީ އާއި "ސުޕަރސްޓްރަކްޗަރ" ގުޅިގެން ގެނައި ހިމޭން ބަޣާވާތުގައި، 1997 ގައި އަރްބަކާންގެ ސަރުކާރު ވައްޓައިލެވުނެވެ. ވެލްފެއަރ ޕާޓީ އުވައިލެވި، މުސްލިމު ލީޑަރުންނާ ދެކޮޅަށް ވަރުގަދަ "ވިޗްހަންޓެއް" ހިންގުނެވެ. މި ކަންތައްގަނޑުގެ ތެރޭގައި، އިސްތަންބޯލުގައި ބޭއްވުނު މުސްލިމް ތަޙްރީކުގެ މުޒާހަރާއެއްގައި އުރްދުޣާން ދެއްވި ތަޤުރީރުގައި ޅެން ބައިތުތަކެއް ވިދާޅުވުމުގެ "ކުށުގައި" އެމަނިކުފާނު ހައްޔަރު ކުރެވި، ޖިނާއީ ތަޙްޤީޤަކަށް ފަހު، 10 މަސް ދުވަހުގެ ޖަލުޙުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވި، އެ ޙުކުމާ އެކު އިސްތަންބޯލުގެ މޭޔަރުކަމުގެ މަޤާމު ވެސް ފިރުކައިގަނެވުނީއެވެ. ވިދާޅުވި ޅެންބައިތުތަކުގައި އެކުލަވާ މާނައީ "އަހަރެމެންގެ މިސްކިތްތަކަކީ އަހަރެމެންގެ އަސްކަރުގާހެވެ. އެ މިސްކިތްތަކުގެ ގުއްބުތަކަކީ އަހަރެމެންގެ ދަހަނާކޯރިތަކެވެ. އެ މިސްކިތްތަކުގެ މުންނާރުތަކަކީ އަހަރެމެންގެ ބަޑިތަކެވެ. އަދި އެ މިސްކިތްތަކުގައި ރުކުރުވައިލެވިފައި ވާ މުއުމިންތަކުންގެ ސަފުތަކަކީ އަހަރެމެންގެ ސިފައިންނެވެ" މިއެވެ. ތުރުކީގެ ޢަލްމާނީ ލާދީނީންނަށް މި ޅެން އަޑު އިވުނީ "ނަފްރަތު ފަތުރާ ވާހަކައެއް" ގެ ގޮތުގައެވެ.

ލާދީނީ ޢަލްމާނީންގެ އަނިޔާވެރިކަމާއި ގަދަބަދަވިކަން ހުރި ގޮތުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީގެ އިސްލާމީ ޙަރަކާތުގެ އޮޑި 1990 ގެ އަހަރުތަކުގެ ފަހުކޮޅުގައި ވެސް ދިޔައީ ދިޔަ ވަމުން ދެފެން ދޭތެރެ ވަމުންނެވެ. މި ނާޒުކު އަދި ޚުޠޫރަތްތެރި ޙާލަތުގައި، އިސްލާމީ ޙަރަކާތް ކުރިޔަށް ގެންދާން ވީ އިސްތިރާޖީ އުސްލޫބާ މެދު މުސްލިމް ލީޑަރުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި، އުރްދުޣާން އާއި ޢަބްދުﷲ ގުލް އާއި މައުލޫދު ކާވޫސްއޮގްލޫ ފަދަ ލީޑަރުން ނަޖްމުއްދީން އަރްބަކާނާ ވަކި ވެވަޑައިގެން، 2001 ގައި އަދާލަތު ވެ ކަލްކީންމާ ޕާޓީސީ – ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާރޓީ (އޭކޭޕީ) – މި ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. 2002 ގެ ބަރުލަމާނީ އިންތިޚާބުގައި މި ޕާޓީއަށް ބަރުލަމާނުގެ އަޣްލަބިއްޔަތު ލިބި، އުރްދުޣާން ތުރުކީގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތީ 2003 ގައެވެ. ނަމަވެސް އެއިރު، ތަޖުރިބާއިން ލިބިވަޑައިގަތް ފިލާވަޅުތަކާ އެކު، އެމަނިކުފާނުގެ ވިސްނުންފުޅަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވުން ފަދަ ޙައްސާސް، އަދި މާ ދުރަށް ފުންމައިގަތުން ކަމުގައި ހިމެނޭ ފަދަ ފިޔަވަޅުތައް އެޅުމަކީ އޭގެ ނަތީޖާ މުޅީން ގޯސްކޮށް ނުކުމެދާނެ ކަމެއްކަން އެމަނިކުފާނަށާއި އޭކޭޕީގެ ލީޑަރުންނަށް އެއިރު ވަނީ ޤަބޫލުފުޅު ކުރެއްވިފައެވެ. އެހެންކަމުން، ތުރުކީގެ މުސްލިމް ޢާއްމު ރައްޔިތުންނާއި މުޙައްރިކުން އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތްތަކާ މެދު ވެސް އުރްދުޣާންގެ ސަރުކާރަކުން އީޖާބީ ޖަވާބުތަކެއް ނުދެއްވިއެވެ. އެ ދުވަސްވަރު، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމާ ބެހޭ ވާހަކައެއް ކޮންމެވެސް ބެއިފުޅަކު އެމަނިކުފާނު އިންނެވި މަޖިލިހެއްގައި އެއް ފަހަރަކު ދެންނެވުމުން، "އަޔާސޯފްޔާ މިސްކިތަކަށް ހެދޭތޯ އުޅުމުގެ ބަދަލުގައި، އެންމެ ފުރަތަމަ އަޔާސޯފްޔާއާ ޖެހިގެން އެހެރަ ސުލްޠާން އަޙްމަދު މިސްކިތުގައި ފަރުޟު ފަސް ނަމާދަށް ޤާއިމު ކުރެވޭ ޖަމާޢަތުން މިސްކިތް ފުރޭތޯ ބަލަމާ ހިނގާށޭ" މިފަދައިން ޖަވާބު ދެއްވައިފައި ވެސް ވެއެވެ.

އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކާމިޔާބީގެ މަންޒިލާ ހަމަޔަށް ގެންދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި ދެވަނަ ޝަޚްޞިއްޔަތު ވެސް އޭނާގެ މަސައްކަތާއިގެން ޢާއްމު މުޖުތަމަޢާ ހަމަޔަށް ނުކުތީ ގާތްގަނޑަކަށް ހަމަ އުރްދުޣާން ތުރުކީގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލު ވެވަޑައިގަތް ދުވަސްވަރުއެވެ. އެ ޝަޚްޞިއްޔަތަކީ ތުރުކީގެ އެންމެ ތާރީޚީ އެއް ޝަހަރު ކަމުގައި ވާ ބުރްސާ ގައި، މަތީ ސާނަވީ މަދަރުސާތަކުގައި ޙިސާބު ޢިލްމު ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި ޢުމުރުގެ ބޮޑު ބައެއް ހޭދަ ކުރި އިސްމާޢީލް ކާންދިމިޝް އެވެ. އާދައިގެ މައް ރައްޔިތެކެވެ. އޭނާގެ ކިބައިގައި ހުރި އެންމެ މުހިއްމު ޚާއްޞިއްޔަތަކީ އިސްލާމް ދީނަށާއި، ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭނާގެ ހިތުގައި އޮތް އާދަޔާ ޚިލާފު ލޯތްބެވެ. އޭނާޔަކީ މުއްސަންޖެއް ނޫނެވެ. ސިޔާސީ ލީޑަރެއް ނޫނެވެ. ހަމައެކަނި، މިޝަނަކާއިގެން ތެދު ވި މީހަކީއެވެ. އޭނާޔަކީ، އޮޅުމެއް ނެތް ގޮތުގައި، ތާރީޚު ލިޔަނީ ރަން ހިތުގެ އަހުލުވެރީން ކަމާއި، ރަން ގަލަމުގެ ވެރީން ނޫން ކަމުގެ ދިރިހުރި ހެއްކެކެވެ.

ތުރުކީގެ ހުޅަނގުއުތުރުގެ އަވަށެއްގެ އާދައިގެ ޢާއިލާޔަކަށް 1945 ގައި އުފަން ވި ކާންދިމިޝް ބުނާ ގޮތުން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ވާ ދުވަސް ދުށުމަކީ އެންމެ ޅަޒުވާން ޢުމުރުއްސުރެ އޭނާގެ ހިތުގައި އޮތް އެންމެ ބޮޑު އެއް އުއްމީދެވެ. ޢުމުރުން ވިއްސަކަށް އަހަރުގައި، އޭނާ އަޔާސޯފްޔާއަށް ގޮސް، އެތަނުގެ ތެރޭގައި ހުރެގެން ސިއްރުސިއްރުން ދުޢާކޮށް ހަދައެވެ. ތަޢުލީމާއި ތަމްރީނުގެ ޙަޔާތް ނިންމައިލުމަށް ފަހު، އޭނާ ޙިސާބު ޢިލްމުގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރީ މަތީސާނަވީ މަދަރުސާތަކުގައެވެ. 33 އަހަރު ވާންދެން އެ މަސައްކަތުގައި އޭނާ އުޅުނެވެ. އޭނާ ބުނެފައި ވާ ގޮތުގައި، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތް އޭނާގެ ޙަޔާތުގެ މިޝަނަކަށް ހެދީ، 1978 ވަނަ އަހަރު ހިނގި ހާދިސާޔަކާ ގުޅިގެންނެވެ. އެ އަހަރު، އެއިރު ލީބިޔާގެ ޒަޢީމެއްގެ ގޮތުގައި ހުންނެވި މުޢައްމަރުލް ޤައްޛާފީ ތުރުކީ ވިލާތަށް ވަޑައިގެން އިސްތަންބޯލަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އަޔާސޯފްޔާގައި ހުކުރު ނަމާދު ކުރެއްވުމުގެ ހުއްދަޔަށް އެދިވަޑައިގަތެވެ. ނަމަވެސް ތުރުކީގެ ސަރުކާރުން އެކަމަކަށް ހުއްދައެއް ނުދިނެވެ. ކާންދިމިޝް ބުނާ ގޮތުން، މި ޙާދިސާޔާ ގުޅިގެން އޭނާގެ ހިތަށް ވެރި ވި ޝުޢޫރުތަކަށް ފަހު، އެކި ގޮތްގޮތަށް ކަމާމެދު ވިސްނުން ހިންގުމަށް ފަހު، އޭނާ ކަމަރު ބަނީ އަޔާސޯފްޔާ ކޮންމެވެސް ދުވަހަކުން މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތަށެވެ. އެންމެ ފުރަތަމަ ކުރާން ފެށި ކަމަކީ، ތުރުކީގެ ރަސްމީ އަރުޝީފުތަކާއި، ދެންވެސް އަޔާސޯފްޔާގެ ތާރީޚާއި އެތަން ދާރުލްއާސާރަކަށް ބަދަލު ކުރެވުނު ގޮތާ ބެހޭ މަޢުލޫމާތާއި ލިޔެކިޔުން ހުރި ހުރިހައި ތަނަކަށް ޒިޔާރަތް ކޮށް، މަޢުލޫމާތު ހޯދައި އެއް ކުރުމެވެ. އެތައް އަހަރެއް ވާންދެން އޭނާ މި މަސައްކަތުގައި އުޅުނެވެ. ތުރުކީ ވިލާތުގެ ހުރަހަށާއި ދިގަށް އޭނާ ދަތުރު ކުރިއެވެ. އަޔާސޯފްޔާ ބެހޭގޮތުން މުހިއްމު އަދި އޭނާގެ މަސައްކަތަށް އެހީއަކަށް ވެދާނެ އެންމެ ޢިބާރާތެއް ލިޔެފައި އޮތް ކަރުދާސްކޮޅެއް ވިޔަސް އެ ތަނެއްގައި އޮތް ކަން އެނގުނު ކޮންމެ ތަނަކަށް ގޮސް، އެ ކަރުދާސްކޮޅެއްގެ މަޢުލޫމާތު ނުވަތަ ކޮޕީ ނަގައި ފައިލު ކުރަމުން ގެންދިޔައެވެ. އަދި އެއް ކުރެވޭ މަޢުލޫމާތުތައް ދިރާސާ ކުރަމުން ތަޙުޤީޤު ކުރަމުން ގެންދިޔައެވެ. މުދައްރިސެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން، ހުސް ވަގުތު ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ މި މަސައްކަތް 2004 ވަނަ އަހަރާ ހަމަޔަށް ކުރިއެވެ. އެ ހިސާބުން އޭނާ ގަސްދު ކުރީ، ވަޒީފާއިން މުސްކުޅި ވެގެން، އަޔާސޯފްޔާގެ ކަންކަމަށް އޭނާގެ ހުރިހައި ވަގުތެއް ހުސް ކުރުމަށެވެ.

ވަޒީފާއިން މުސްކުޅި ވުމަށް ފަހު، 2004 ގައި ކާންދިމިޝް އޭނާގެ މުހިއްމު މިޝަން ކުރިޔަށް ވުރެ ފުޅާކޮށް އަދި ރަސްމީކޮށް ގެންދިޔުމުގެ ގޮތުން، ޖަމްޢިއްޔާއެއް އުފެއްދިއެވެ. އެ ޖަމްޢިއްޔާގެ ނަމަކީ އެސޯސިއޭޝަން ފޯރ ދަ ޕްރޮޓެކްޝަން އޮފް ހިސްޓޯރިކަލް މޮނިޔުމަންޓްސް އެންޑް ދި އެންވާރަންމަންޓް މިއެވެ. ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ތުރުކީގެ ލާދީނިއްޔަތާއި ޢަލްމާނިއްޔަތުގެ ދުވަސްވަރު، ދާރުލްއާސާރުތަކާއި އެނޫން ވެސް އެފަދަ އެކިއެކި ބޭނުންތަކަށް ޓަކައި ނެގިފައި ހުރި މިސްކިތްތައް އަލުން މިސްކިތްތަކަށް ބަދަލު ކުރުމަށް ގޮވައިލައި ވަކާލާތު ކުރުމާއި، އެކަމަށް ޓަކައި ޤާނޫނީ ގޮތުން ކުރާން ޖެހޭ ކަންކަން ވެސް ކުރުމެވެ. ވަކީން ޚާއްޞަ ގޮތެއްގައި، އިސްތަންބޯލުގެ އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމެވެ. ޖަމްޢިއްޔާ އުފެދުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވެ، އެއިގެ އަހަރެއް ކުރީއްސުރެ ތުރުކީގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ރަޖަބް ޠައްޔިބް އުރްދުޣާނަށް ޖަމްޢިއްޔާގެ ފަރާތުން ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި ބަޔާން ކުރީ، އަޔާސޯފްޔާ މިސްކިތް، މުޞްޠަފާ ކަމާލްގެ ދައުރުގައި ދާރުލްއާސާރަކަށް ބަދަލު ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމުގައެވެ. ސަބަބުތައް ވެސް ސިޓީގައި ތަފްޞީލުކޮށް ބަޔާން ކުރެވުނެވެ. ސިޓީގައި އެދިފައި ވަނީ އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކޮށްދެއްވުމަށެވެ. މި ސިޓީއަކަށް ބޮޑުވަޒީރު އުރްދުޣާންގެ އޮފީހަކުން ޖަވާބެއް ނުދެއްވައެވެ.

ދައުލަތުގެ އިދާރާތަކަށް ޢާއްމު ރައްޔިތުން ލިޔާ ސިޓީތަކަށް ޖަވާބު ދިނުމަށް ޤާނޫނާއި ޤަވާޢިދުތަކުގައި ކަނޑައަޅައިފައި އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ އިރު ވެސް، ބޮޑުވަޒީރުގެ އޮފީހުން ޖަވާބެއް ނުލިބުމުން، ކާންދިމިޝް އެ މައްސަލަ ބުރްސާގެ އިދާރީ ކޯޓަށް ހުށައެޅިއެވެ. އެޔާ އެކުއެކުގައި، އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް މުޞްޠަފާ ކަމާލުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން 1934 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު ނިންމި ނިންމުން ބާޠިލު ކަމަށް ކަނޑައަޅައިދިނުން އެދި، ވަކި މައްސަލައެއް، ކާންދިމިޝްގެ ޖަމްޢިއްޔާއިން ބުރްސާގެ އިދާރީ ކޯޓަށް ހުށައެޅިއެވެ. އެ މައްސަލައިގައި ވެސް، 1934 ގެ ނިންމުން ބާޠިލު ވާނެ ސަބަބުތަކުގެ ގޮތުގައި ބަޔާން ކުރީ، ބޮޑުވަޒީރަށް ފޮނުވި ސިޓީގައި ބަޔާން ކުރި ނުކުތާތަކެވެ. 2005 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، ބުރްސާގެ އިދާރީ ކޯޓުން މައްސަލައިގެ އަޑުއެހުން ބޭއްވިއެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާ އެދުނު ގޮތަށް، އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމުގެ ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައިދެވޭނެ ތަނެއް ނެތް ކަމުގައެވެ. ބުރްސާގެ އިދާރީ ކޯޓުގެ ނިންމުމާ ހަމައިން އުއްމީދު ކަނޑައިލައި ހަތިޔާރު ބަހައްޓާކަށެއް ކާންދިމިޝް ގަސްދެއް ނުކުރިއެވެ. އެ ނިންމުން އޭނާ އިސްތިއުނާފު މަރުޙަލާޔަށް ވެސް ގެންދިޔައެވެ. ނަމަވެސް އިސްތިއުނާފު މަރުޙަލާއިން ވެސް އެއިރަކު އަލިމަގެއް ނުފެނުނެވެ.

ދެން އައި އަހަރުތަކުގައި ކާންދިމިޝް އާއި އޭނާގެ ޖަމްޢިއްޔާއިން ގެންދިޔައީ، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަށް ޓަކައި ކުރަމުން ގެންދިޔަ ޤާނޫނީ މަސައްކަތް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރޭގައި، މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުގެ ނިންމުންތަކުން ދާރުލްއާސާރުތަކަށް ނުވަތަ އެފަދަ އެހެނިހެން ބޭނުންތަކަށް ނަގައިފައި ހުރި އެހެން މިސްކިތްތައް އަލުން މިސްކިތްތަކުގެ ގޮތުގައި ބޭނުން ކުރުމަށް ޓަކައި، އެ ނިންމުންތަކަށް ތަޢުނު ކޮށް ކޯޓުތަކަށް ހުށައެޅި އެހެން މައްސަލަތައް ވެސް ހިމެނުނެވެ. އަޔާސޯފްޔާއާ ގުޅިގެން ވެސް، އިތުރު ދަޢުވާތައް އޭނާ ކޯޓުތަކާ ހަމަޔަށް ގެންދިޔައެވެ. އެގޮތުން އެންމެ ފަހުން ހުށައެޅި ދަޢުވާޔަކީ، 2016 ވަނަ އަހަރު، ތުރުކީގެ އެންމެ މަތީ އިދާރީ ކޯޓު ކަމުގައި ވާ ކައުންސިލް އޮފް ސްޓޭޓް ގެ ދިހަވަނަ ޗޭންބަރަށް ހުށައެޅި ދަޢުވާއެވެ. މި ދަޢުވާގެ ވެސް މައިގަނޑު އަސާސަކީ، އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ހުއްޓައި، ދާރުލްއާސާރަކަށް ހެދުމަށް ޓަކައި 1934 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު މުޞްޠަފާ ކަމާލްގެ ވަޒީރުންގެ މަޖިލިހުން ނިންމި ނިންމުމަކީ އެމައްޗަށް ޢަމަލު ނުކުރެވޭނެ ބާޠިލު ނިންމުމެއް ކަމުގެ ނުކުތާއެވެ. އަޔާސޯފްޔާ ދެވަނަ ފަހަރަށް މިސްކިތަކަށް ބަދަލު ކުރުމަށް ޤާނޫނީ ގޮތުން ދޮރު ހުޅުވިގެން ދިޔައީ، 2016 ވަނަ އަހަރު ކާންދިމިޝް އޭނާގެ ޖަމްޢިއްޔާގެ ނަމުގައި ހުށައެޅި މި ދެންނެވި ދަޢުވާޔަށް، ހަތަރު އަހަރު ފަހުން، 20 ޖުލައި 2020 ގައި އިއްވި ޙުކުމުންނެވެ.

އިސްމާޢީލް ކާންދިމިޝް އާއި، އޭނާގެ ޖަމްޢިއްޔާ – އެސޯސިއޭޝަން ފޯރ ދަ ޕްރޮޓެކްޝަން އޮފް ހިސްޓޯރިކަލް މޮނިޔުމަންޓްސް އެންޑް ދި އެންވާރަންމަންޓް – އިން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަށް ޓަކައި މަސައްކަތް ކުރަމުން ގެންދިޔަ އިރު، އެހެން ދިމާއެއްގައި މުޅީން ތަފާތު މަސައްކަތެއް ވެސް ކުރެވެމުން ދިޔައެވެ. އެއީ އަޔާސޯފްޔާ އަލުން ނަޞާރާ ފައްޅިޔަކަށް ބަދަލު ކުރުމަށް ޓަކައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ކުރެވެމުން ދިޔަ މަސައްކަތެކެވެ. 2007 ވަނަ އަހަރު، އެމެރިކާގެ ނިއު ހެމްޕްޝަޔަރގެ ގްރީކު ދަރިކޮޅުގެ ސިޔާސީ ލީޑަރެއް، އަދި ޕްރޮފެސަރެއް، އަދި ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުކަން ކުރެއްވި ބެއިފުޅެއް ކަމުގައި ވާ ކްރިސް ސްޕިރޮއު އިސްކޮށް ހުންނަވައިގެން، ފްރީ އަގިޔާ ސޮފިޔާ ކައުންސިލް އޮފް އެމެރިކާގެ ނަމުގައި ތަޙްރީކީ ޖަމްޢިއްޔާއެއް އުފެއްދެވިއެވެ. އެ ޖަމްޢިއްޔާގެ ވަސީލަތުން އޭނާ ކުރެއްވި ކަމަކީ، އަޔާސޯފްޔާ އަލުން ގްރީކް އޮރތޮޑޮކްސް ނަޞާރާ ފައްޅިޔަކަށް ބަދަލު ކުރުމަށް ގޮވައިލައްވައި އަޑު އުފުއްލެވުމެވެ. މިއީ އޭނާ އެ ޖަމްޢިއްޔާ އުފެއްދެވުމުގެ ކުރީން ވެސް، ގްރީސްގައި އޮތް އަޑެކެވެ. މާ ގަދަކޮށް ނޫނަސް ވެހެވެ. އޭނާގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، 2007 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުގެ ކޮންގްރެޝަނަލް ހިޔުމަން ރައިޓްސް ކޯކަސްގެ ޢާއްމު އަޑުއެހުމެއް، އަޔާސޯފްޔާއާ ބެހޭގޮތުން ބޭއްވުނެވެ. ވޮޝިންގޓަނުގެ ރެއިބަރން ހައުސް އޮފީސް ބިލްޑިންގ ގައި ބޭއްވުނު މި ބައްދަލުވުން ނިންމައިލައްވަމުން، ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ކޮންގްރެސްމަން ޓޮމް ލެންޓޯސް ވިދާޅުވެފައި ވަނީ އަޔާސޯފްޔާގައި ނަޞާރާއިންނަށް އަޅުކަން ކުރުމުގެ ފުރުޞަތު ނުދިނުމަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމުގައެވެ. ފްރީ އަގިޔާ ސޮފިޔާ ކައުންސިލް އޮފް އެމެރިކާގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވި، ކްރިސް ސްޕިރޮއު ވަނީ 2010 ގައި އަޔާސޯފްޔާގައި ނަޞާރާއިންގެ ދީނީ ރަސްމެއް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވައިފައެވެ. އޭނާ މިކަމާ ބެހޭގޮތުން އުރްދުޣާނަށް ސިޓީއެއް ވެސް ފޮނުއްވިއެވެ. ނަމަވެސް މި މަސައްކަތްތަކަށް ތުރުކީގެ ސަރުކާރަކުން އެއްވެސް ކަހަލަ އީޖާބީ ޖަވާބެއް ނުދިނެވެ.

ހަމައެހެންމެ، އިސްމާޢީލް ކާންދިމިޝް އޭނާގެ މިޝަނާއިގެން ކުރިޔަށް ދިޔަ އިރު، ތުރުކީގެ ޢާއްމު މުޖުތަމަޢުގައި ވެސް ދިޔައީ އަޔާސޯފްޔާ އަލުން މިސްކިތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ އަޑު ގަދަ ވަމުންނެވެ. 2010 އާ ހަމަޔަށް ދިޔަ އިރު، ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަމުން ގެންދިޔައީ ހަމައެކަނި ކާންދިމިޝް އާއި އޭނާގެ ޖަމްޢިއްޔާއަކުން ނޫނެވެ. އިހުނަށް ވުރެ ވެސް ފުޅާކޮށް، އަދި އިހުނަށް ވުރެ އަޑުގަދަކޮށް، އެހެނިހެން އަމިއްލަ ފަރުދުންނާއި، ލިޔުންތެރީންނާއި، ޢިލްމިއްޔާގެ މެންބަރުންނާއި، ޢާއްމު ރައްޔިތުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ވެސް ވަނީ އެ މަސައްކަތުގައި ބައިވެރި ވެފައެވެ. ތުރުކީގެ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ވެސް އެ މަސައްކަތަށް އައީ ވަކި ހިސާބަކުން ލިބެމުންނެވެ. ދައުލަތުގެ ނިޒާމުގެ ތެރޭގައި ވެސް، ކަމާބެހޭ މަޖިލިސްތަކުގައި މަޝްވަރާ ކުރެވޭ މައްސަލަޔަކަށް އެކަން ވެގެން ދިޔައީ ވެސް އެ ދުވަސްވަރުއެވެ. 2010 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު، ފާތިޙް ސުލްޠާން މުޙައްމަދު އިސްތަންބޯލް ފަތަޙަ ކުރެއްވި ޙާދިސާގެ ޒިކުރާ އައު ކުރުމަށް ޓަކައި، އެތައް ހާސް ބަޔަކު އަޔާސޯފްޔާގެ ކައިރީގައި އޮންނަ މައިދާނަށް އެއްވެ، އަޑު އުފުލައި، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމަށް ގޮވައިލައިފައި ވެއެވެ. އެ އަހަރުން ފެށިގެން، 29 މެއި ގައި އެތަނަށް އެއްވެ، އިސްތަންބޯލް ފަތަޙައިގެ ޒިކުރާ އައު ކުރުމާއި، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަށް އެދި ގޮވައިލުން ވަނީ ކޮންމެ އަހަރަކު އޮންނަ ޚާއްޞަ ޙަރަކާތަކަށް ވެފައެވެ.

ތުރުކީ ސަރުކާރުގެ ފަރާތުން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ހާމަ ކުރެއްވީ 2013 ވަނަ އަހަރުގެ ތެރޭގައި، ބޮޑުވަޒީރު ރަޖަބް ޠައްޔިބު އުރްދުޣާނެވެ. އަޔާސޯފްޔާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެތަނުގެ ޙައިޘިއްޔަތު ބަދަލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ. އަދި "މިހާރު އަޔާސޯފްޔާ ފެންނަނީ މޮޅިވެރިކަމުގައި ވަނިކޮށް" ކަމަށާއި އެތަން "ވަރަށް އަވަހަށް އަލުން ހިނިތުން ވާ މަންޒަރު" ދެކެވަޑައިގަތުމަށް އުއްމީދު ކުރައްވަމޭ ވެސް ވިދާޅުވިއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން، 2014 ގައި، އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ފަހު ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، ތުރުކީގެ ރައީސްކަމުގެ މަޤާމާ ޙަވާލު ވެވަޑައިގަތެވެ.

2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 11 ވެގެން ދިޔައީ އަޔާސޯފްޔާގެ ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހަކަށެވެ. އެ ދުވަހު، 80 އަހަރަށް ފަހު، ފުރަތަމަ ފަހަރަށް އަޔާސޯފްޔާގެ އެތެރޭގައި ޤުރްއާން ކިޔެވުނެވެ. އެއީ "އެޝްކި ނަބީ - ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ދެކެ ލޯބި ވުން" މި ނަމުގައި އިންތިޒާމު ކުރެވުނު އިސްލާމީ އާޓު މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެ ދުވަހުގެ ހަވީރު އޮތް ރަސްމިއްޔާތުގައި، ޤުރްއާން ކިޔަވައިވިދާޅުވީ އަންކާރާގެ އަޙްމަދު ޙަމްދީ އަކްސެކީ މަސްޖިދުގެ އިމާމް ޢަލީ ޠަލް އެވެ. އެ ރަސްމިއްޔާތަށް، ތުރުކީ ސަރުކާރުގެ ދީނީ ކަންކަމާ ބެހޭ އިދާރާގެ އެންމެ އިސް ވެރިޔާ މުޙައްމަދު ގުރްމެޒް ހިމެނިވަޑައިގަންނަވާ ގޮތުން، ސަރުކާރުގެ މަތީ ދަރަޖައިގެ އިސް ބެއިފުޅުން ގިނަ ޢަދަދަކަށް ހާޒިރު ވެވަޑައިގެން ތިއްބެވިއެވެ.

2016 ވަނަ އަހަރު އައި ރަމަޟާން މަހުގެ 27 ވިލޭރެޔަކީ ވެސް އަޔާސޯފްޔާގެ ފަހުގެ ތާރީޚުގައި ފާހަގަ ކޮށްލެވޭ ޚާއްޞަ ދުވަހެކެވެ. އެ ދުވަހުގެ ފަތިސް ނަމާދުގެ ބަންގި އެތަނުގެ މުންނާރުތަކުން މުޅި އިސްތަންބޯލަށް އިވޭ ވަރަށް ގޮވައިލެވުނެވެ. އެއީ އަޔާސޯފްޔާގައި ބަންގި ގޮވުމާއި ނަމާދު ކުރުން، މުޞްޠަފާ ކަމާލުގެ ސަރުކާރުން މަނާ ކުރިތާ 85 އަހަރު ފާއިތު ވެގެން ދިޔަފަހުން، އަޔާސޯފްޔާގެ އެތެރެއިން ބަންގި ގޮވައިލެވުނު ފުރަތަމަ ފަހަރެވެ. އެއިރުވެސް، ތަނުގެ ބޭރުގައި ހުރެ މުއައްޒިނަކު ބަންގި ގޮވާ އަޑު އަޔާސޯފްޔާގެ މުންނާރުތަކުން ދުރަށް އިއްވާތާ ހަތަރު އަހަރު ވެއްޖެއެވެ. އަޔާސޯފްޔާގެ އެތެރެއިން ބަންގި ގޮވައިލެވުނު ވީޑިޔޯ މި ލިންކުން ބައްލަވައިލައްވާށެވެ. ހަމައެހެންމެ، އެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، ކޮންމެ ރެޔަކު އަޔާސޯފްޔާގެ ގޯތިތެރޭގައި އޮންނަ ބަގީޗާގައި ކީރިތި ޤުރްއާން ކިޔެވުމުގެ މަޖިލިސްތައް ވެސް ކުރިޔަށް ގެންދެވުނެވެ. 2016 ވަނަ އަހަރުން ފެށިގެން، އަޔާސޯފްޔާގެ އިމާމެއްގެ މަޤާމުގައި ވެސް ފުލް-ޓައިމް ވަޒީފާގައި ބެއިފުޅަކު ހުންނަވައެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހު، އަޔާސޯފްޔާގައި އޮތް އާޓު މައުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވެވުނު އާޔަތްތައް ކިޔަވައިވިދާޅުވިއެވެ. އަދި އަޔާސޯފްޔާ "ވާރުތައެއްގެ ގޮތުގައި ތުރުކީންގެ ޤައުމަށް ދޫކުރެއްވި ބެއިފުޅުންގެ ފުރާނަފުޅުތަކަށް، ޚާއްޞަކޮށް، އިސްތަންބޯލުގެ ފާތިޙްގެ ފުރާނަފުޅަށް ރަޙްމަތް ލެއްވެވުން އެދި ދުޢާ" ކުރެއްވެވިއެވެ.

މާރިޗު 12، 2019 ގައި، ފަލަސްޠީނުގެ ބިމުގައި ޔޫރަޕުގެ ޒައިނިސްޓް ދޮންމީހުން ގަދަބާރުން ދައުލަތެއްގެ ސިފައިގައި ޤާއިމު ކޮށްފައި އޮންނަ ޣައިރުޤާނޫނީ އިސްރާއީލުގެ ޖައްބާރު ސިފައިން މަސްޖިދުލް އަޤްޞާ ކޮމްޕައުންޑަށް ގަދަބާރުން ވަދެގަނެ، މުސްލިމުން އެތަނުން ނެރެ، އަނިޔާވެރިކަމާ އެކު ބައެއް މީހުން ހައްޔަރު ކޮށް ހެދިއެވެ. މި ޙާދިސާޔަށް ފަހު، އެ މަހުގެ 28 ވަނަ ދުވަހު، ރައީސް އުރްދުޣާން ތުރުކީގެ ޓީވީތަކުން ވަގުތުން ދުރަށް ދެއްކި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ޞަރީޙަ ބަސްފުޅުން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރައްވާނެ ވާހަކަ އެންމެ ފުރަތަމަ ފަހަރަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިއެވެ. "އަޔާސޯފްޔާ ދާރުލްއާސާރެއްގެ ގޮތުގައި ދެނެއް ނުބެހެއްޓޭނެއެވެ. އެތަނުގެ ޙައިޘިއްޔަތު ބަދަލު ކުރެވޭނެއެވެ. އަހަރެމެން އަޔާސޯފްޔާ މަސްޖިދުގެ ނަން އަލުން ރުޖޫޢަ ކުރާނަމެވެ. ... މަސްޖިދުލް އަޤްޞާއަށް ޙަމަލަ ދީ، އެ މިސްކިތުގެ ތެރެޔަށް ބޫޓާ އެކު ވަދެ، އެތަނުގެ ކުޑަދޮރުކޮޅުތައް ތަޅައިލައި، އެތަނަށް ހާނީއްކަ ކުރަމުން އަނިޔާ ދެމުން ދާއިރު އަނގައިން ނުބުނެ ހިމޭނުން ތިބޭ މީހުން އަޅުގަނޑުމެންނަށް އަޔާސޯފްޔާގެ ޙައިޘިއްޔަތާއި މަޤާމާ ބެހޭގޮތުން އިރުޝާދު ދޭން އުޅޭނެ ކަމެއް ނެތެވެ. އެއީ އެމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ."

ކައުންސިލް އޮފް ސްޓޭޓްގެ ނިންމުން

ކުރީން ވެސް ދެންނެވި ފަދައިން، އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް، 1934 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު، އެއިރުގެ ތުރުކީގެ ރައީސް މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުން ނިންމި ނިންމުން ބާޠިލު ކަމަށް، ތުރުކީގެ އިދާރީ އެންމެ މަތީ ކޯޓު ކަމުގައި ވާ ކައުންސިލް އޮފް ސްޓޭޓް ގެ ދިހަވަނަ ޗޭންބަރުން ނިންމީ، އިސްމާޢީލް ކާންދިމިޝް އޭނާގެ އެސޯސިއޭޝަން ފޯރ ދަ ޕްރޮޓެކްޝަން އޮފް ހިސްޓޯރިކަލް މޮނިޔުމަންޓްސް އެންޑް ދި އެންވާރަންމަންޓް ގެ ނަމުގައި، އެ ޖަމްޢިއްޔާގެ ރައީސުގެ ޙައިޘިއްޔަތުން، އެ ކޯޓަށް 2016 ވަނަ އަހަރު ހުށައެޅި މައްސަލައިގެ ޙުކުމުގައެވެ. އެ މައްސަލައިގެ ފަހު އަޑުއެހުން، ކޯޓުން ބޭއްވީ 02 ޖުލައި 2020 ގައެވެ. އެ އަޑުއެހުމުގައި، ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުން އެންމެ ފަހުގެ ނުކުތާތަކުގެ ގޮތުގައި ފާހަގަ ކުރާން ބޭނުންވި ކަންކަން ފާހަގަ ކޮށް، ފަނޑިޔާރުން އޮޅުން ފިލުއްވަވާން ބޭނުންފުޅު ކަންކަން އޮޅުން ފިލުއްވެވުމަށް ފަހު، 15 ދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމް އިއްވަވާނެކަން އިޢުލާން ކުރެއްވިއެވެ. ޙުކުމް އިއްވުމުގެ އަޑުއެހުން ބޭއްވުނީ 10 ޖުލައި ވީ ހުކުރު ދުވަހުއެވެ.

އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވި ރިޔާސީ ޤަރާރު

ކައުންސިލް އޮފް ސްޓޭޓް ގެ ޙުކުމުގައި ފަނޑިޔާރުން ވަނީ، އިސްމާޢީލް ކާންދިމިޝް އޭނާގެ ޢުމުރުގެ ދެބައިކުޅަ އެއްބައި ހޭދަ ކޮށްގެން އެއް ކުރި މަޢުލޫމާތާއި ކުރި ދިރާސާތަކުގެ މައްޗަށް، އޭނާގެ ޖަމްޢިއްޔާގެ ޤާނޫނީ ޓީމުގެ ފަރާތުން އަވުކާތު ސަލާމީ ކަރަމާން ކޯޓަށް ހުށައެޅުއްވި ޒުވާބުތައް ޞައްޙަ ކަމަށް ކަނޑައަޅުއްވައިފައެވެ. އެ ޒުވާބުތަކުގެ މައްޗަށް ކޯޓުގެ ޙުކުމް ބިނާ ކުރެވިގެން ދިޔަ އިރު، ކޯޓުން ފާހަގަ ކުރެއްވި ނުކުތާތައް ތިރީގައި ޚުލާޞާ ގޮތެއްގައި މި ބަޔާން ކުރަނީއެވެ.

1. 1453 މ. ގައި ޢުޘްމާނީން އިސްތަންބޯލް ފަތަޙަ ކުރުމަށް ފަހު، އަޔާސޯފްޔާގެ މިލްކުވެރި ފަރާތަކަށް ވެގެން ދިޔައީ ފާތިޙް ސުލްޠާން މުޙައްމަދު ޚާން ދެވަނަ ކަމާއި، އެމަނިކުފާނު ވަނީ ޢުޘްމާނީ ދައުލަތުގައި ޢަމަލު ކުރެވެމުން ދިޔަ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި މުސްލިމުންނަށް ވަޤުފު ކުރައްވައިފައި ކަން، ފާތިޙް ސުލްޠާން މުޙައްމަދު ޚާން ދެވަނަ ސިއްކަ ޖައްސަވައިފައި ވާ ވަޤުފުގެ ލިޔެކިޔުންތަކުން ސާފުކޮށް އެނގެއެވެ. ޢުޘްމާނީން ދުވަސްވަރާއި އަދި އެއިގެ ފަހުން ތުރުކީގެ ޖުމްހޫރިއްޔާގައި ވެސް ވަޤުފާ ބެހޭގޮތުން ހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތައް ބުނާ ގޮތުން، ވަޤުފަކީ އެއިގެ މިލްކުވެރިކަން ބަދަލު ނުކުރެވޭ، އެ ވަޤުފު ކުރި މީހަކު ކަނޑައެޅި ޝަރުޠުތަކަކާއި ކަންތައްތަކެއްގެ މައްޗަށް ބަދަލެއް ނައިސް ހިނގަމުން ދާނެ އެއްޗެކެވެ. މުދަލެއް ވަޤުފު ކުރި މީހަކު، އެ މުދާ ބޭނުން ކުރުމަށް ވަޤުފުގައި ކަނޑައަޅައިފައި ވާ ބޭނުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް އެ މުދާ ބޭނުން ކުރުމަކީ ޝަރުޢީ ގޮތުން ވެސް އަދި ތުރުކީގެ ޤާނޫނުން ވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ. ތުރުކީގެ ޤާނޫނުގެ ދަށުން، ވަޤުފު މުދަލާ މެދު ދައުލަތުގެ ޙައިޘިއްޔަތަކީ އަމާނާތްތެރި ބަލަދުވެރިޔެއް އަދި ބެލެނިވެރިޔެއްގެ ޙައިޘިއްޔަތެވެ. ވަޤުފަކަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަކީ ތުރުކީގެ ޤާނޫނުތަކުން އެ ޤައުމުގެ ބަރުލަމާނަށް ވެސް، އަދި ސަރުކާރަށް ވެސް ލިބިދޭ އިޚްތިޔާރެއް ނުވަތަ ބާރެއް ނޫނެވެ. ދައުލަތަށް އޮންނަ ހަމައެކަނި ބާރަކީ، އެ މުދާ އަމާނާތްތެރިކަމާއި ރައްކައުތެރިކަމާ އެކު ބެލެހެއްޓުމާއި، ވަޤުފު ކުރި ފަރާތުން ކަނޑައެޅި ގޮތުގެ މަތީން އެ މުދާ ބޭނުން ކުރުމުގެ ކަންކަން ފަހި ކުރުމުގެ ބާރެވެ. އެހެންކަމުން، ފާތިޙް ސުލްޠާން މުޙައްމަދު ޚާން ދެވަނަގެ ވަޤުފަކުން މިސްކިތެއްގެ ގޮތުގައި ޤިޔާމަތާ ހަމަޔަށް މުސްލިމުންނަށް ހަދިޔާ ކުރައްވައިފައި ވާ މުދަލެއް ކަމުގައި ވާ އަޔާސޯފްޔާގެ ޙައިޘިއްޔަތު ބަދަލު ކޮށް، އެތަނުގެ ބޭނުން ދާރުލްއާސާރެއްގެ ގޮތުގައި ކުރުމަށް 1934 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އެއިރުގެ ރައީސް މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުން ފާސް ކޮށްފައި ވަނީ، ވަޤުފު މުދަލާ މެދު ޢަމަލު ކުރުން ތުރުކީގެ ޤާނޫނުން ހުއްދަ ނުކުރާ މަގުންނެވެ. އެ ނިންމުމަކީ، އެހެންކަމުން، ޣައިރުޤާނޫނީ، އަދި އެމައްޗަށް ޢަމަލު ނުކުރެވޭނެ ބާޠިލު ނިންމުމެކެވެ. ވަޒީރުންގެ މަޖިލިހަށް އޮންނަ ދުސްތޫރީ އަދި ޤާނޫނީ ބާރުވެރިކަމުގެ އިމުން ބޭރުން ކޮށްފައި ވާ ކަމެކެވެ. ހަމައެހެންމެ، ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި، ފާތިޙް ސުލްޠާން މުޙައްމަދު ޚާން ދެވަނަގެ ވަޤުފުގައި ކަނޑައެޅުއްވި ގޮތުގެ މަތީން، މިސްކިތެއްގެ ގޮތުގައި ފިޔަވައި އެހެން ގޮތަކަށް އަޔާސޯފްޔާ ބޭނުން ކުރުން ތުރުކީގެ ޤާނޫނު އެއްވެސް ގޮތަކުން ހުއްދަ ނުކުރެއެވެ.

