ބެލަރޫސްއިން 50އަށް ވުރެ ގިނަ ނޫސް ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދައިފި

ބެލަރޫސްގައި ދަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުން -- ފޮޓޯ: އޭޕީ

މިންސްކް (އޮގަސްޓު 23): ބެލަރޫސްގައި ބާއްވާ މުޒާހަރާތަކާ ބެހޭ ގޮތުން ރިޕޯޓު ކުރާ 50އަށް ވުރެ ގިނަ ނޫހެއްގެ ވެބްސައިޓަށް ނުވަދެވޭ ގޮތް އެގައުމުން ހަދައިފި އެވެ.

ބެލަރޫސްގެ އެސޯސިއޭޝަން އޮފް ޖާނަލިސްޓްސް އިން އިއްޔެ ބުނި ގޮތުގައި އެގައުމުގައި ބްލޮކްކޮށްފައިވާ ވެބްސައިޓުތަކުގެ ތެރޭގައި އެމެރިކާއިން ފަންޑު ކުރާ ރޭޑިއޯ ލިބަޓީ އެންޑް ބެލްސަޓް އާއި ޕޮލެންޑުން ފަންޑު ކުރާ ސެޓެލައިޓު ޓީވީ ޗެނަލް ހިމެނެ އެވެ. އަދި އެގައުމުގެ ދައުލަތުގެ ޕަބްލިޝިން ކުންފުނިން ވަނީ ދެ މިނިވަން ނޫހެއް ޗާޕު ކުރުން ހުއްޓާލާފަ އެވެ. އެކުންފުނިން ބުނި ގޮތުގައި ދެ ނޫސް ހުއްޓާލީ ޗާޕު ކުރަން ބޭނުން ކުރާ ސާމާނުގައި މައްސަލަ ޖެހިގެންނެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިމަހުގެ ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބު އެގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވި ފަހުންނެވެ. އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ، ލުކަޝެންކޯގެ 26 އަހަރުވީ ވެރިކަން ނިންމާލުމަށް ގޮވާލަމުންނެވެ.

އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑު ބޭނުންކޮށްފަ އެވެ. އަދި 7،000 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން ގިނަ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

ބެލަރޫސްގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެގައުމުގެ ރިޔާސީ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއަށް އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ. އަދި ގައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހުނީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް