މަސް މިރުހުން ފެށި ދަތުރު އާއިލީ ބޮޑު ވިޔަފާރިއަކަށް

އާޢިޝަތު ދީދީ އޭނާގެ މަސައްކަތުގައި-- ފޮޓޯ: މާއިސް

މީގެ 16 ވަރަކަށް އަހަރު ކުރީން ފުވައްމުލަކުގެ ރީތި ހިތްގައިމު ދިރިއުޅުން ދޫކޮށް އާއިޝަތު ދީދީ އޭނާގެ ފިރިމީހާ އާއި ފަސް ކުދިންނާއި އެކު މާލެ ބަދަލުވީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ ކިޔަވައިދިނުމަށެވެ. އޭރު އެންމެ ހަނގު ދަރިފުޅުގެ އުމުރުން ހަތް އަހަރެވެ.

ފުރަތަމަ މާލެެ ބަދަލުވެ އާމްދަނީ ހޯދުމަށްޓަކައި އެދެމަފިރިން ކުރަން ޖެހުނު ދަތުރު ބުރަ އެވެ. ފިރިމީހާ އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކަށްވާތީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރި އިރު، ލިބޭ އާމްދަނީ ކުޑަވެފައި ބަރާބަރަށް މުސާރަ ލިބެނީވެސް މަދު ފަހަރަކު އެވެ.

އެއާއެކު އާޢިޝަތު ދީދީ އަށް އައި ހިޔާލަކީ ގޭގައި ދެއަތް އުރާލައިގެން ގޮތް ހުސްވެފައި އިނުމަށްވުރެ، އަމިއްލަ އަށް ކޮންމެވެސް މަސައްކަތެއް ކުރަން ފެށުމުގެ ޚިޔާލެވެ. މިގޮތުން އޭނާ ފެށީ މަސްމިރުސް ހެދުމުގެ މަސައްކަތެވެ.

ކިތަންމެ އުންމީދުގައި ފެށި ނަމަވެސް ނާއުންމީދުވެ މަސައްކަތް ހުއްޓާލަން ހިތަށް އެރި ފަހަރުތައް ގިނަ އެވެ. ގޭގައި އިނދެ އަމިއްލަ ތަކެތިން މަސްމިރުސް އުފައްދާ، ޕެކް ކޮށް ފިހާރަތަކަށް ވިއްކަން ގެންދިއުމުން ނަގަނީ އެންމެ ދެތިން މީހެކެވެ. ނުވިތާކަށް އަޑުލައި ހަޑި ހުތުރު ބަހުން މުހާތަބު ވެސް ކުރި ފަހަރުތައް މަދެއް ނޫނެވެ.

"ވަރަށް ދެރަވި ދުވަހެއް އަދިވެސް ހަނދާން ހުރޭ. ކުއްޖަކު އަތަށް ދީފައި ފިހާރައަކަށް އެއްޗެހި ތަކެއް ފޮނުވީމައި އެ ފިހާރައިން ވަރަށް ރުޅިގަދަވެފައި އަޅުގަނޑަށް ގުޅި. ވަރަށް ހަޑިކޮށް އަޅުގަނޑާއި ދިމާލަށް އެއްޗެހި ގޮވީ. ވަރަށް ދެރަވި ދުވަހެއް އެއީ،" އާއިޝަތު ދީދީ ކިޔައިދިނެވެ.

މިފަދަ އެތަށް ކަމެކެވެ. މާޔޫސްވެ ހިތް މޯޅިވެ އުންމީދު ގެ އަލިކަން ފަނޑުވި އެތަށް ހާދިސާއެކެވެ. އެހެން ނަމަވެސް އޭނާގެ އަޒުމެއް ގުޑުވައެއް ނުލެވުނެވެ. ދަރިންނާއި އާއިލާގެ މުސްތަގުބަލަށްޓަކައި ކުރަމުން އައި ބުރަ މަސައްކަތަކަށް ބަދަލެއް ނާދެ އެވެ. މަސައްކަތަށް އިތުރުވީ ހިތްވަރެވެ.

އާއިޝަތު ދީދީ މަސައްކަތުގައި-- ފޮޓޯ:މާއިސް

އެހެންނަމަވެސް މިއަދު އެއީ މާޒީ އެވެ. އެ ކުޑަ ކުޑަ މަސްމިރުސް ޕެކެޓުތަކުން އޭނާ ފެށި ދަތުރުގެ މިސްރާބު މިއަދު ހުރީ މުޅީން ތަފާތު މަންޒިލަކަށެވެ. މިއަދު އެއީ ގޭގައި ކުރި ކުޑަ މަސައްކަތަކަށްވުރެ ބޮޑު އަދި ފުޅާ ވިޔަފާރިއެކެވެ. ރަށުގައި ހުރި ގޭގެ ނަން ކަމުގައިވާ "ރިޝްތާ" ގެ ނަމާއި އެކު މިއަދު އެއީ ގިނަ ބަޔަކު ދަންނަ "އަ ޕްރޮޑަކްޝަން އޮފް ރިޝްތާ" އެވެ. ދިވެހި ރަހަތަކާއި، ދިވެހި އުފެއްދުންތަކަށް ހާޢްސަ ވިޔަފާރިއެކެވެ.

މަސް މިރުހުގެ އިތުރަށް 50 ހަކަށް ތަފާތު އެކި ބާވަތުގެ ތަކެތި އުފައްދާ އޭނާ މިހާރު އަންނަނީ ވިއްކަަމުންނެވެ. މީގެ ހަވަރަކަށް އަހަރު ކުރީން، އެކަނިމާ އެކަނި މި މަސައްކަތްކުރި ނަމަވެސް ލިބެމުންދާ ތަރުހީބާ އެކު، އެހީތެރިވެދިނުމަށް މިކަމަށް ހާއްސަކޮށްގެން ބިދޭސީ އެއްވެސް މިހާރު ހުރެ އެވެ. އަދި އޭނާގެ ޒުވާން ދަރިންގެ ހިޔާލުން، "ރިޝްތާ" މިހާރު ޒަމާނީ ބްރޭންޑަކަށް ބަދަލު ކުރުމުގެ މަރުހަލާ ވަނީ ފެށިފަ އެވެ.

"ރިޝްތާ"އިން ތައްޔާރުކޮށް އަދި ވިއްކާ ބައެއް ތަކެތީގެ ތެރޭގައި ހަވާދުގެ އެކި ބާވަތްތަކާއި، ބަދަނުގެ ބާވަތްތަކާއި، އެކި ވައްތަރުތަކުގެ އަސާރަ އާއި، ކުދި ގުޅަ ރިހާކުރު ގުޅަ، އުޅާލި، ބަޖިޔާ ، އަލުވި ސަމްބޮލް އަދި އެކި ބާވަތްތަކުގެ ޓޮފީ ހިމެނެ އެވެ.

އެކަނި ފެށި ނަމަވެސް ފިރިމީހާގެ އެހީތެރިކަމާއިއެކު މަސައްކަތް ކުރިއަރުވާ މިއަދު އޭނާގެ ވިޔަފާރި ކޮޅަށް ޖަހައިދިނީ ދަރިންނެވެ. ހަމައެކަނި ދެތިން ފިހާރައަށް މަސްމިރުސް ކޮޅެއް ހަދައިދީގެން ވިއްކި ނަމަވެސް މިއަދު އާއިޝަތު ދީދީ ތައްޔާރުކުރަމުންދާ އެކި ބާވަތްތައް މާލޭގެ 10 ފިހާރައަކުން ލިބެން ހުންނާނެ އެވެ. ނުވިތާކަށް ސޯޝަލް މީޑީއާގައިވެސް މިއީ މީހުންގެ މަގުބޫލުކަން ހޯދަމުން އަންނަ ބްރޭންޑަކަށް މިވަނީ ވެފަ އެވެ.

އޯޑަަރުތައް ނަގައި، ކަސްޓަމަރުން ހޯދައި މާކެޓްކުރުމުގެ މަސައްކަތް ކުރަނީ ދަރިންނެވެ. އެއަށްފަހު އާއިޝަތު ދީދީ އާއި އޭނާގެ ފިރިމީހާގެ މަސައްކަތް ފެށެނީ އޯޑަރު އެކުދިން ފޮނުވާ ހިސާބުންނެވެ. ތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރުމަކީ އެދަމަފިރިންގެ މަސައްކަތެވެ.