2. އަޔާސޯފްޔާ އަކީ ދާރުލްއާސާރެއް ކަމަށް ކަނޑައަޅައި މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުން ފާސް ކުރި ޤަރާރަކީ އިޖުރާއާތުތަކުގައި އެއްވެސް މައްސަލައެއް ނެތް ޤަރާރެއް ކަމުގައި ވީ ނަމަވެސް، އެ ޤަރާރަކީ ޣައިރުޤާނޫނީ އަދި ބާޠިލު ޤަރާރެއްކަން، މަތީގައި ވާ ނުކުތާޔާ ގުޅޭގޮތުން ފަނޑިޔާރުން ދެއްކެވި ވާހަކައިން އޮޅުމެއް ނެތި ސާފު ކޮށްދެއްވައިފައި ވެއެވެ. ނަމަވެސް، ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ، މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުގެ 24 ނޮވެންބަރު 1934 ގެ ޤަރާރު ރިކޯޑު ކުރުމާއި ހިންގުމުގައި އިޖުރާއީ އެތައް މައްސަލަތަކެއް ވެސް ހުރިކަމެވެ. އެ މައްސަލަތައް ހުރުމުން، އެ ޤަރާރަކީ އިޖުރާއީ ގޮތުން ވެސް ބާޠިލު ޤަރާރެއްކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ. އެ ޤަރާރުގައި ހުރި އިޖުރާއީ މައްސަލަތަކަކީ:

· ވަޒީރުންގެ މަޖިލިހުގެ ނިންމުންތައް ނުވަތަ ޤަރާރުތަކާ ބެހޭގޮތުން ޤާނޫނުގައި އޮންނަނީ، ކޮންމެ ޤަރާރެއް ވެސް ވަކި ރޮޓޭޝަން ނަންބަރަކާ އެކު ތުރުކީގެ ޖުމްހޫރިއްޔާގެ ރަސްމީ ގެޒެޓުގައި ޝާއިޢު ކުރެވޭން ޖެހޭނެ ކަމުގައެވެ. އަދި އެއިރުގެ ޤާނޫނީ ހަމަތައް ހުރި ގޮތުން، ވަޒީރުންގެ މަޖިލިހުގެ ކޮންމެ ޤަރާރެއް ވެސް، ރިކޯޑު ކުރުމުގެ ޝަކުލިއްޔާތުތައް ފުރިހަމަ ވުމަށް ފަހު، އެ ޤަރާރުގެ ޞައްޙަކަން ކަށަވަރު ކޮށް ތައްގަނޑު ޖެހުމަށް ޓަކައި ޝަރުޢީ ކޯޓަކަށް ފޮނުވާން ޖެހެއެވެ. އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް ނިންމައި މުޞްޠަފާ ކަމާލު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލިހުގެ ޖަލްސާއިން ފާސް ކުރި ޤަރާރާ ގުޅިގެން މިއިން އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. އެބަހީ، އެ ޤަރާރަށް ރޮޓޭޝަން ނަންބަރެއް ދެވިފައެއް ނުވެއެވެ. އެ ޤަރާރު ރަސްމީ ގެޒެޓުގައި ޝާއިޢު ކުރެވިފައެއް ނުވެއެވެ. އަދި އެ ޤަރާރު ފާސް ކުރެވުނުތާ ހަތަރު އަހަރު ވެގެން ދިޔަ އިރު ވެސް، އެ ޤަރާރު ކޯޓަށް ހުށައެޅިފައެއް ނުވެއެވެ.

· އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމި ޤަރާރުގެ ލިޔުމުގައި، އެ ޤަރާރު ފާސް ކުރި ޖަލްސާގައި ބައިވެރި ވެވަޑައިނުގަންނަވާ ވަޒީރެއްގެ ސޮއި ވެސް އޮވެއެވެ. ކާފީ ހެކިތަކުން އެނގޭ ގޮތުގައި، އެ ޤަރާރު ފާސް ކުރެވުނު ޖަލްސާ ބޭއްވުނު ދުވަހު – 24 ނޮވެންބަރު 1934 ގައި – އެ ވަޒީރު ހުންނެވީ ވެރިރަށް އަންކަރާޔަކު ނޫނެވެ. އިސްތަންބޯލުގައެވެ. އެ ޒަމާނުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން، އެއް ދުވަހެއްގައި އިސްތަންބޯލާއި އަންކަރާއާ ދެ ތަނުގައި މީހަކު ހާޒިރު ވެހުރުމަކީ މުސްތަޙީލު ކަމެކެވެ.

· އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމުގެ ނިންމުން ރިކޯޑު ކުރެވުނު ވަޒީރުންގެ މަޖިލިހުގެ ޤަރާރު ރަސްމީ ގެޒެޓުގައި ޝާއިޢު ކުރެވިފައި ނުވާ އިރު، އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމާ ބެހޭގޮތުން ގެޒެޓް ކުރެވުނު ރަސްމީ ލިޔުމަކީ، ވަޒީރުންގެ މަޖިލިހުގެ ޤަރާރާ ޙަވާލާ ދެއްވައި ރައީސް މުޞްޠަފާ ކަމާލު ނެރުއްވި ރިޔާސީ އަމުރުފުޅެކެވެ. އެ ރިޔާސީ އަމުރުފުޅުގައި އޮތް މުޞްޠަފާ ކަމާލުގެ ސޮޔާ މެދު ޝައްކު އުފެދި، ފޮރެންސިކް ސައެންސުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކުރެވުނު ތަޙުޤީޤުތަކުން، އެއީ މުޞްޠަފާ ކަމާލުގެ ސޮއި ނޫން ކަމާއި، އެއީ ނުބައި ސޮޔެއްކަން ޔަޤީންކަމާ އެކު ކަނޑައެޅިފައި ވެއެވެ.

3. އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް މުޞްޠަފާ ކަމާލުގެ ސަރުކާރުން ނިންމައި، ދީނީ ކަންކަމާއި ވަޤުފުތަކާ ބެހޭ ރަސްމީ އިދާރާގެ ބެލުމުގެ ދަށުން އެތަން ވަކި ކޮށް، އެއިރު ސަގާފީ އާސާރުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލު ވެފައި އޮތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށަށް އެތަން ގެންދެވި، ދާރުލްއާސާރެއްގެ ގޮތުގައި އެތަން ބޭނުން ކުރެވޭން ވެސް ފެށި ފަހުން، 1936 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 09 ވަނަ ދުވަހުގެ ތާރީޚުގައި، އަޔާސޯފްޔާގެ އައު ރަޖިސްޓްރީއެއް ހަދައިފައި އޮވެއެވެ. އެއީ ކުރީން ޢުޘްމާނީ ޢަރަބި އަކުރުން ލިޔެފައި އޮތް ރަޖިސްޓްރީ، ތުރުކީގައި ލެޓިން އަކުރު ބޭނުން ކުރާން ފެށުމަށް ފަހު، ލެޓިނުން އެކުލަވައިލައި އަލުން ދޫ ކުރުމުގެ ގޮތުން ހެދުނު ރަޖިސްޓްރީއެކެވެ. އެ ރަޖިސްޓްރީގައި ތަނުގެ ޙައިޘިއްޔަތުގެ ގޮތުގައ ލިޔެފައި އޮންނަނީ "މަޤުބަރާ، ބިމާ އެކުގައި ވާ މުދާ، މަދަރުސާ، އަދި މިސްކިތް" މިހެންނެވެ. މިއަދާ ހަމަޔަށް ވެސް އަޔާސޯފްޔާ ތުރުކީގެ ބިމާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައި އޮންނަނީ މި ގޮތަށެވެ. އެހެންކަމުން، ޤާނޫނީ ގޮތުން އެތަނުގެ ރަސްމީ ރަޖިސްޓްރީގައި ދުވަހަކުވެސް އެއީ މިސްކިތެއް ނޫން ކަމުގައި ކަނޑައަޅައިފައެއް ނުވެއެވެ.

