މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން މި މަހުގެ 17، 18 އަދި 20 ވަނަ ދުވަހު މާލޭގައި ވަނީ އޮޕަރޭޝަންތަކެއް ހިންގައިފައެވެ.

އެ އޮޕަރޭޝަންތަކުގައި މާލޭގެ ދެ ގެ އަކާއި މައްސަލަތަކާ ގުޅުންހުރި މީހުން ތިބި ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އޮގަސްޓް 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު 256 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ރެސްޓޯރަންޓެއްގައި ތިބި 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންވަނީ ހައްޔަރުކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު ދެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ވަނީ ފެނިފައެވެ.

އެ މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެދުވަހުގެ ދެވަނަ އޮޕަރޭޝަނުގައި، ބޮޑުތަކުރުފާނު މަގު 2 ނަމްބަރު ކުނިކޮއްޓާދިމާ ތޮށިމަތިން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި، އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް