އުޅަނދު ދުއްވުންވުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރަން: އެޗްޕީއޭ

މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރެއިން ފެށިގެން ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރުމަށް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ނިންމުމަށް އާންމުން ފާޑުކިޔަމުން ދަނިކޮށް އެޗްޕީއޭ އިން މިއަދު ބުނީ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.

މާލޭ ސިޓީގައި އުޅޭ ޒުވާނުންގެ ބޮޑު އިންސަައްތައަކީ ސައިކަލުގައި އުޅޭ މީހުންނަށްވާއިރު މި ނިންމުމުގެ ސަބަބުން ބޭރަށް ނިކުތުމަށް ޑިސްކަރޭޖުވާނެއެވެ.

އެޗްޕީއޭ އިން ބުނީ ކޮންމެ ހަފްތާއަކުވެސް ބަލި ފެތުރޭ މިންވަރު ދިރާސާކޮށް ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހަސްފަތާލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފައި. މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް. އަދި ބަލި ޖެހޭ މީހުންނާއި ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ،" އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓުގައި ބުންޏެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަލި ފެތުރޭމިންވަރު އެންމެ ގިނައީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ މެދުގައެވެ. އޭގެ ތެރޭއިންވެސް އެންމެ ގިނައީ ފިރިހެނުންނެވެ.

ރޭގެ އިރުއޮއްސި ހަޔަކާ ހަމައަށް 6،660 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިހާރު 2،486 މީހަކަށް ފަރުވާދެމުންދައިރު މީގެެ ތެރެއިން 169 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 4،148 އެވެ. މިހާތަނަށް 26 މީހަކު ރާއްޖެއިން ބަލީގައި މަރުވެފައިވެއެވެ.

comment ކޮމެންޓް