4. އެއްވެސް ދީނެއްގެ ޢިބާދާތުޚާނާއެއް، އެހެން ކަންކަމަށް ބޭނުން ކުރުމަކީ ތުރުކީގެ ޤާނޫނުން މަނާ ކުރާ ކަމެކެވެ.

5. ފަނޑިޔާރުން ފާހަގަ ކުރެއްވި އަނެއް ނުކުތާޔަކީ، އަޔާސޯފްޔާ ދާރުލްއާސާރެއްގެ ގޮތުގައި ހުއްޓައި 1985 ވަނަ އަހަރު އެތަން ޔުނެސްކޯގެ ދުނިޔޭގެ އާސާރީ ބިނާތަކާއި ތަންތަނުގެ ލިސްޓަށް ލެވިފައި ވާކަމާއި، އާސާރީ ތަންތަން ޙިމާޔަތް ކުރުމުގައި ޔުނެސްކޯ ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އުޞޫލުތައް ކަނޑައަޅާ ކޮންވެންޝަން ކޮންސަރނިންގ ދަ ޕްރޮޓެކްޝަން އޮފް ދަ ވާރލްޑް ކަލްޗަރަލް އެންޑް ނެޗުރަލް ހެރިޓޭޖް ގައި ތުރުކީ ސޮއި ކޮށްފައި ވާހިނދު، ތުރުކީގެ ދާޚިލީ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ކުރެވިފައި ހުރި ތަޞައްރުފާތުތަކާ އެއްގޮތަށް އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރާން ފެށުމުން ބުނެވިދިޔަ މުޢާހަދާގެ ދަށުން ތުރުކީ އަދާ ކުރާން ޖެހޭ ބައިނަލްއަޤްވާމީ އިލްތިޒާމުތަކާއި ވާޖިބުތަކަށް ހުރަހެއް އެޅޭނެތޯ ނުވަތަ ނޫންތޯ މި ނުކުތާއެވެ. މި ނުކުތާޔާ ބެހޭގޮތުން ފަނޑިޔާރުންގެ ބަސްފުޅަކީ، އަޔާސޯފްޔާއާ ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ ސުލްޠާން އަޙްމަދު ޖާމިޢު ފަދަ މިސްކިތްތަކަކީ މިހާރު ވެސް ޔުނެސްކޯގެ ދުނިޔޭގެ އާސާރީ ބިނާތަކާއި ތަންތަނުގެ ލިސްޓުގައި ހިމެނޭ، އަދި މިސްކިތްތަކުގެ ގޮތުގައި ބޭނުން ކުރެވޭ ތަންތަން ކަމާއި، އެ ތަންތަން ވެސް ބަޔާން ކުރެވުނު ބައިނަލްއަޤްވާމީ މުޢާހަދާގެ މާއްދާތަކާ އެއްގޮތަށް، ޔުނެސްކޯއާ ގުޅިގެން ތާރީޚީ އާސާރެއްގެ ގޮތުގައި ބެލެހެއްޓެމުން ދާ އިރު، ހަމަ އެ ފަދައިން އަޔާސޯފްޔާ ވެސް މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެތަނުގެ އާސާރީ ޙައިޘިއްޔަތާއި، އަދި އާސާރީ ތަންތަން ރައްކައުތެރި ކޮށް ބެލެހެއްޓުމަށް ތުރުކީގެ މައްޗަށް ބުނެވިދިޔަ މުޢާހަދާގެ ދަށުން އޮންނަ އިލްތިޒާމުތަކަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވި ބަސްފުޅެވެ.

ކައުންސިލް އޮފް ސްޓޭޓުން ބެލި ޤަޟިއްޔާގައި، ދަޢުވާ ރައްދު ވީ ތުރުކީގެ ސަރުކާރަށެވެ. ޤާނޫނީ ގޮތުން ސަރުކާރުން ނެގި މައުޤިފަކީ 24 ނޮވެންބަރު 1934 ގައި ވަޒީރުންގެ މަޖިލިހުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމުގައި ދެކޭ ކަމުގެ މައުޤިފެވެ. ސަރުކާރުގެ ވަކީލުން ހުށައެޅީ މައްސަލަ ބާޠިލު ކުރުމަށެވެ. އަދި 1934 ގެ ވަޒީރުންގެ މަޖިލިހުގެ ނިންމުން ބާޠިލު ކުރުމަކީ ސަރުކާރުން ކުރާން ޖެހޭ ކަމެއް ކަމުގެ ނުކުތާއެވެ. ޙަޤީޤަތުގައި، ތުރުކީގެ ސަރުކާރަށް އެ ނިންމުން ނިންމޭނެއެވެ. އެހެނީ، ވަޒީރުންގެ މަޖިލިހުގެ ކުރީގެ ނިންމުމެއް، ވަޒީރުންގެ މަޖިލިހުގެ ފަހުގެ ނިންމުމަކުން ބާޠިލު ކުރުމަކީ ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މި މައްސަލައިގައި ކޯޓުގެ ޙުކުމަކުން 1934 ގެ ނިންމުން ބާޠިލު ކަމަށް ކަނޑައެޅުމުން، ދެން އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތާއިގެން ކުރިޔަށް ވަޑައިގަތުމަކީ ރައީސް އުރްދުޣާން ވެސް ބޭނުންފުޅު ވި ގޮތް ކަން ސާފެވެ. އަދި އެއީ މި ކަމުގައި ޢަމަލު ކުރުން އެންމެ ބުއްދިވެރި ގޮތް ކަން ވެސް ސާފު މެއެވެ.

އަލުން މިސްކިތަކަށް

އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށް 24 ނޮވެންބަރު 1934 ގައި ވަޒީރުންގެ މަޖިލިހުން ނިންމި ނިންމުން ބާޠިލު ކަމަށް ކައުންސިލް އޮފް ސްޓޭޓުން 10 ޖުލައި 2020 ވީ ހުކުރު ދުވަހު ޙުކުމް އިއްވިތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި، ރައީސް އުރްދުޣާން ސޮއި ކުރައްވައި ރިޔާސީ ޤަރާރެއް ނެރުއްވިއެވެ. އެ ޤަރާރުގައި ކައުންސިލް އޮފް ސްޓޭޓްގެ ނިންމުމާ ޙަވާލާ ދެއްވައި ވިދާޅުވެފައި އޮތީ ހަމަ އެ ދުވަހުން ފެށިގެން އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރައްވައި، ތަން ބެލެހެއްޓުމާއި، ތަނުގައި ނަމާދު ޤާއިމު ކުރުމުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާ ކަމުގައި ވާ ދިޔާނަތު – ޑިރެކްޓޮރޭޓް އޮފް ރިލިޖަސް އެފެއަރޒް – އާ ޙަވާލު ކުރައްވައިފި ކަމުގައެވެ. އެ ރިޔާސީ ޤަރާރު އެމަނިކުފާނު ޓްވީޓަކުން ވެސް ޢާއްމު ކުރެއްވިއެވެ. އަދި ދެން އައި ނަމާދު ވަގުތުގެ ބަންގި އަޔާސޯފްޔާއިން ގޮވައިލެވުނެވެ.

އެ ދުވަހުގެ ރޭ، ތުރުކީ ގަޑީން 20:53 ގައި ރައީސް އުރްދުޣާން ޓީވީ މެދުވެރި ކުރައްވައި ޤައުމާ މުޚާޠަބު ކުރެއްވިއެވެ. – ފާތިޙް ސުލްޠާން މުޙައްމަދު އިސްތަންބޯލް ފަތަޙަ ކުރެއްވެވީ 1453 މ. ގައެވެ. 2053 އާއި 1453 މި ދެ ޢަދަދުގައި ހުރި އެއްގޮތްކަން ބައްލަވާށެވެ – އެމަނިކުފާނު ދެއްވެވީ ގާތްގަނޑަކަށް 33 މިނިޓުގެ ޚިޠާބެކެވެ. އެ ޚިޠާބުގައި 24 ޖުލައި 2020 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން އަޔާސޯފްޔާ ރަސްމީކޮށް މިސްކިތެއްގެ ގޮތުގައި ބޭނުން ކުރާން ފަށާނެކަން އިޢުލާން ކުރެއްވިއެވެ. އަޔާސޯފްޔާގެ ތާރީޚުގެ މައްޗަށާއި، އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރެވުނު ގޮތުގެ މައްޗަށާއި، އަދި އަލުން މިސްކިތަކަށް ބަދަލު ކުރުމަށް ކުރެވުނު މަސައްކަތާއި، އެ މަސައްކަތުގެ މުހިއްމު ބުންޔާދުތަކުގެ މައްޗަށް ބައްލަވައިލައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަކީ ތުރުކީގެ ސިޔާދަތާއި މިނިވަންކަމާއި މުސްތަޤިއްލުކަމުގެ އަސާސުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކުން ތުރުކީއަށް ލިބިގެންވާ ޙައްޤެއް ކަން ބަޔާން ކުރެއްވިއެވެ. އަދި އެކަމާ ދެކޮޅު ހަދައި، ތުރުކީގެ ކައުންސިލް އޮފް ސްޓޭޓުގެ ނިންމުމަށް ތަޢުނު ކުރުމަކީ ތުރުކީގެ ސިޔާދަތުގެ ޙުރުމަތް ކަނޑައިލުމެއް ކަމުގައި މެނުވީ ނުބައްލަވާނެކަން ވެސް ހާމަ ކުރެއްވިއެވެ. އަދި އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަކުން، އެތަނަށް ޒިޔާރަތް ކުރާން އެދޭ ފަރާތްތަކަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭނެ ކަމާއި، ތުރުކީގެ އެހެން މިސްކިތްތަކެކޭ އެއްފަދައިން، ޣައިރު މުސްލިމުންނަށް ވެސް އަޔާސޯފްޔާއަށް ޒިޔާރަތް ކޮށް، އެތަނަށް ވަދެހެދުމުގެ ދޮރު ތަނަވަސް ގޮތެއްގައި ހުޅުވިފައި ހުންނާނެކަން ބަޔާން ކުރެއްވިއެވެ. މި މުހިއްމު ޚިޠާބު ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ހުޅުވިގެން ދިޔުމަކީ، ދެވަނަ ފަތަޙައެއް ކަމަށާއި، އެއީ އަޔާސޯފްޔާއަށް ލިބުނު އައު ދިރުމެއް ކަމަށާއި، މުސްލިމުންގެ ނިޝާންތަކާއި ރަމްޒުތަކާއި ޤިޔަމުތަކަށް ދުނިޔޭގެ ކަންކޮޅުތަކުގައި ދެވެމުންދާ އަނިޔާވެރި އަދި ހަރުކަށި ޙަމަލާތަކަށް ދެވުނު ވަރަށް ވަރުގަދަ ޖަވާބެއް ކަމަށާއި، މުސްލިމުންގެ މުޤައްދަސް ތިންވަނަ ޙަރަމްފުޅު ކަމުގައި ވާ މަސްޖިދުލް އަޤްޞާ މިނިވަން ކުރެވޭނެ ކަމުގެ ހެޔޮ ޚަބަރުގެ ނިދާއެއް ކަމުގައެވެ. އަދި އެ ދުވަހަކީ، 86 އަހަރަށް ފަހު، ފާތިޙް ސުލްޠާން މުޙައްމަދު ގެ ލަޢުނަތުގެ ބޮޑު ބުރައިން ތުރުކީންގެ ޤައުމު މިންޖު ވި ދުވަސް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން، ފާތިޙް ސުލްޠާންގެ ވަޤުފުގެ ފަތްކޮޅުގައި ވަނީ، އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ނޫން ގޮތަކަށް ބޭނުން ކުރާ ނަމަ، އެކަމުގައި ޝާމިލު ވާހައި ބަޔެއްގެ މައްޗަށް ﷲ އާއި ރަސޫލާ އާއި މަލާއިކަތުންނާއި މުއުމިންތަކުންގެ ލަޢުނަތަށް އެދިވަޑައިގެން ދުޢާ ކުރައްވައިފައެވެ.

