އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އިމާދުގެ ނަން މަޖިލީޙަށް ފޮނުވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް ހަމަޖައްސަން ނަން ފޮނުވި އަހުމަދު އިމާދު --

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މިހާރުވެސް އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ އިމާދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް، މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން އޭނާގެ ނަން ދިރާސާ ކުރުމަށްފަހު، ރުހުން ދެން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު، އަލުން ތަޅުމަށް ފޮނުވާނެ އެވެ. އަދި އެއަށްފަހު، ތަޅުމުގައި ނަގާ ވޯޓުން އޭނާއަށް ރުހުން ދޭން ފާސް ވެއްޖެނަަމަ، އޭނާއަށް މަގާމު ލިބޭނެ އެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް (ސީއެމްޑީ)ގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އިމާދު ވަނީ، އިނގިރޭސީ ވިލާތުން އިކޮނޮމިކްސް އަދި ފައިނޭސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފަ އެވެ. އަދި މެލޭޝިއާ އިން ހަަމަ އެ ދާއިރާ އިން ބެޗްލާސް ހާސިލްކޮށްފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެމްއެމްއޭއަށް 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަސް ތެރޭގަ އެވެ.

comment ކޮމެންޓް