އެމްސީއާ ނުލައި ވަޒީފާއަށް ސަލާމް ބުނެވޭނީ 15 ދުވަހު ކަމަށް ކޮމެޓީ އިން ކަނޑައަޅައިފި

--- ފޮޓޯ/ މަޖިލިސް

ކޮންމެ ސަލާމަަކަށް މުވައްޒަފުން އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަދަލުކޮށް، އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބިލު އިސްލާހުކޮށް، ވަޒީފާއާ ބެހޭ ގާނޫނު ކޮމިޓީން ފާސްކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެ އެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ އެންމެ ދުވަހަކު ވެސް ސަލާމް ބުނާ ނަމަ އެމްސީ ހުށަހަޅަން ޖެެހޭ ގޮތަށެވެ.

އެ އިސްލާހާ ގުޅިގެން ވަޒީފާ އަދާކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފާޑުކިޔުންތަކާ އެކު، އެ އިސްލާހަށް ކޮމެޓީ މަރުހަލާގައި ބަދަލުގެންނާނެ ކަމަށް، އިސްލާހު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަނީ އޭރު ވިދާޅުވެފަ އެވެ.

ގިނަ އިސްލާހުތަކަކާ އެކު، މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަދި އިގުތިސޯދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ބިލު ފާސްކުރި އިރު، ބިލުގެ 42 ވަނަ މާއްދާ ވަނީ އިސްލާހުކޮށްފަ އެވެ.

އެމާއްދާގެ (ހ)ގައި ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަަމަށެވެ. އަދި އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.

ނަމަވެސް އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ މާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

ހަމަ އެއާ އެކު އެ ބިލުގެ 41 ވަނަ މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުން މުސާރަ ދޭ މުވައްޒަފަކު، އެ މުވައްޒަފު ޗުއްޓީގައި ހުރި ނަމަވެސް އާންމު ގޮތެއްގައި މުސާރަ ދޭ އުސޫލުން މުސާރަ ދެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް އިތުރު އިސްލާހުތަކާ އެކު އިއްޔެގެ ކޮމެޓީން ބިލު ފާސްކޮށްފައި ވާއިރު، މާދަމާގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓު ހުށަހަޅަން ކޮމެޓީގެ މުގައްރިރު، މެމްބަރު އީސަ ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މާދަމާގެ ޖަލްސާއަށް އެ ރިޕޯޓު އެޖެންޑާ ކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް