ސިފައިން ނެރޭނެ ކަމުގެ އިންޒާރު ދިނުމުން ވެސް ބެލަރޫސްގައި ބޮޑު މުޒާހަރާއެއް

ބެލަރޫސްގެ ވެރިރަށް މިންސްކްގައި އިއްޔެ އެތައް ހާސް މީހުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: ރޮއިޓާސް

މިންސްކް (އޮގަސްޓު 24): ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިސްތިއުފާ ދެއްވުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގައި މީހުން އަމަލު ކުރާ ގޮތަކުން ސިފައިން ނެރޭނެ ކަމުގެ އިންޒާރު ސަރުކާރުން ދިން ނަމަވެސް އެގައުމުގައި އިއްޔެ އެތައް ހާސް މީހުން މުޒާހަރާކޮށްފި އެވެ.

ބެލަރޫސްގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އިއްޔެ އެގައުމުގެ ވެރިރަށް މިންސްކްގެ އިންޑިޕެންޑެންސް ސްކޮޔާގައި ބޭއްވި މުޒާހަރާއަށް ދިޔަ މީހުންގެ އަދަދު 150،000 އާއި 200،000އާ ދެމެދުގެ އަދަދަކަށް އަރާނެ އެވެ. ނަމަވެސް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި މުޒާހަރާގައި ބައިވެރިވެފައި ވަނީ 20،000 މީހުންނެވެ.

އެ މުޒާހަރާ ބޭއްވީ، މުޒާހަރާ ކުރާ ތަނުގައި ހުރި، ދެވަނަ ބޮޑު ހަނގުރާމައާ ގުޅުން ހުރި ހަނދާނީ ބިނާތައް ރައްކާތެރި ކުރަން ސިފައިން ނެރޭނެ ކަމުގެ އިންޒާރު ޑިފެންސް މިނިސްޓްރީން ދިން ފަހުންނެވެ. އަދި ހަމަނުޖެހުން ހިންގައިފި ނަމަ އެބަޔަކާ ކުރިމަތިލާނީ ސިފައިން ކަމަށް އެ މިނިސްޓްރީން ބުނި ފަހުންނެވެ. އިއްޔެގެ މުޒާހަރާ ބޭއްވި އިރު އިންޑިޕެންޑެންސް ސްކޮޔާއިން ރަޔޮޓް ފުލުހުންނާއެކު ސިފައިންނާއި ސިފައިންގެ އުޅަނދުތައް ފެނުނު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ މުޒާހަރާ ކުރިއަށް ދިޔަ އިރު ލުކަޝެންކޯ ހެލިކަޕްޓަރަކުން މުޒާހަރާތައް ބައްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އަދި އެ ހެލިކަޕްޓަރު ރިޔާސީ ގަނޑުވަރުގައި ޖެއްސުމުން ލުކަޝެންކޯ ބަޑިއެއް ހިއްޕަވައިގެން އުޅަނދުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.

ބެލަރޫސްގައި މިހާތަނަށް ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާތަކުގެ ގޮތުގައި ފާހަގާކޮށްފައިވާ އެމުޒާހަރާތައް ރޫޅުލުމަށް ފުލުހުން ވަނީ މީގެ ކުރިން ސްޓަން ގްރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި 7000 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ބެލަރޫސްގައި މުޒާހަރާ ކުރާ މީހުންނަށް ތާއިދު ކުރާކަން ދެއްކުމުގެ ގޮތުން އަވަށްޓެރި ލިތުއޭނިއާގައި ވެސް އިއްޔެ އެއްވުންތަކެއް ބޭއްވި އެވެ.

ބެލަރޫސްގައި އެ މުޒާހަރާތައް ފެށުނީ މިމަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއަށް އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

ލުކަޝެންކޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައި، އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ނޭޓޯ އިން ބެލަރޫސްއަށް އާ ރައީސަކު ގެންނަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ނޭޓޯ އިން ވަނީ އެ އެލަޔަންސުގެ ސަބަބުން އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށާއި ނޭޓޯގެ ސިފައިން ބެލަރޫސްގެ ބޯޑަރު ކައިރިއަށް ޖަމާ ނުކުރާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް