މާބައިދޫ ނެރު ހެދުމުގެ މަސައްކަތް ނިންމާލައިފި

ލ. މާބައިދޫގެ ބަނދަރުގެ އާ ނެރު ހެދުމުގެ މަޝްރޫއު މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއު ނިމިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެއީ 4.22 މިލިއަން ރުފިޔާގެ މަޝްރޫއުއެވެ. މަޝްރޫއުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދުކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ.

އަދި މަޝްރޫއުގެ ތެރޭގައި 17،503 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ.

comment ކޮމެންޓް