"ކޮންމެ ދުވަހަކަށްވެސް އޮންނާނީ ކޮންމެވެސް ބާވަތެއް ތައްޔާރުކުރަން ތާވަލްކޮށްފައި. އެހެންވީމަ ކޮންމެވެސް އެކައްޗެއް އެދުވަހަކު ތައްޔާރުކުރާނެ. ފަތިހު ފަތިހާ މަސައްކަތް ފަށައިގެން ނިމެނީ ފަހެއް ނޫނީ ހައެއް ޖަހާއިރު،" އާއިޝަތު ދީދީ ކިޔައިދިނެވެ.

މިފަހުން "ރިޝްތާ" އިން ތައާރަފްކުރި އެންމެ ހާއްސަ އެކައްޗަކީ ޕޮޓޭޓޯ ޗިޕްސް އެވެ. ނޫނީ އަލުވި ޗިޕްސްއެވެ. ދިވެހި ކުދި ބޮޑު އެންމެންގެ ހިތްތަކުން ޖާގަ ހޯދައިފައިވާ ޕޮޓޭޓޯ ޗިޕްސް ދިވެހި ބަދިގެއަކުން ތައްޔާރުކޮށް އާންމުންނަށް ވިއްކުން މިވަނީ ހަމަގައިމުވެސް ވަރަށް އުފާވެރި ކަމަކަށެވެ.

އާއިޝާތު ދީދީ ބުނީ މިއީ ޔޫޓިއުބުން އޭނާ އިންސްޕަޔާ ވެގެން ހެދި ބާވަތެއް ކަމަށެވެ. ބައެއް ބާވްތައް ތައްޔާރުކޮށް ރަހަ ހެޔޮވަރު ކޮށްލުމަށް ދުވަސްކޮޅެއް ނެގިއަސް، ޕޮޓޭޓޯ ޗިޕްސް ތައްޔާރުކުރަން މާ ގިނަ ދުވަހެއް ނުނަގަ އެވެ.

ނިކަން ތުނިތުނިކޮށް ކޮށައި، އެހާމެ މުރަނަކޮށް މި ޗިޕްސް ހުންނައިރު، އަދި މިހާތަނަށް ލިބެން ހުރީ އެންމެ ކްލެސިކް ލޮނާއި އަސޭމިރުހުގެ ފްލޭވާ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ރަހަތަކެއް ފެނުން ހަމަ ގާތެވެ.

މި ހުރިހާ ބާވަތެއްގެ ތެރެއިންވެސް އާއިޝަތު ދީދީއަށް އެންމެ ކަމުދަނީ އަދި އެންމެ ގިނަ ބަޔަކު ގަންނަ ބާވަތަކީވެސް "ޓޮފީ" އެވެ. ކަނަމަދު، މިލްކް އަދި ވޯލްނަޓް ޓޮފީ އޭނާ ތައްޔާރުކުރާއިރު، ރަހަ އެހާމެ މީރުވެފައި އަނގަޔަށް ވިރިގެން ދެ އެވެ. އޭނާ ބުނާގޮތުން ޓޮފީގެ ރަހަ މީރުވެގެން މަދު މީހެއް ނޫނީ އެންމެންވެސް މެސެޖު ކުރެ އެވެ.

ކޮންމެއަކަސް، "އަ ޕްރޮޑަކްޓް އޮފް ރިޝްތާ" އިން މި ކިޔައިދެނީ ދިވެހި ރަހަތަކުގެ މީރުކަމާއި ދިވެހި އަންހެނުންގެ ހީވާގި ކަމެވެ. އާއިލީ ގުޅުމުގެ ލޯބިން ގެނެސްދޭ ރަހަމީރު ރަހަތަކެވެ. ކިތަންމެ ދަތި އުނދަގޫވަގުތުގައި ވެސް ހިތްވަރު އެލުވައި ނުލައި އެންމެން އެކުގައި ކުރަން ފަށާ ދަތުރު ކާމިޔާބު ވާނެ ކަމުގެ މިއީ ލާމަސީލު މިސާލެކެވެ.

comment ކޮމެންޓް