އިންޓަ މިލާން ބަލިކޮށް ސެވިއްޔާ އަނެއްކާވެސް ތަހުތަށް

އިންޓަމިލާނާއި ސެވިއްޔާ ބައްދަލު ކުރި ފައިނަލު މެޗުގެ ތެރެއިން: އެ މެޗު 2-3 އިން ކާމިޔާބު ކުރީ ސެވިއްޔާ --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ ފޯމުގައި އޮތް އިންޓަ މިލާން ބަލިކޮށް އެ މުބާރާތުގެ "ރަސްގެފާނު"ގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ސެވިއްޔާއިން ތަށި އުފުލާލައިފި އެވެ.

ޖަރުމަނުގެ ރެއިންއެނާޖީސް ސްޓޭޑިއަންގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގައި ފެވަރިޓް އިންޓަ ބަލިކޮށް ސެވިއްޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2-3ގެ ނަތީޖާއަކުންނެވެ. އެއާ އެކު ނުވަ އަހަރަށް ފަހު އިންޓައިން ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް ކުރަމުން އައި އުންމީދު ފުނޑު ފުނޑުވެގެން ދިޔައިރު މިއީ ސެވިއްޔާއިން މުބާރާތް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުން ވެސް އިންތިހާއަށް ވާދަވެރިކަން ފެނުނު ރޭގެ ފައިނަލަށް މި ދެ ޓީމު ދަތުރު ކުރި އިރު މިއީ މިހާތަނަށް ދުވަހަކު ވެސް ކުލަބުތަކުން ދެކެފައި ނުވާނެ ދިގު ސީޒަނެކެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތައް ކަޑައްތުކޮށް ޔޫރޮޕުގެ ބޮޑު ދެމުބާރާތް ވެސް ކުރިއަށް ގެންދަން ޓީމުތަކުން ކުރި ތާއީދާ އެކު ސީޒަނުގައި ބާކީ ދެން އޮތީ ޗެމްޕިއަންސް ލީގުގެ ފައިނަލް އެކަންޏެވެ. އެ މެޗުގައި ބައްދަލު ކުރާނީ މިވަގުތު ނުރައްކާތެރި ފޯމެއްގައި އޮތް ބަޔާން މިއުނިކާއި ޕީއެސްޖީ އެވެ.

މުބާރާތުގެ ތާރީހުގައި ކުޅުނު ފަސް ފައިނަލް ވެސް ކާމިޔާބުކޮށް ސެވިއްޔާ އިން މިރޭގެ ފައިނަލަށް ނުކުތީ ބޮޑު އިތުބާރަކާ އެކު އެވެ. ޔޫއެފާ ކަޕްގެ ފުރަތަމަ ދެ މުބާރާތް އެޓީމު ކާމިޔާބުކުރީ 2006 އަދި 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން އާ ފޯމެޓްގައި އެޓީމުން ވަނީ 2014، 2015 އަދި 2016 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

މެޗު ފަށައިގެން ފަސްވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން އިންޓަ މިލާނުން ވަނީ ލީޑު ނަގައިފަ އެވެ. މި ސީޒަނުގައި 35 ގޯލު ހަމަކޮށް އެ ޕެނަލްޓީ ގޯލަކަށް ހަދައިދިމީ ބެލްޖިއަމް ސްޓްރައިކަރު ރޮމެލޫ ލުކާކޫ އެވެ.

އިންޓަގެ ގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ސެވިއްޔާއިން ވަނީ ރައްދުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ވެސް ގޯލު ޖަހައި އެ ޓީމު ކަޓުވާލި ލޫކް ޑެ ޔޮންގް އެވެ.

ތަފާތު ފޯމެއްގައި ހުރި ޑެ ޔޮންގްގެ ނުރައްކާ އެހިސާބުން އިންޓައަށް ބޮޑުވި އިރު އޭނާ ވަނީ އޭގެ އިރަކޮޅެއް ފަހުން އިތުރު ގޯލެއް ޖަހައި ސެވިއްޔާ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެހެން ނަމަވެސް އިދިކޮޅު އިންޓައިން ވަނީ ދެން ދިޔަ ބޯޅައިން ގޯލު ޖަހައި އެއްވަރު ކޮށްފަ އެވެ. އެ ގޯލު އިންޓައަށް ޖަހައިދިނީ މި ސީޒަނަށް އެތުލެޓިކޯ މެޑްރިޑުން ބަދަލުވި ޑިއޭގޯ ގޮޑިން އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް އެ މެޗުގައި ފެނިގެން ދިޔަ އިރު މެޗުގެ ތަފާތަކަށް ވެގެން ދިޔައީ ފަހު ހާފުގެ 74 ވަނަ މިނަޓުގައި ސެވިއްޔާގެ ޑިއޭގޯ ކާލޯސް ޖެހި އޯވާހެޑް ކިކެއް އިންޓަގެ ލުކާކޫ ފައިގައި ޖެހިގެން ގޮސް ވަން ގޯލުންނެވެ. އެއަށް ފަހު އިންޓައިން ޓީމު ކުރިއަށް ޖައްސައިގެން ގޯލެއް ޖަހައި މަސައްކަތް ކުރި ނަމަވެސް ސެވިއްޔާއިން ވަނީ އެކަން ނާކާމިޔާބުކޮށްލައިފަ އެވެ.

ޔޫއެފާ ކަޕް / ޔޫރޮޕާ ލީގުގެ ތާރީހުގައި ހަތަރު ފައިނަލް ކުޅެ އިންޓަ ވަނީ ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެޓީމު މި ހަތަރު ފައިނަލް ވެސް ކުޅުނީ ނުވަދިހައިގެ އަހަރުތަކުގަ އެވެ. ފައިނަލުގައި އެޓީމު ބަލިވީ 1997 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ޝާލްކޭ އަތުންނެވެ.

comment ކޮމެންޓް