ޒިންމާ އަދާ ކުރަން ނޫސްވެރިންނަށް ވެހިކަލް ދުއްވަން ހުއްދަ ދީފި

އޭޕްރީލް 24، 2020: ރޯދަމަހުގެ ފުރަތަމަ ދުވަހު އެހެން އަހަރުތަކުގެ ރޯދަމަހާ ހިލާފަށް މާލެތެރެ އޮތީ ފަޅުވެފަ. ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް 19ގެ ސަބަބުން އެންމެ ލޮކްޑައުންގައި ތިބެން ޖެހި، ރޯދަ ކުރުކުރަން ހަވީރު ފިނި ބުރުޖަހަން ނިކުނަންނަ މަގުތައް ވަނީ ފަޅުވެ މުޅި ރަށުތެރެ ހިމޭންވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގަނޑު 8:00ގެ ފަހުންވެސް ނޫސްވެރިންނަށް އެއްގަމު އުޅަނދުތަކުގައި ބޭރުގައި އުޅެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ދީފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރަން ނިންމާފައިވާކަން ރޭ އެޗްއީއޯސީއިން ވަނީ އިއުލާނުކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ފުލުހުން ބުނީ، ނޫސްވެރިންވެސް އަށަކަށް ފަހު ޖެކެޓު ލައިގެން ނޫނީ ކާކުކަން އެނގޭ އެހެން ގޮތަކަށް ޓެކްސީގައި ދަތުރު ކުރުން އެދެވޭ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ފުލުހުންނާއި އެޗްއީއޯސީއާއި ބައްދަލުކޮށްފައެވެ. މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރަން އެއްގަމު އުޅަނދުތަކުގައި އުޅެން ހުރަހެއް މިހާރު ނޯންނާނެ ކަމުގެ ޔަގީންކަން ފުލުހުންނާއި އެޗްއީއޯސީއިން ދީފައިވާ ކަމަށް މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނެސް ރޭގަނޑު 20:00އިން ފަތިހު 5:00އަށް އާންމު ވެހިކަލް ނުދުއްވޭނެ ކަމަށް ނިންމާ އިއުލާން ކޮށްފައިވީނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ މި ކައުންސިލުން މަޝްވަރާކޮށް ވާނީ ހޯދާފައެވެ." އެމްއެމްސީއިން ބުންޏެވެ.

ނޫސްވެރިކަމުގެ ޒިއްމާތައް އަދާ ކުރަމުންދާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، ކޮންމެ ނޫސްވެރިޔަކުވެސް އެމީހެއްގެ ޒާތީ ކަންކަން ކުރުމަށް ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ހޭދަ ކުރަންޖެހޭނީ އާއްމު ފަރުދުންނެކޭ އެއްގޮތަށް ކަމަށްވެސް އެމްއެމްސީއިން ބުންޏެވެ.

comment ކޮމެންޓް