111 މީހަކު ޑިސްކޮލިފައިކޮށް ހިޔާ ފްލެޓް ލިބޭ ވަގުތީ ލިސްޓްތަކެއް ނެރެފި

ފްލެޓް ކޮމިޓީގެ މެންބަރަކު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފިސް

ޝަރުތުހަމަނުވާ ފަރާތްތައް ޑިސްކޮލިފައި ކުރުމަށް ފަހު ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު، ކުރީ ސަރުކާރުން ފްލެޓުގެ ދިން ގޮތް ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީން މިއަދު އިއުލާންކޮށްފި އެވެ.

ފްލެޓް ކޮމިޓީއިން މިއަދު އިއުލާން ކުރި ވަގުތީ ލިސްޓުތަކަކީ؛

1. ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ - H4
2. ޓީޗަރުންނަށް ހާއްސަ - H5
3. މާލޭ ރަށްވެހިންނަށް ހާއްސަ - H8
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ - H10 ކެޓަގަރީގެ ލިސްޓެވެ.

އިއުލާންކުރި ވަގުތީ ލިސްޓްތަކުގައި ފްލެޓް ލިބޭ މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ.

ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ. އެއަށް ވުރެ ދަށް ޕޮއިންޓް ލިބުނު ފަރާތްތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިގެން ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީއިން ޑިސްކޮލިފައިކޮށްފަ އެވެ. އެ ލިސްޓުވެސް ވަނީ ވަނަވަރާއި ޕޮއިންޓް ލިބުނު ގޮތާ އެކު ވަކިން އިއުލާންކޮށްފަ އެވެ. އަދި ކުރިން ލިބިފައިވާ ޕޮއިންޓް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ H4 ކެޓަގަރީއިން 13 މީހެއްގެ ނަން އުނިކުރި އިރު، ޓީޗަރުންނަށް ހާއްސަ H5 ކެޓަގަރީއިން 16 މީހަކު، މާލޭ ރަށްވެހިންނަށް ހާއްސަ H8 ކެޓަގަރީއިން 46 އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ H10 ކެޓަގަރީއިން 36 މީހެއްގެ ނަން ވަނީ ޝަތުރު ހަމަނުވާތީ އުނިކޮށްފަ އެވެ.

އެ ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ.

އަދިވެސް ބައެއް ކެޓަގަރީތަކުގެ ފޯމުތައް މުޅިން އިވެލުއޭޓް ނުކުރެވޭތީ އެ ކެޓަގަރީތައް އަދި އިއުލާނެއް ނުކުރެ އެވެ. އެ ކޮމިޓީއިން މިއަދު ބުނީ، އެ ލިސްޓްތައް ވެސް އޮކްޓޯބަރު މަހުގެ ނިޔަލަށް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމުގައި ބަލާނީ ފޯމު ހުށަހެޅި ފަރާތުގެ އާމްދަނީ އާއި ގެއަށް ލިބޭ އާމްދަނީ އަދި ދިރިއުޅޭ ތަނުގެ ހާލަތެވެ.

މީގެކުރީން އަސާސީ ޝަރުތެއްގެ ގޮތުގައި ފޯމު ހުށަހަޅާ ފަރާތައް ނުވަތަ އާއިލާއަށް ޖުމްލަ އަމްދަނީގެ ގޮތުގައި 7،000 ރުފިޔާއިން މަތިން ލިބެން ޖެހެއެވެ. އެހެންނަމަވެސް އޭގެ ސަބަބުން ސޯޝަލް ހައުސިންއަށް އެންމެ ބޭނުންވާ ފަރާތްތަކަށް ފްލެޓަށް ކުރިމަތި ނުލެވޭތޭ އެ ޝަރުތު ނުބަލާ ގޮތަށް ކޮމިޓީއިން ވަނީ ނިންމާފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ކުރިމަތިލި ފަރާތްތަކުންގެ ތެރެއިން "ލިސްޓް 2"ގެ ނަމުގައި ހަތަރު ކެޓަގަރީއަކުން 2،500 ފްލެޓް ވަނީ 2018 ވަނަ އަހަރުގައި އެވޯޑުކޮށްފައެވެ.

އަދި 1 ކޮޓަރި ކެޓަގަރީތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބިފައިވާ ލިސްޓް ވަނީ މީގެކުރީން އާންމުކޮށްފައެވެ.

comment ކޮމެންޓް