ނޮވެމްބަރުގައި ދުނިޔެއާ ކައިރިއަށް ގިނިހިލައެއް

އެސްޓްރޮއިޑެއް--- ފޮޓޯ:ވޮޝިންގްޓަން ޕޯސްޓް

މި 2020 ވަނަ އަހަރު ވެފައި މި ވަނީ މުޅި ދުނިޔެއަށް ސިހުން ގެނުވި ބޮޑު އަހަރެއްގެ ގޮތުގަ އެވެ. ދުނިޔޭގެ ހަބިތުގައި ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރިގެން އުޅޭއިރު، ދާހިލީ އެތައް މައްސަލަތަކެއް މިދަނީ ހައްލުނުވެ ފުނި ޖެހެމުންނެވެ. އެ ލިސްޓަށް އިތުރުވާ އަނެއް ޝޮކަކީ ނޮވެމްބަރު މަހު ދުނިޔެއާ ހިސާބަށް "އެސްޓްރޮއިޑް" ނޫނީ ގިނަހިލައެއް ދަތުރުކުރާ ވާހަކަ އެވެ.

"2018 ވީޕީއެކެއް"ގެ ނަމުން ނަންދެވިފައިވާ ގިނިހިލައެއް ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ދުނިޔެއާ ހިސާބަށް އަންނާނެ ކަަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ގިނިހިލަ ދެނެގަނެވިފައި ވަނީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު އެވެ. ނަމަވެސް ސައިންޓިފިކް ނަމްބަރުތަކުން ހާމަވާ ގޮތުގައި އެ އަހަރުގެ ނޮވެމްބަރު 16ގެ ފަހުން މި ގިނިހިލަ ފެނިފައެއް ނުވެ އެވެ.

ހަރު ގަލެއްގެ ގޮތުގައި ސައިންޓިސްޓުން ސިފަކުރާ ގިނހިލައަކީ ދުނިޔެފަދައިން އިރުގެ ވަށާ ދަތުރުކުރާ އެއްޗެކެވެ. އެންމެ ގިނަ އަދަދަކަށް ގިނިހިލަ ފެންނަނީ މާސް އާއި ޖުޕިޓާގެ އޯބިޓްގަ އެވެ.

ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީ (ޖޭޕީއެލް) އިން ކްލެސިފައި ކުރާ ގޮތުގައި ނޮވެމްބަރު މަހު ދުނިޔެއަށް މި ދަތުރުކުރާ ގިނިހިލައަކީ އެންއީއޭ ނުވަތަ ނިއާ އާތު އެސްޓްރޮއިޑެކެވެ. މި ބާވަތް އިތުރު ހަތަރު ގްރޫޕަކަށް ބަހާލެވޭ އިރު، މި ގިނިހިލަ ނިސްބަތްވަނީ 'އެޕޯލޯ' ގްރޫޕަށެވެ. މާނައަކީ މިއީ ދުނިޔޭގެ އޯބިޓަށް ވުރެ ބޮޑު އެހެން ނަމަވެސް ދުނިޔޭގެ އޯބިޓްގެ ތެރެއަށް ވަދެވޭނެ ބާވަތެކެވެ.

ނޮވެމްބަރުގައި ދުނިޔެއާ ހިސާބަށް ދަތުރުކުރާ މި ގިނިހިލައިގައި ހުންނަނީ ގާތްގަނޑަކަށް 6.6 ފޫޓެވެ. ސަައިންޓިސްޓުންނަށް މި ގިނިހިލަ ނުފެންނަތާ އަހަރުތަކެއް ފަހުން މި ގިނިހިލަ ފެނި އޮބްޒާވް ކުރުމަށް ލިބިފައިވަނީ އެންމެ 12 ދުވަހެވެ. އަދި ދުނިޔެއާ ހަމައަށް މި ގިނިހިލަ ފޯރާފާނެ ކަމުގެ އޮތީ 41 ޕަސެންޓެވެ.

މި ގިނިހިލައިގެ ސައިޒު ކުޑަ ކަމުގައިވާތީ މިއީ ދުނިޔެއަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދި ބެލެވިފައެއް ނުވެ އެވެ.

މީގެކުރިން 2019ގެ ޖުލައި މަހުގެ ތެރޭގައި ވެސް ދުނިޔެއާ ކައިރިން މިއަށްވުރެ ބޮޑު ގިނިހިލައެއް ދަތުރުކުރި ނަމަވެސް، 45،000 މޭލު ކައިރިވުމަށް ފަހު އޭގެ މިސްރާބު ވަނީ ބަދަލުވެފަ އެވެ.

comment ކޮމެންޓް