މުސާރަައިގެ މައްސަލައިގައި އެފްއޭއެމްގެ ވަޒީފާއިން ޖުޑާން ވަކިކޮށްފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރޮ ޖުޑާން އަލީ އަދި ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// އެފްއޭއެމް

ކޮވިޑާ ގުޅިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިމާވެފައިވާ މާލީ ދަތިކަމާ އެކު މުސާރަ ކުޑަ ކުރުމަށް އެއްބަސް ނުވުމުން އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އިންގްލެންޑްގެ ޖުޑާން އަލީ މަގާމުން ވަކިކޮށްފި އެވެ.

ކުރިން މަގާމުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ޖުޑާންއަށް އެފްއޭއެމް އިން ދިގު މުއްދަތަކަށް އެފްއޭއެމްގެ އިސްމަގާމު ހަވާލު ކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ދިހަ އަހަރުގެ އެއްބަސްވުމެއްގެ ގޮތުގައި ލޯންގް ޓާމް ޕްލޭނެއް އެކުލަވާލުމުގެ ޒިންމާއާއެކު ޖުޑާން މަގާމާއި ހަވާލުވި ނަމަވެސް އެފްއޭއެމްއިން މިއަދު އޭނަގެ އެއްބަސްވުން އުވާލާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "ސަން"އަށް ވިދާޅުވީ ޖުޑާން މަގާމުން ވަކި ކުރަން ޖެހުނީ މިވަގުތު އެފްއޭއެމްއަށް ދިމާވެފައިވާ މާލީ ދަތިތަކާ އެކު މުސާރަ ކުޑަ ކުރަން ހުށައެޅުމުން އެކަމާ ދެކޮޅު ހެދުމުން ކަމަށެވެ.

"އެފްއޭއެމްއަށް ދިމާވެފައިވާ މާލީ ދަތިތަކާ އެކު ޖުޑާންގެ މުސާރައަށް ލުޔެއް ގެނައުމަށް މަޝްވަރާ ކުރުމުން އޭނާ ދެކޮޅު ހެދީ. އެހެންވެ މިވަގުތުގެ ހާލަތަށް ބަލާފައި އެ މުސާރައިގައި ބެހެއްޓެން ނެތުމުން ވަކި ކުރީ،" ޖަވާ ވިދާޅުވި އެވެ.

ޖަވާ ވިދާޅުވީ، ޖުޑާން މަގާމުން ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމާއި ހަވާލުވެ ހުންނާނީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަހުމަދު ޝަރީފް (ޑުންގާ) ކަމަށެވެ. ޑުންގާ އަކީ އޭއެފްސީ ކޯޗިން "އޭ" ލައިސަންސާއި ފީފާ ގްރާސްރޫޓް އިންސްޓްރަކްޓާ ލައިސަންސް އަދި އޭއެފްސީ "ބީ" އިންސްޓްރަކްޓާ ލައިސަންސް ނަގާފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

މީގެ އިތުރުން އެ މަގާމަށް އިތުރު މީހަކު ގެންނަން އަދި ނުނިންމާ ކަމަށާއި، މަގާމަށް ދެން ގެންނާނީ ދިވެއްސެއްތޯ ނުވަތަ ބިދޭސީއެއްތޯ ނިންމާނީ އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ މަޝްވަރާއަށްފަހު ކަމަށް ޖަވާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އެކެޑެމީގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ބާސެލޯނާގެ ލަ މާސިއާ އެކެޑެމީގައި 10 އަހަރު މަސައްކަތް ކުރި ޖުޑާން ވަނީ މީގެ ކުރިން މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް ކުރިން މަސައްކަތްކޮށްފައެވެ.

އޭޝިއާގެ ދަރިކޮޅަކަށް ނިސްބަތްވާ ޖުޑާންއަކީ ޕްރޮފެޝަނަލްކޮށް ބޮޑެތި ޓީމުތަކަކަށް ކުޅުނު ކުޅުންތެރިއަކަށް ނުވި ނަމަވެސް އޭނާއަކީ ޔޫއެފާގެ އޭ ލައިސަންސް ކޯޗެކެވެ. ބާސެލޯނާ އިން ޔޯހަން ކްރައިފްގެ ފިލޯސަފީގައި ލަ މާސިއާ އެކެޑަމީ ހިންގިއިރު، ޖުޑާން އެންމެ އިސް މަސައްކަތްތަކެއް ކުރީ ޑިވެލޮޕްމެންޓްގަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އެއަަށްފަހުން ވެސް އެތައް ގައުމެއްގެ ފުޓުބޯޅައިގެ އެންމެ މަތީ މަގާމުތައް އަދާ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު ޗައިނީސް ޓައިޕޭގެ އެފްއޭގެ އެލީޓް ޑިވެލޮޕްމަންޓް ހެޑް އެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބްލެކްބާން ރޯވާސްގެ ކޯޗިން ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއްގައިވެސް މަސައްކަތް ކޮށްފައެވެ.

އިނގިފައިވާ ގޮތުގައި ޖުޑާން އެފްއޭއެމްގެ މަގާމުން ވަކިކުރި އިރު އޭނާ އަންނަނީ ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވާން މަޝްވަރާކުރަމުންނެވެ. ބެލެވޭގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޖުޑާންއާ ރަސްމީކޮށް އެ މަގާމު ހަވާލުކުރާނެ އެވެ.

comment ކޮމެންޓް