ލަންދޫ ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްގީކުރަން ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި 25,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 401 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

ހަމައެއާއެކު މި މަޝްރޫއުގައި 1,280 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 35.60 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް