ކޮމިޓީއަށް ހާޒިރުވާން އަންގާފައި ނުވޭ، މާދަމާ ހާޒިރުވާނަން: ނިޝާމާ

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް މީގެ ކުރިން ރަސްމީ ގޮތެއްގައި އަންގާފައި ނުވާ ކަމަަށާއި މަދަމާ ކޮމިޓީއަށް ހާޒިރުވާނެ ކަމަށް މިވަގުތު ސަސްޕެންޝަންގައި ހުންނެވި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް އެންގީ، ހެލްތް މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ހިމެނޭ ގޮތަށް ޖުމްލަ ނުވަ މީހަކު ކޮމިޓީއަށް މިއަދު ހާޒިރުވިއިރު، މިނިސްޓްރީން ކުރި ހަރަދުތަކުގައި އެންމެ ބޮޑު އިހުމާލުވިކަމަށް އޮޑިޓް އޮފީހުން ބުނާ، އެ މިނިސްޓްރީގެ މަލީ ޒިންމާދާވެރިޔާ އަހްމަދު އަސްލަމްއާއި ނިޝާމާ ހާޒިރެއް ނުވެއެވެ.

ނިޝާމާ މިއަދު "ސަން"އަށް ވިދާޅުވީ، މަޖިލީހުގެ އިދާރާއިންވެސް އަދި މިނިސްޓްރީންވެސް ރަސްމީ ސިފައެއްގައި އޭނާ ކޮމިޓީއަށް ހާޒިރުވާން އަންގާފައި ނުވާ ކަަމަަށެވެ.

"މިނިސްޓްރީން އަޅުގަނޑަށް ގުޅާފައި އެންގި ހެލްތު މިނިސްޓަރު [އަމީން] ހާޒިރުވާން އަންގާފައިވާތީ އެ ޓީމުގައި އަޅުގަނޑު ހިމަނަންށޭ މިއުޅެނީ [ކޮމިޓީއަށް ހާޒިރުވުމަށް]. އަޅުގަނޑު ދެންނެވިން އެއީ މިހާރު ހިނގަމުންދާ ތަހުގީގަކަށްވާތީވެ އަދި އަޅުގަނޑަށް ސީދާ ސިޓީއެއް އައިސްފައި ނުވާތީވެ، ކޮމިޓީއަށް ހާޒިރުނުވުމަށް އަޅުގަނޑުގެ ވަކީލުން ވިދާޅުވެފައިވާ ކަމަށް،" ނިޝާމާ ވިދާޅުވިއެވެ.

ނިޝާމާ ވިދާޅުވީ، މިނިސްޓަރު ހާޒިރުވާން އެންގުމަކީ ނިޝާމާ ހާޒިރުވާން ޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓްރީން ގުޅުއްވި ބޭފުޅުންނަަށް ދެންނެވި ކަމަށެވެ.

"މިވަގުތު އަޅުގަނޑު މިހުރީ ވަޒީފާގެ މަސްއޫލިއްޔަތު ދުރުގައި. އެހެންވީމަ ހެލްތު މިނިސްޓްރީ ރިޕްރެޒެންޓް ކުރަން ނުއެއް ދެވޭނެތާ،" ނިޝާމާ ވިދާޅުވިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، ނިޝާމާއާއި އަސްލަމް ކޮމިޓީއަށް ވަޑައިގަތުމަށް އުޒުވެރިވެފައި ވަނީ، މިހާރު ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ ވަކީލުން އެގޮތަށް ލަފާ ދެއްވާފައިވާތީ ކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮމިޓީން މިއަދު ނިންމީ ނިޝާމާއާއި އަސްލަމް ކޮމިޓީއަށް ހާޒިރުނުވުމުން، މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން އެ ބޭފުޅުން މާދަމާ މެންދުރު 2:00 އަށް ކޮމިޓީއަށް ހާޒިރުވުމަށް އެންގުމަށް އަމުރެއް ނެރުމަށެވެ.

ނިޝަމާ ވިދާޅުވީ، މިހާރު މަޖިލީހުން އޭނާއަށް ގުޅާފައި މާދަމާ މަޖިލިހަށް އައުމަށް އެންގި ކަމަށާއި ޖަވާބުގައި ރަސްމީކޮށް، ނޯޓިސް ފޮނުވުމަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާ މަޖިލީހަށް ހާޒިރުވާނަންތޯ ސުވާލު ކުރުމުން ނިޝާމާ ވިދާޅުވީ. "އިންޝާﷲ އަޅުގަނޑު ދާނަން،" ކަމަށެވެ.

ނިޝާމާއަށް ރަސްމީކޮށް ކޮމިޓީއަށް ހާޒިރުވުމަށް އޭނާއަށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއިރު، މިކަމާ ގުޅޭ ގޮތުން އަސްލަމްގެ ބަހެއް އަދި ނުލިބެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

އެކަމާ ގުޅިގެން ނިޝާމާ ވަނީ މީގެ ކުރިން ބަޔާނެއްވެސް ނެރުއްވާފައެވެ. ބަޔާނުގައި ނިޝާނާ ވިދާޅުވީ، ވެންޓިލޭތަރުތައް ގަތުމުގައި އަމަލުކޮށްފައިވަނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. ބިޑް ކޮމިޓީން ނިންމާފައިވާ ނިންމުމަކީ، އެ ކޮމިޓީއަށް ލިބިފައިވާ ލިޔުންތަކުގެ މައްޗަށް ނިންމާފައިވާ ނިންމެއް ކަމަށް ބަޔާނުގައި ބުނެއެވެ. އެގޮތުން އެ ކުންފުންޏަކީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ކުންފުންޏެއް ކަމަށް ބުނެ ބިޑު ކޮމިޓީއަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވެސް ބަޔާންކޮށްފައިވާ ކަމަށް ބަޔާނުގައި ބުންނެވެ.

އޭގެ އިތުރުން އެ ނިންމުމަކީ ބިޑް ކޮމިޓީގެ ފަރާތުން ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މައުލޫމާތު ސާފުކޮށް، އަދި މާލީ ޒިންމާދާރުވެރިޔާ އަހްމަދު އަސްލަމް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމި ނިންމެއްގެ ގޮތުގައި ނިޝާމާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުނެ އެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ، އެއީ ޑަބްލިއުއެޗްއޯގެ ލަފައަކަށް ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރާއްޖެ ގެނެސްފައިވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.

https://sun.mv/141868

comment ކޮމެންޓް