ފަހަކަށް އައިސް ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް އެ ހާދިސާޔަކަށް ދަމައިގަތް އެއް ކަންތައް ކަމުގައި ވާ، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ ފަހު މަރުޙަލާ ފުރިހަމަ ވެ، ރައީސް އުރްދުޣާން އެމަނިކުފާނުގެ މަޝްހޫރު ޚިޠާބު އިއްވަވަމުން ގެންދެވި އިރު، އަޔާސޯފްޔާގެ ގޯތިތެރޭގައި، މިސްކިތުގެ ޢިމާރާތުން ބޭރުގައި، ޢިޝާ ނަމާދު ކުރަމުން ގެންދިޔައެވެ. އެއިގެ ކުރީންނާއި ފަހުން، އެތައް ހާސް ބަޔަކު އެއް ވެ މުޅި އެ ސަރަޙައްދު އޮތީ ފުރައިލައިފައެވެ. ތުރުކީގެ އެކި ހިސާބުތަކުގައި މީސްތަކުން ނުކުމެ އުފާ ފައުޅު ކުރަމުން ގެންދިޔައީ ޢީދެއް އައިސްގެން އުޅޭ ފަދައިންނެވެ. އަޔާސޯފްޔާ ކައިރިޔަށް ޖަމާވެ ތިބި އެތައް ހާސް ބަޔަކު އުފަލާއި ޝުކުރުގެ ޝުޢޫރުތައް ފައުޅު ކުރަމުން ގެންދިޔަ އިރު، އެތައް ސަތޭކަ ބަޔެއްގެ ލޮލުން އޮހޮރެމުން ދިޔައީ އުފަލުގެ ކަރުނައެވެ. ހަމަ އެހެންމެ، އުރްދުޣާންގެ ޚިޠާބު އިއްވަވަމުން ގެންދެވި އިރު، ތުރުކީގެ ބަރުލަމާނުގައި، މެންބަރުން "ސްޓޭންޑިންގ އޮވޭޝަނެއްގައި" ތަރުޙީބުގެ އަތްތިލަބަޑި ޖައްސަވަމުން ގެންދެވިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިކަން ކުރާ ރަށްރަށުގެ ފޯކަސް ހުރީ ތުރުކީއާ އަމާޒު ކުރެވިފައެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަން ހުރީ ތުރުކީއަށް ހުއްޓިފައެވެ. ނޫސްވެރީންނާއި، ލީޑަރުންނާއި، އެކިއެކި ޖަމްޢިއްޔާޖަމާޢަތްތަކުގެ ތަރުޖަމާނުންނާއި، ޢިލްމިއްޔާގެ މެންބަރުން، ވަގުތުން ދުރަށް ފޮނުވެމުން ދިޔަ ޕްރޮގްރާމުތަކުގައްޔާއި، އެ ދުވަހުގެ އެކި ވަގުތުތަކުގައި ޝާއިޢު ކުރެވެމުން ދިޔަ އެތައް ސަތޭކަ ޚަބަރުތަކާއި ކޮލަމްތަކުގެ ވަސީލަތުން އެމީހުންގެ ޚިޔާލު ފައުޅު ކުރަމުން ގެންދިޔައެވެ. އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެވިގެން ދިޔަދިޔުމުގެ އަހައްމިއްޔަތު އެންމެ ރަނގަޅަށް ސިފަ ކުރެއްވި އެއް ބެއިފުޅަކީ، އެފަދަ އެއް ރިޕޯޓެއްގެ ވަސީލަތުން، އިނގިރޭސި ވިލާތުގެ ރޮއިޓަރޒް ނިއުސް އޭޖެންސީ އާ ވާހަކަ ދެއްކެވި، ވޮޝިންގޓަން އިންސްޓިޓިޔުޓް ފޯރ ނިއަރ އީސްޓް ޕޮލިސީ ގެ ޓާރކިޝް ރިސަރޗް ޕްރޮގްރާމުގެ ޑިރެކްޓަރ ސޯނަރް ޖަގަޕްތައިއެވެ. އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެވިގެން ދިޔުން އޭނާ ސިފަ ކުރެއްވީ، "ފާއިތު ވެދިޔަ ދަހަޔަކަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ތުރުކީ ވިލާތުގައި ރަޖަބް ޠައްޔިބް އުރްދުޣާން މަޑުމަޑުން ގެންނަވަމުން ވަޑައިގަތް އިސްލާމީ އިންޤިލާބުގައި ކާމިޔާބީގެ ތާޖު އެޅުވުނު ދަނޑިވަޅު" ކަމުގައެވެ.

ރައީސް އުރްދުޣާންގެ އިތުރުން، ރިޔާސީ ތަރުޖަމާނު އިބްރާހީމް ކަލީން އާއި، ޚާރިޖީ ވަޒީރު މައުލޫދު ކާއޫސްއޮގްލޫ ފަދަ ބެއިފުޅުން ވެސް އެ ދުވަހު ކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި، ބަޔާންތައް ނެރުއްވައި ހެއްދެވިއެވެ. އެ ބެއިފުޅުންގެ ވާހަކަފުޅުތަކާއި ބަޔާންތަކާއި ޓުވީޓުތަކުގައި ވެސް، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމަކުން، އެ ބިނާގައި ވާ ތާރީޚީ އާސާރެއްގެ ޙައިޘިއްޔަތަށް އުނިކަމެއް ނާންނާނެކަމާއި، އެތަން ރައްކައުތެރިކޮށް ބެލެހެއްޓުމަށް އެންމެ މަތީ ދަރަޖައިގައި ސަމާލުކަން ދެވޭނެކަމާއި، ކައިރީގައި ހުންނަ ޖާމިޢު ސުލްޠާން އަޙްމަދު މިސްކިތެކޭ – ނޫ މިސްކިތް – އެއްފަދައިން އަޔާސޯފްޔާއަށް ވެސް ޣައިރު މުސްލިމުންނާއި މުސްލިމުން އަދި ދޭސީންނާއި ބިދޭސީންނަށް ފަތުރުވެރީންގެ ގޮތުގައި ވެސް އެއްވެސް ހުރަހެއް ނެތި ޒިޔާރަތް ކުރެވޭނެ ކަމާއި، ތަނުގެ ތާރީޚީ އާސާރެއްގެ ޙައިޘިއްޔަތަށް އެއްވެސް އުނިކަމެއް ނާންނާނެކަމާއި، ތަނުގައި ހުރި ނަޞާރާއިންގެ މޮޒެއިކް ތަޞްވީރުތައް ވެސް ރައްކައުތެރިކޮށް ބެލެހެއްޓޭނެ ކަމާއި، އަޔާސޯފްޔާ ހުންނާނީ ފަރަންސޭސި ވިލާތުގެ ނޮތުރަ ދާމް ބޮޑުފައްޅި އާއި ސޭކްރެ-ކޯޔަރ ބެސިލިކާ ފަދަ ފައްޅިތަކެކޭ އެއްފަދައިން އަޅުކަމަށާއި ފަތުރުވެރީންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލެވިފައިކަން ފާހަގަ ކުރެއްވިއެވެ. ރައީސް އުރްދުޣާން ވެސް، އަދި އެހެން ބެއިފުޅުން ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ، މިސްކިތަކަށް ބަދަލު ކުރުމަށް ފަހު، އަޔާސޯފްޔާއަށް ވަނުމަށް ޓަކައި މުސްލިމުން ވެސް އަދި ޣައިރު މުސްލިމުން ވެސް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމެވެ. ދާރުލްއާސާރެއްގެ ގޮތުގައި ހުރި އިރު، ބޮޑު މީހަކަށް އަޔާސޯފްޔާއަށް ވަދެވެނީ ގާތްގަނޑަކަށް 15 ޔޫއެސް ޑޮލަރާ އެއްވަރުގެ އަގަކަށް ޓިކެޓެއް ގަނެގެންނެވެ. އަޔާސޯފްޔާ އަކީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިޔަން ފަތުރުވެރީން ޒިޔާރަތް ކުރާ ތަނެއް ކަމުން، އެތަން މިސްކިތަކަށް ބަދަލު ކުރުމުން، އަހަރަކު ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރުގެ އާމުދަނީއެއް ތުރުކީއަށް ގެއްލިގެން ދާނެއެވެ.

ރައީސް އުރްދުޣާން އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވެވީ ކޮން މަޤްޞަދެއްގައިތޯ، މިއީ ވަރަށް ބޮޑަށް ބައެއް މީހުން ބަޙުޘް ކުރަމުން ގެންދާ ސުވާލެކެވެ.

މި ސުވާލަށް ހަރުދަނާ އަދި އެކަށީގެން ވާ ފަދަ ޖަވާބެއް ދެވޭނީ، 1934 ގައި މުޞްޠަފާ ކަމާލުގެ ލާދީނީ އަދި ޢަލްމާނީ ސަރުކާރުން އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމުގެ މަޤްޞަދަކީ ކޮބައިތޯ މި ސުވާލު ވެސް ކޮށް، މި ސުވާލަށް ޖަވާބު ހޯދުމަށް ފަހުގައެވެ. އޮޅުމެއް ނެތް ގޮތުގައި، މުޞްޠަފާ ކަމާލުގެ ސަރުކާރުން އަޔާސޯފްޔާގައި ނަމާދު ކުރުން ހުއްޓުވައި، އެތަން ދާރުލްއާސާރަކަށް ހެދީ، ތުރުކީ އިސްލާމް ދީނާ ދުރަށް ގެންގޮސް، ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތު ކަތިލައި، ތުރުކީގެ މޫނުމަތީން ސަޖިދައިގެ ނިޝާން ފޮހެލުމުގެ ނިޔަތުގައެވެ. ތުރުކީގެ އެންމެ މުހިއްމު ޝަހަރު ކަމުގައި ވާ އިސްތަންބޯލުގެ އެންމެ މުހިއްމު މަޤާމުގައި ހުރި މިސްކިތް، ދާރުލްއާސާރަކަށް ބަދަލު ކޮށްލިކޮށްލުމުގެ މާނަޔަކީ، އެ ޝަހަރުގެ ޝަޚްޞިއްޔަތު އިސްލާމީ ޝަޚްޞިއްޔަތަކުން ޢަލްމާނީ އަދި ލާދީނީ ޝަޚްޞިއްޔަތަކަށް ބަދަލު ކުރުމެވެ. އެ ޝަހަރަކީ 400 އަހަރަށް ވުރެ ގިނަ ދުވަސް ވާންދެން އިސްލާމީ ޚިލާފަތުގެ ވެރިރަށެވެ. އިސްލާމީ އުއްމަތުގެ ވެރިރަށެވެ. އަޔާސޯފްޔާގެ މުންނާރުން ދުވާލަކު ފަސް ފަހަރު ގޮވަމުން އައި ބަންގީގެ އަޑު ކަނޑުވައިލީ އެ ދައުރު ނިމިއްޖެކަން މުޅި ދުނިޔެއަށް އަންގައި އިޢުލާން ކުރުމަށް ޓަކައެވެ. އެކަން ކުރީކީ އިސްތަންބޫލުގައި ދާރުލްއާސާރު ހަދާނެ ތަންތަން ނެތިގެންނެއް ނޫނެވެ. އެއީ ތުރުކީ އިސްލާމް ދީނަށް ފުރަގަސް ދީފިކަމުގެ އިޢުލާން ކުރުމުގެ ގޮތުން ކުރި ކަމެކެވެ. ތުރުކީ އިސްލާމް ދީނުގެ ފިކުރު ދޫކޮށްލައިފިކަމުގެ ހެއްކެއް ޤާއިމު ކުރުމުގެ ގޮތުން ކުރި ކަމެކެވެ. އެއީ ރަމްޒީ ކަމެކެވެ. ނިޝާނެކެވެ. ކޮން ކަމެއްގެތޯއެވެ؟ އާދެ، ތުރުކީން އިސްލާމް ދީން އެއްލައިލައިފިކަމުގެ ރަމްޒެކެވެ. އިސްލާމް ދީން އެއް ފަރާތަށް ޖައްސައިފައި، ހުޅަނގުގެ ލާދީނިއްޔަތުގެ މަންހަޖުގައި ހިފައިފިކަމުގެ ނިޝާނެކެވެ.

މި ދެންނެވީ މުޞްޠަފާ ކަމާލުގެ ޢަލްމާނީ ސަރުކާރުން އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރި ސަބަބެވެ. މި ސަބަބުތަކާ މެދުގައި ވިސްނައިލުމުން، އެތަން އަލުން މިސްކިތަކަށް ބަދަލު ކުރުން، ތުރުކީގެ މުސްލިމުންނަށް މިއަދު މުހިއްމު ވާ ސަބަބުތައް ވެސް ފެނިވަޑައިގަންނަވާނެއެވެ. ރައީސް އުރްދުޣާންގެ ޚިޠާބުގައި ވިދާޅުވި ފަދައިން، "ލެޔާއި ފުރާނައިން އަގު ދޭން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް" އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުން މުހިއްމު ވަނީ، ތުރުކީގެ ނިތްކުރީން ފޮހެލެވުނު ސަޖިދައިގެ ނިޝާން އަނބުރައި ގެނައުމަށް ޓަކައެވެ. ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތު ކަތިލެވުނު ކަތިލެވުން އެ ޤައުމުގެ ރައްޔިތުން ޤަބޫލު ނުކުރާ ކަމާއި، އިސްލާމީ ޝަޚްޞިއްޔަތު އަލުން ބަލައިގަނެ، ޝަރަފުވެރިކަމާއި ފަޚްރުވެރިކަމާ އެކު އިސްލާމީ ޤައުމެއްގެ ގޮތުގައި ހަމަ އިސްކޮޅަށް ތުރުކީ ތެދުވެއްޖެކަމުގެ އިޢުލާނެއްގެ ގޮތުގައެވެ.

ތުރުކީގެ މުސްލިމުންނަށް ޓަކައި، އަޔާސޯފްޔާ އަލުން މިސްކިތަކަށް ބަދަލު ކުރުމަކީ އެއްގޮތަކަށް ވެސް، ދާރުލްއާސާރެއް މިސްކިތަކަށް ބަދަލު ކުރުމުގެ ސުވާލެއް ނޫނެވެ. އެމީހުންނަށް ޓަކައި އެއީ އެމީހުންގެ ކިބައިން އަނިޔާވެރިކަމާއި ހަރުކަށިކަމާއި ޖައްބާރުކަމާ އެކު ނިގުޅައިގަނެވުނު އިސްލާމީ ތަރިކަ އަނބުރައި ހޯދުމުގެ ސުވާލެކެވެ. އެ ލާދީނިއްޔަތެއްގެ އަދި އެ ޢަލްމާނިއްޔަތެއްގެ އަނިޔާވެރިކަމުން ތުރުކީގެ އެތައް މުސްލިމް ލީޑަރުންނެއްގެ ލެއިފޮދު އޮހޮރައިލި، އެތައް މުސްލިމް ޢިލްމުވެރީންނެއްގެ މުޅި ޙަޔާތްޕުޅު ޖަލުތަކުގެ އަނދިރި ގޮޅިތަކުގައި ވޭންދެނިވި އަނިޔާގެ ފަތިހެއް ނެތް ރެއިގަނޑަކަށް ބަދަލު ކޮށްލި، އެތައް ޢާއްމު މުސްލިމުންނެއް ޝަހީދު ކޮށްލި، އަދި އެތައް މުސްލިމް އަންހެން ދަރީންނެއް ހަމައެކަނި ބުރުގާ އެޅުމުގެ ކުށުގައި ނިކަމެތި ކުރި އަނިޔާވެރި އަދި ބޭއިންޞާފު ޢަލްމާނިއްޔަތުގެ ބަރުން ސަލާމަތް ވެ މިންޖު ވުމުގެ އެންމެ މާނަވީ ޢަމަލެވެ. އާދޭހެވެ! މުސްލިމުންގެ ދުޝްމަނުން ބުނާ ފަދައިން، އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ ނިންމެވުމަކީ ރައީސް އުރްދުޣާން ނިންމެވި ސިޔާސީ ނިންމެވުމެކެވެ. ނަމަވެސް އެއީ އެވެރީން އެބުނާ ފަދައިން، ތުރުކީގެ ފައިސާގެ އަގު ވެއްޓުމުން، ނުވަތަ އިޤުތިޞާދު ދަށަށް ދިޔުމުން، ނުވަތަ އެނޫން ވެސް އެފަދަ ކަމަކާ ގުޅިގެން، ވޯޓު ލާން ތިބި މީހުންގެ ސަމާލުކަން އެހެން ދިމާޔަކަށް އަނބުރައިލެއްވުމުގެ "ސިޔާސީ ފިޔަވަޅެއް" ނޫނެވެ. ހަމަ އެހެންމެ، އެއިއްޔަކީ އިސްތަންބޯލުގައި މިސްކިތް މަދު ވެގެން، ނަމާދު ކުރާނެ އިތުރު ތަންކޮޅެއްގެ ކަންކަން ހަމަޖެއްސެވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ނޫނެވެ. އަދި އެއީ ގްރީކް އޮރތޮޑޮކްސް ނަޞާރާއިން ރުޅި އެރުވުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ވެސް ނޫނެވެ. އެއީ ރައީސް އުރްދުޣާނަކީ އައު ޢުޘްމާނީ އަންބަރާޠޫރެއް ކަމުގައި ދައްކަވާކަށް ކުރެއްވި ކަމެއް ވެސް ނުމެނޫންމެއެވެ. އަދި ކީއްތޯއެވެ! އެއީ ލާދީނިއްޔަތާއި ޢަލްމާނިއްޔަތުގެ ވިހަވަބާއިން، ﷲ ގެ ރަޙުމަތްޕުޅާ އެކު، ތުރުކީ ސަލާމަތް ވެއްޖެކަން އިޢުލާން ކުރައްވައި، ތުރުކީ އާއި އިސްލާމީ ދުނިޔޭގެ ލާދީނީ ޢަލްމާނީންނަށް މެސެޖެއް ދެއްވުމުގެ ސިޔާސީ ނިންމެވުމެކެވެ. ހުޅަނގު ރުއްސުމާއި، އިސްތިޢުމާރީންނަށް ސަޖިދަ ޖެހުމުގެ ނިކަމެތިކަމުން ތުރުކީ ސަލާމަތް ވެ، ﷲ ގެ ރަޙުމަތްޕުޅާ އެކު، ޝަރަފާއި ޢިއްޒަތުއްނަފުސުގެ ވެރި އިސްލާމީ ދައުލަތެއްގެ ގޮތުގައި އެ ޤައުމު ދުނިޔޭގެ ސަފުތަކުގައި ހުއްޓުނުކަން އިޢުލާން ކުރެއްވުމުގެ ސިޔާސީ ނިންމެވުމެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް